އުމްރާނީ ތަރައްގީ އަށް ވުރެ ބޮޑަށް ދިވެހިން މިއަދު ކަރު ހިއްކައިގެންފައި ވަނީ އަދުލު އިންސާފަށެވެ. މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން އެކަން އެ ވަނީ ހާމަކޮށްދީފައެވެ. އިސް އުފުލާލީމާ ލޮލޮކޮޅަށް ނުފެންނަ އުސް އިމާރާތާއި އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްގެން ހެދި ބްރިޖަށް ވުރެ ވެސް ގިނަ ރައްޔިތުން ބޭނުންވީ އަދުލު އިންސާފު ހޯދުމަށެވެ. ނަޖިސްވެފައިވާ ފަނޑިޔާރު ގެތައް ސާފުކުރުމަށެވެ. ރިޔާސީ އިންތިހާބުގައި ވެސް އަދި މަޖިލީހުގެ އިންތިހާބުގައި ވެސް ރައްޔިތުން މެޖޯރިޓީ ދިނީ އަދުލު އިންސާފުގެ ވާހަކަ ދެއްކި ފަރާތްތަކަށެވެ.
ފަނޑިޔަރުގެތައް ދޮވެ ސާފުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކަން ކުރަން ތިބި ފަރާތްތަކަށް ވެސް އެއީ ވަރަށް ބޮޑު ގޮންޖެހުމެއްކަން އެނގެއެވެ. އާ މަޖިލީހާ އެކު އެ މަސައްކަތުގެ ފުރަތަމަ މަރުހަލާ އެ ވަނީ ފަށާފައެވެ. ހަމަ ފެށުމާ އެކު މި ވަނީ ބޮޑު ހަނގުރާމައެއް ފެށިފައެވެ. އެއްކޮޅުން މުގުލުގައި ތިއްބެވީ ރައީސް ނަޝީދާއި މަޖިލީހުގެ މެންބަރުންނެވެ. އަނެއްކޮޅުގައި ރާއްޖޭގެ އެންމެ މަތީ ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނެވެ. ފަހަތުގައި އަޑިނުބައި ބަޔަކު ނުތިބޭނެޔެކޭ ބުނާކަށް ނޭނގެއެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަޅަކީ ފަސް އަހަރެއްހާ ދުވަސް ވަންދެން ނިދާފައި އޮތް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ހޭލައްވާލުމެވެ. މަޖިލީހުގެ ރައީސްގެ ހައްސިއްޔަތު ޖޭއެސްސީ އަށް ވެންނެވުމަށް ފަހު ލަސްތަކެއް ނުކުރައްވައި މަސައްކަތް ފެއްޓެވިއެވެ. ފުރަތަމަ ވެސް މަތީ ކޯޓުންނެވެ.
ސުޕްރީމް ކޯޓާ މެދު ކުޑަ ވެސް އިތުބާރެއް ދިވެހި ރައްޔިތުން ނުކުރާ އެތައް ސަބަބެއް އެބަހުއްޓެވެ. އެއީ އަލުން ބަލުން ރައްޔިތުންނަށް ވެސް ކިޔައިދޭންޖެހޭ ވާހަކަތަކެއް ނޫނެވެ. އެކަމާ ބެހޭ ގޮތުން މިހާރު ނުލިޔެވި އޮތް ވާހަކައެއް ނުދެއްކި އޮތް މަންޒަރެއް ނޯންނާނެއެވެ. ބަދުއަހްލާގީ އަމަލުތަކުން ފެށިގެން ކޮރަޕްޝަނާއި ފަސާދަ އާއި މި ނޫން ވެސް އެތައް ތުހުމަތުތަކަކުން އެ ކޯޓު ވަނީ ތަގައްޔަރުވެ "ނަޖިސްވެފަ" އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ކަރަށް މަޅި ވަދެ މިދިޔަ ސަރުކާރުގެ ތެރެއިން ވަނީ އަދަބު ލިބިފައެވެ. މި ވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރޭގައި ވެސް ބޮޑެތި ތުހުމަތުތައް ކުރެވޭ ބޭފުޅުން އެބަ ތިއްބެވިއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު އެ ކޯޓުން ނެރުނު އަމުރާއި އެ އަމުރަށް ވެގެން ދިޔަ ގޮތް އެނގޭ ކުޑަކުއްޖަޔަކަށް ވެސް އެ ކޯޓުގެ ހާލަތު ވިސްނޭނެއެވެ. އެހެންކަމުން ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތް އެންމެ މަތިން ފެށުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ.
ސުޕްރީމް ކޯޓު އިސްލާހުނުކޮށް ދަށު ކޯޓުތަކުން ފަށައިފި ނަމަ އެކަމަށް އެންމެ ފުރަތަމަ ހުރަސް އަޅާނެ ބަޔަކީ ސުޕްރީމް ކޯޓުކަން އެންމެނަށް ވެސް އެނގެއެވެ. ކަންވީ ވެސް އެންނެވެ. ސުޕްރީމް ކޯޓު އިސްލާހުކުރުމުގެ މަސައްކަތް ފެށުމާ އެކު ވެސް ހުރަސްތައް ކުރިމަތިކުރުވަން އެ ވަނީ ފަށާފައެވެ. އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ރައީސް ނަޝީދު ހުށަހެޅުއްވުމާ އެކު އަދި ފުލުހުން ވެސް އެ މައްސަލަ ބަލަން ފެށުމާ އެކު ޖޭއެސްސީ އިން އެ ވަނީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމާފައެވެ. ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ގާނޫނުން މަތިކޮށްފައިވާ ފަރާތެވެ. އެހެންކަމުން ފަނޑިޔާރެއްގެ ސުލޫކީ އެފަދަ ބޮޑު މައްސަލައެއް ތަހުގީގުކުރާ އިރު އެ ފަނޑިޔާރަކު ސަސްޕެންޑްކުރުމަކީ އެއީ މައްސަލައަކަށް ވާންޖެހޭ ސަބަބެއް ނޫނެވެ. އެންމެ ރިވެތި ގޮތަކީ ވެސް އެފަދަ ތުހުމަތެއް ކުރެވޭ ބޭފުޅަކު ކުށެއް ނެތްކަން ސާބިތުވަންދެން ދުރުގައި ހުނނެވުމެވެ.
ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެންމެ ފަހު ބަސް ބުނާ ބަޔަކީ ތިމަންނާމެންނޭ ކިޔައި ސުޕްރީމް ކޯޓުން އެވަނީ ޖޭއެސްސީގެ ނިންމުން ބާތިލްކޮށްފައެވެ. އެ ހިސާބުން އުފެދޭ ސުވާލަކީ އެއީ އެ ކޯޓަށް ކުރެވިދާނެ ކަމެއް ހެއްޔެވެ؟
ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ވެސް ގާނޫނީ ގޮތުން ޖޭއެސްސީ އަށް މަތިކޮށްފައިވާ ޒިންމާއެކެވެ. އެ ޒިންމާ އެ ފަރާތުން އަދާނުކޮށް ދޫކޮށްލުމަކީ ގާނޫނުއަސާސީއާ ހިލާފުވުމެވެ. ހަމަ އެ ގޮތަށް އެންމެ ފަހު ބަސް ބުނާ ބަޔަކީ ސުޕްރީމް ކޯޓު ކަމަށް ވެސް އެބަ އޮތެވެ. އެހެންކަމުން އެ ކޯޓުން ނިންމާ ނިންމުމަކަށް ތަބާނުވުމަކީ ވެސް ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް މާނަކުރާ ގާނޫނީ ބޭފުޅުން ވެސް މަދެއް ނޫނެވެ. މި ދެ މެދުގައި އުސޫލީ މައްސަލަތައް ނަންގަވާ ގާނޫނީ ވަކީލުން ވެސް މަދެއް ނޫނެވެ. އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަހު ބަހަކީ އެންމެ ފަހުގެ ބަސް ކަމަށް ބުނުމުގެ މާނަ ބުރަވަނީ އުސޫލީ ހަމަތަކުގެ މަތިން ނިންމާ ނިންމުތަކުގައެވެ. އެ ކޯޓުގެ ފަނޑިޔާރެއްގެ މައްސަލައާ މެދު ގާނޫނީ ގޮތުން އަޅާ ފިޔަވަޅެއްގައި ސުޕްރީމް ކޯޓަށް ފަހު ބަސް ބުނުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެއީ މަސްލަހަތު ފުށުއަރާ ކަމެކެވެ.
މި ދެ ބަހުސްގައި ސުޕްރީމް ކޯޓު އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. މަރުތަޅު އެޅުވުނަސް ފަހަތަށް ޖެހެން ނޫންކަން އެ ކޯޓުގެ އަމަލުތަކުން އެނގެއެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމުގައި އެހީތެރިއެއްގެ ގޮތުގައި ގެނައި ދެކުނު އެފްރިކާގެ ތަޖުރިބާކާރާ މެދު ވެސް ސުޕްރީމް ކޯޓުން ކަންތައްކުރެއްވީ ވަރަށް އިހާނެތިކޮށެވެ. މަގު ޗާޓެއް އެކުލަވާލައި ތިމަންނާމެން ތިމަންނާމެންގެ ކަންކަން އަމިއްލަ އަށް އިސްލާހުކުރާނެ ބުނި ނަމަވެސް ދިވެހި ރައްޔިތުން އެ ބަހަކަށް އިތުބާރެއް ނުކުރެއެވެ.
މަޖިލީހާއި ޖޭއެސްސީން ފަށާފައިވާ މަސައްކަތަށް ސުޕްރީމް ކޯޓުން ފާޅުގައި ދެކޮޅު ހަދާނެކަން އެންމެނަށް ވެސް އެނގެއެވެ. ނަމަވެސް މި ފަހަރު ކުރި ލިބޭނީ ރައްޔިތުންނަށެވެ. ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ބޭނުންވާ ގޮތް އެ ވަނީ ވަރަށް ސާފުކޮށް ބުނެދީފައެވެ. މަޖިލިސް އުފާލައި ހުރިހާ މެންބަރު ހައްޔަރުކުރަން ދައުލަތުގެ ސަލާމަތީ ހިދުމަތް ދޭ ފަރާތްތަކަށް އަމުރެއް ކުރިޔަސް ފަނޑިޔާރު ގެތައް އިސްލާހުކުރުމުގެ މަސައްކަތް މި ފަހަރު ހުއްޓުވޭނެހެނެއް ހިއެއް ނުވެއެވެ. ބަޔަކު އަޑީގައި ތިބެގެން ކިތަންމެ ވަރަކަށް ފަނޑިޔާރުންނަށް އެހީތެރިވިޔަސް މި ފަހަރު ކޮޅެންގައި ޖެހެން އެބަޖެހެއެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށެވެ. އެހެންކަމުން ދެ ބުޅަލުގެ ކޯޅުން ނިމޭނެ ގޮތް މިހާރު ވެސް އެއޮތީ ފެންނަށެވެ.