ޔޫކްރެއިންގެ ކުރީގެ ރައީސް ޕެޓްރޯ އޮލެކްޝިއޮވިޗް ޕްރޮޝެންކޯ މި އަހަރު ޖެނުއަރީ މަހު ރާއްޖޭގައި ހޭދަކުރެއްވި އަގު ބޮޑު ޗުއްޓީއެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ ބަލަން ފަށައިިފިއެވެ.
ޔޫކްރެއިންގެ ސްޓޭޓް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެސްބީއައި) އިން ބަލަނީ، ފޭކް ޑޮކިއުމެންޓްސް ތަކެއް ބޭނުންކޮށްގެން ގައުމުން ބޭރަށް ޕްރޮޝެންކޯ ވަޑައިގަތް މައްސަލައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖެނުއަރީ މަހުގެ 8-2 އަށް ރާއްޖޭގެ ރިސޯޓެއްގައި އާއިލާގެ މެމްބަރުންނާއެކު އޭނާ ވަނީ ޗުއްޓީ ހޭދަކުރައްވާފައެވެ. ނަން އޮޅުވާލައިގެން އެ އާއިލާ މީހުން ރާއްޖެ އައިސްފައި ވަނީ ޕްރައިވެޓް ޖެޓެއްގައެވެ.
ޔޫކްރެއިންގެ މަހުޖަނެއް ކަމަށްވާ ޕްރޮޝެންކޯ 10 މީހުންނާ އެކު ރާއްޖޭގައި ހޭދަކުރެއްވި ހަތް ރޭގެ ޗުއްޓީ އަށް ފަސް ލައްކަ ޑޮލަރު ހޭދަ ކުރައްވާފައިވެއެވެ. ޕްރެޝެންކޯގެ އިތުރުން އާއިލާގެ މެމްބަރުން ޔޫކްރެއިންގެ ބޯޑަރާ ކަސްޓަމްސް އިން އެއްވެސް ވަރަަކަށް ޗެކް ކޮށްފައިނުވާ ކަމަށް އެ މައްސަލަ ބެލި ބެލިމުން ފާހަގަވެފައިވާ ކަމަށް ޔޫކްރެއިންގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.
ރެއަކަށް 46 ހާސް ޑޮލަރު ދައްކައިގެން ޝެވެލް ބްލަންކް ރަންދެލީ ރިސޯޓަށް ޕްރެޝެންކޯ ޗެކިން ވެފައިވަނީ ''ޕެޓްރޯ އިންކޮގްނިޓޯ'' ގެ ނަމުގަ އެވެ. މީގެ ކުރިން ޕްރެޝެންކޯގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ވެރިކަމުގައި ހުންނެވި އިރު އޭނާ އެއްވެސް ވަރަކަށް ޗުއްޓީ ނުނަންގަވާ ކަމަށެވެ.
އެ މައްސަލަ ފެންމަތިވުމާއި އެކު އަމިއްލަ ދަތުރުފުޅެއްގައި ޕްރެޝެންކޯ ރާއްޖެ ވަޑައިގަތް ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އިތުުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖެއަށް ކުރެއްވި ދަތުރުގެ ވާހަކަ ޔޫކްރެއިންގެ މީޑިއާ ގައި ތިލަވެ އޭނާ އަށް ފާޑުކިޔުންތައް އަމާޒުވި އެވެ.
ޔޫކްރެއިން އިންވެސްޓިގޭޓިވް ޖާނަލިސްޓަކު ހަދާފައިވާ ރިޕޯޓު ބުނާ ގޮތުން، ރައީސް ޕްރެޝެންކޯ ޔޫކްރެއިންގެ ކިއެވް އިން މާލެ ވަޑައިގަތީ ޓާކިޝް އެއާލައިންގެ ޖެޓަކުންނެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވި ހުރިހާ ދުވަހެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ޖެޓް އޮތް ކަމަށް އެ ރިޕޯޓުގައި ބުނެއެވެެ. އެ ޖެޓަށް 154،000 ޔޫރޯ ހޭދަކޮށްފައިވެއެވެ.
ރަންދެލީ ރިސޯޓްގައި ޕްރެޝެންކޯ ހޭދަކުރެއްވި ޗުއްޓީ އަށް ހަތް ރެޔަށް 276،000 ޑޮލަރު ހޭދަ ކުރައްވާފައިވާއިރު، ރިސޯޓުގެ ހަރަދުތަކަށް 37،550 ޑޮލަރު އަރާފައިވާ ކަމަށް ލީކްވެފައިވާ ބިލްތަކުގައި ވެއެވެ. ޔޫކްރެއިންގެ ގާނޫނޫ ގައިވާ ގޮތުން ގައުމުން ބޭރަށް ނަގުދު ފައިސާގެ ގޮތުގައި އެންމެ ގިނައިން ގެންދެވޭނީ 10،000 ޔޫރޯ އެވެ.