މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ޖިނާއީ ދައުވާ ސާބިތުކުރެވެން ނެތްކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އެމައްސަލަ އަނބުރާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ފޮނުވާލައިފިއެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ދިމާވި ސިއްހީ މައްސަލައަކާއި ގުޅިގެން އިބްރާހިމް ރަޝީދު މަރުވެފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގެ ތެރޭގައެވެ. މިމައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލުވެފައިވާ ކަމަށް ނިންމައި އެޗްއާރްސީއެމްއިން ވަނީ ކަރެކްޝަނަލް ސާވިސްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ތަފާތު ދެ ފަހަރެއްގެ މަތިން ޕީޖީ އަށް ފޮނުވާފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ މޭ މަހުގައާއި 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވެއެވެ.
އެމައްސަލައިގެ ތަހުގީގުގައި އެޗްއާރްސީއެމްއަށް ފާހަގަކުރެވިފައިވާ ކަންކަމަށް ބަލާއިރު، އަބްދުﷲ ރަޝީދުގެ ސިއްހީ ހާލަތު ގޯސްވެގެން އެންމެ ފުރަތަމަ ފަރުވާ ހޯދާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭގަނޑުގައެވެ. އަދި އަބްދުﷲ ރަޝީދުގެ ހާލު ދެރަވެގެން އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުމާ ހަމައަށް ތަފާތު ތިން ފަހަރެއްގެ މަތިން ކ.މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދީފައިވެއެވެ.
އޭގެ އިތުރުން އިބްރާހިމް ރަޝީދަށް ފަރުވާދިން އެއް ޑޮކްޓަރަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރެއް ނޫންކަމުގައިވެސް އެޗްއާރްސީއެމްގެ ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. އަދި މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި ސިއްހީ ފަރުވާދެނީ ގާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްގެން ނޫންކަންވެސް އެޗްއާރްސީއެމްގެ ތަހުގީގުން އެނގިފައިވެއެވެ. އެޗްއާރްސީއެމްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސަމާލުކަމަށް މިކަން ގެނައުމާއި ގުޅިގެން، ކ.މާފުށީ ޖަލުގެ މެޑިކަލް ސެންޓަރު މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގައެވެ.
އެޗްއާރްސީއެމްގެ ތަހުގީގު ނިންމުމަށް ފަހު އެކޮމިޝަނުން ވަނީ މި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިހުމާލުވެފައިވާކަމަށް ނިންމާފައެވެ. ނަމަވެސް ޕީޖީން ނިންމީ މިކަމުގައި ޖިނާއި ނިޔަތާ ގުޅޭ އެއްވެސް ކަމެއް ސާބިތުކުރެވޭ ވަރަށް ހެއްކާ ގަރީނާ ލިބިފައިނުވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ބަޔާނުން އެ ފަރާތްތަކުގެ ރަސްމީ ވާޖިބު އަދާނުކޮށް ދޫކޮށްލިކަމުގެ ދައުވާއެއް ކުރެވެން ނެތް ކަމަށް ޕީޖީން ވަނީ އެޗްއާރްސީއެމްއަށް އަންގާފައެވެ.
އޭގެ އިތުރުން މި ހާދިސާ ހިނގުމާ ހަމައަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކ.މާފުށީ ޖަލުގައި ސިއްހީ ހިދުމަތްދިނުމަށް، ސިއްހީ ހިދުމަތްދިނުމުގެ ލައިސަންސްއެއް ހޯދާފައި ނެތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ޖިނާޢީ ކުށުގެ އުންސުރުތައް ފުރިހަމަވާކަމެއް ނޫންކަމަށް ވެސް ޕީޖީން އަންގާފައިވެއެވެ. ސިއްހީ ހިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސްނެތި، ސިއްހީ ހިދުމަތް ދިނުމަކީ ކުށެކެވެ. ނަމަވެސް ޕީޖީން ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންގެ މައްޗަށް ދައުވާކުރެވެން ނެތްކަމަށް ނިންމާފައެވެ.
ރަޝީދުގެ އާއިލާއިން ވަނީ މިކަމުގައި ކަރެކްޝަނުން އިހުމާލުވެފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކޮށްފައެވެ. ރަޝީދު މަރުވެފައިވަނީ އެތެރެހަށީގެ ގުނަވަންތަކުގައި އިންފެކްޝަން އުފެދި، ފުއްޕާމެއާއި ކިޑްނީ ފެއިލް ވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، އޭނާގެ އަންހެނުން ޝެހެނާޒު އަބްދުއްރަހީމް ބުންޏެވެ. އެގޮތުން ބަލިވެ، އެތައް ދުވަހެއްވީ އިރުވެސް އެންމެ އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައިނުވުމާއި އެންމެ ފުރިހަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އައިލާއަށް ކަންކަން ކުރަންވީގޮތް އެންމެ ފުރިހަމައަށް ކަރެކްޝަނުން ކިޔާދީފައިނުވާ ކަމަށް އައިލާއިން ބުނެ އެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން އަބްދުﷲ ރަޝީދުގެ ރަޝީދުގެ މައްޗަށް ހުކުމްކޮށްފައިވަނީ މުޒާހަރާގެ ތެރޭގައި ފުލުހުންނާ މާރާމާރީ ހިންގިކަމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.