ހަވީރުގެ ފިނި ވަގުތެވެ. ކުދިބޮޑު އެންމެން ޖަމާވެފައި ވަނީ 127 ވަނަ ސިފައިންގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭގެ ހެވިކަން ބަލާލުމަށެވެ. މިނިވަންވަޔާއި ޖައްވުގައި ގައުމީ ދިދަ ވިހުރިގެންދާއިރު، މާލޭގެ މަލަމަތީގައި ދިއްލާލާފައިވާ ސްކްރީންގައި އަޅުވާފައި ހުރީ ރާއްޖެޓީވީއެވެ.
އެމްއެންޑީއެފްގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ އެޅުވީ ހުކުރު ދުވަހު ހަވީރު ރާއްޖެޓީވީން ވަގުތުން ދައްކަމުންދިޔަ އެމްއެންޑީއެފުން ޑްރިލް ޑިސްޕްލޭގެ ހެވިކަން އެތަނަށް އެއްވެފައި ތިބި މީހުންނަށް ދައްކާލުމަށެވެ. ޖުމްހޫރީ މައިދާނުގައި ކުރިއަށް ދިޔަ ހެވިކަމުގެ އެ މަންޒަރުތައް ކައިރިން ބަލާލަން ނުލިބޭ މީހުން ވެސް، ބަނދަރުގައި އަޅާފައިވާ އުޅަނދުތަކުގައި ތިބެގެން ވެސް ބަލާލުމުގެ ފުރުސަތު އެމްއެންޑީއެފުން ފަހިކޮށްދިނީ ރާއްޖެޓީވީގެ ލައިވް ފީޑު ސްކްރީނަށް އަޅުވައިގެންނެވެ.
ސިފައިގެން އިމާރާތުގެ ބޮޑު ސްކްރީނުން ރާއްޖެޓީވީ ފެންނާނެ ކަމަށް މި އިން ދުވަހަކު ގަބޫލެއްނުކުރަމެވެ. އެއީ ކަޅުތުއްކަލާކޮށްޓާއި (ކޭކޭ) ބައްޑާރަކޮށި (ބީކޭ) މި ފާއިތުވި އަހަރުތަކުގައި ރާއްޖެޓީވީއެއް ނުލިބެއެވެ. ލިބޭ މަދު ފަހަރުގައި ވެސް ރާއްޖޭޓީވީގެ އަޑެއް ނުލިބެއެވެ. މިއީ ސިފައިންގޭގައި މަސައްކަތް ކުރާ އެތައް ސިފައިނުންގެ ކަންބޮޑުވުންފާޅު ކުރިކަމެއް ނަމަވެސް ދާދިފަހަކަށްދަންދެން މިކަން އޮތީ މިހެންނެވެ.
ޒަމާނާއި ހާލަތު ބަދަލުވެއްޖެއެވެ. ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީންގެ ވެރިކަން ނިމި މާގިނަ ދުވަސްތަކެއް ނުވަނީސް ރާއްޖެޓީވީގެ އަޑު ވެސް މިހާރު ސިފައިން ދިރިއުޅެމުން އަންނަ ކޭކޭ އަދި ބީކޭއަށް ލިބެއެވެ.
ސިފައިންނަކީ އެ ގައުމެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނާއި އެ ގައުމެއްގެ ހިނގާ ހުރިހާ ކަމެއް އެންމެ ގާތުން ބަލަންޖެހޭ ބައެކެވެ. އެގޮތުން ބްރޯޑްކާސްޓްކުރާ މީޑިއާއެއް އަޑުކަޑާލައި ސިގްނަލް ނުލިބޭ ގޮތް ހެދުމަކީ ވަރަށް ދެރަކެމެކެވެ.
ނަމަވެސް މިއަދު ތަފާތު ކުރުމެއް ނެތި ހުރިހާ މީޑިއާއެއް ޚިދުމަތް ލިބި ރާއްޖެޓީވީ ސިފައިންގެ ބޮޑު ސްކްރީނިންގައި އެޅުވުމަކީ ސިޔާސީ އެއްވެސް ކުލައެއް ނުވަތަ ފިކުރެއް ފެތުރުމަށް މަސައްކަތް ނުކުރާކަމުގެ އެއް ނިޝާނެއެވެ.