ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 20:57
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ސީޕްލޭން ޓާމިނަލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ސީޕްލޭން ޓާމިނަލް
އެމްއޭސީއެލް
އައު ސީޕްލޭން ޓާރމިނަލް
އައު ސީޕްލޭން ޓާރމިނަލުން ޖާގަ ކުއްޔަށް ދިނުމުގެ މަޝްވަރާތައް ވަނީ މަޑުޖެހިފަ: އެމްއޭސީއެލް
މަޝްވަރާތައް މަޑުޖައްސާލާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން
ޓާރމިނަލް ފަރުމާކުރެވިގެންދާނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތް ކުރެވޭ ގޮތަށް
އެއަރޕޯޓްގައި ހަދާފައިވާ އައު ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއަރޕޯޓުގެ އޮޕަރޭޝަނަށް ވަރަށް މުހިންމު ކަމެއް

އައު ސީޕްލޭން ޓާރމިނަލުން ޖާގަ ކުއްޔަށް ދިނުމުގެ މަޝްވަރާތައް މަޑުޖެހިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައު ސީޕްލޭން ޓާރމިނަލާއި، ވީވީއައިޕީ ޢިމާރާތް ހިންގާ ބަލަހައްޓާނީ އެމްއޭސީއެލުން ކަމަށެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ ކުއްޔަށް ހިފައިގެން ކަމަށެވެ. އެމްއޭސީއެލްއާ ސީޕްލޭން އޮޕަރޭޓަރުންނާ ދެމެދު ޓާމިނަލް އިން ޖާގަ ކުއްޔަށް ދިނުމުގެ މަޝްވަރާތައް ކުރެވުނު ނަމަވެސް މިހާތަނަށް އައިރު އެއްވެސް އޮޕަރޭޓަރަކާއެކު ޓާރމިނަލް އިން ޖާގަ ކުއްޔަށް ދިނުމުގެ މަޝްވަރާތައް ކުރެވިފައިނުވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި މިވަގުތު މި މަޝްވަރާތައް މަޑުޖައްސާލާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާރމިނަލަކީ ކުރިމަގުގައި ސީޕްލޭން ޓާރމިނަލް ތަރައްޤީ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށް އެމްއޭސީއެލުން ބުނީ ޓާރމިނަލެއްގައި ހުންނަން ޖެހޭ ވީވީއައިޕީ/ ލައުންޖް، އަދި ޕެސެންޖަރ، ބެގޭޖް ހެންޑްލިން ފެސިލިޓީ، ރީޓޭލް ވިޔަފާރި، އެފްއެންޑްބީގެ ޚިދުމަތް ލިބޭ ގޮތަށާއި، އެއަރލައިން އޮޕަރޭޓްކުރާ ފަރާތްތަކާއި ޓާރމިނަލް މެނޭޖުކުރާ ފަރާތްތަކުގެ އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުުރުން މުވައްޒަފުންގެ ރެސްޓްރޫމް ފަދަ ތަންތަންވެސް ހިމެނޭ ގޮތަށް މި ތަން ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ.

26 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ޢިމާރާތް ކުރެވޭ ކޮމްޕްލެކްސްގައި 4 ފަންގިފިލާގެ (ޖުމްލަ 28000 އަކަމީޓަރު) ގެ ސީޕްލޭން ޓާރމިނަލަކާއި 1 ފަންގިފިލާގެ (120 އަކަމީޓަރުގެ) ވީވީއައިޕީ ޢިމާރާތެއް ހިމެނޭ ކަމަށެވެ. އަދި މި ޓާރމިނަލް ފަރުމާކުރެވިގެންދާނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތް ކުރެވޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެމްއޭސީއެލުން ބުނީ މި އިމާރާތުގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރގައި ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްއޭސީއެލުން އިތުރަށް ބުނީ އެއަރޕޯޓްގައި ހަދާފައިވާ އައު ރަންވޭ އޮޕަރޭޓުކުރަން ފެށުމަކީ އެއަރޕޯޓުގެ އޮޕަރޭޝަނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް އައު ރަންވޭ އޮޕަރޭޓް ކުރެވެން އަންނަނީ މިވަގުތު ރަންވޭއާ އިންވެގެން ހުރި އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ ފެސިލިޓީސް އާއި އެ ޞަރަޙައްދުގައިވާ އެހެނިހެން ޢިމާރާތްތައް ހުސްކުރެވިގެން ކަމަށެވެ. އަދި ޓީއެމްއޭގެ ޢިމާރާތްތައް ފިޔަވާ، ދެން ހުރި ހުރިހާ ޢިމާރާތްތައް ކުރިއަތް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ. އެހެންނަމަވެސް ޓީއެމްއޭގެ ޢިމާރާތް ހުސްކުރެވެން އަންނަނީ މިވަގުތު މަޑުޖަައްސާލާފައިވާ މަޝްވަރާތަކަށް ޙައްލެއް ލިބިގެންކަމަށެވެ.

- ކޮމެންޓް