މަސްވެރިކަމަކީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާ އަދި ރާއްޖޭގެ އިގްތިސާދަށް ވެސް އެހާ ބޮޑު މަންފާއެއް ކުރާ ކަމަކަށް ވާއިރު މަސްވެރިންގެ ޝަކުވާ އަޑުއަހައި އެކަންތައް ހައްލުކޮށްދެއްވަން ސަރުކާރުތަކުން މަސައްކަތް ކުރައްވަނީ ކިހާ ވަރަކަށް ތޯ ؟ މަސްވެރިންގެ ލޮލުގައި ވެރިކަމަށް އަންނަ ކޮންމެ ބޭފުޅަކު ވެސް ކެމްޕެއިންތަކުގައި ، މަހަށް ހެޔޮ އަގު ހޯދައިދޭނަމޭ ، ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދޭނަމޭކިޔާ މަސްވެރިންގެ ލޮލުގައި އަނދުންއަޅުވަމުންދާއިރު ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެވޭނީ ކޮންއިރަކުން ބާ ؟
މަސްވެރިން އަބަދުވެސް ޝަކުވާކުރަމުން އަންނަ އެއްކަމަކީ ބާނާ މަހަށް ހަމަ އަގު ނުލިބުން ނުވަތަ މަސް ކިރާނެ ގޮތެއް ނެތި ނުވަތަ އައިސް ފަސޭހައިން ލިބޭނެގޮތް ނެތުމުގެ ވާހަކައެވެ. މިއީ މިއަދަކު ނުވަތަ އިއްޔެއަކު މަސްވެރިން ދެއްކި ވާހަކައެއް ނޫނެވެ. މިހާރު ދިމަވާ އެންމެ ބޮޑު ގޮންޖެހުންތައް ރާއްޖެއެމްވީއަށް ހިއްސާކުރަމުން ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބުނީ 5 ޓަނު ނުވަތަ 6 ޓަނު މަސްބާނާއިގެން ހަފްތާއެއް ވަންދެން ކިއޫގައި މަސްނުކިރި މަޑުކުރަންޖެހޭ ކަމަށެވެ. ކާންބޯން އަނބިދަރިންނާއި ދުރުގައި އެތައް ދުވަހެއް ވަންދެން ކުރާ މަސަތްކަތުން ދެކޮޅު ނުޖެހޭވާހަކައެވެ. އެހެނީ ބާޒާރުގައި މަސްކިލޯއެއްގެ އަގު 35 -40 އަށް އުޅޭއިރު ލަހުން ކިރުމުގެ ސަބަބުން މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު މަސްވެރިން ތިބެން ޖެހެނީ މަހަށް ނުގޮހެވެ. ސަބަބަކީ ކޮބައިތޯ ؟ މަސްވެރިންނަށް ދިމާވާ މި ތަފާތު ގޮންޖެހުންތައް ހައްލު ނުކުރުމުގެ ސަބަބުންނެވެ. މަސްވެރިޔާ ބުނީ މަސްތައް ނުކިރި ހޭދަވާ ވަގުތުތަކަކީ ވަރަށް ބޮޑަށް ބޭކާރުވެގެންދާ ވަގުތުތަކެއް ކަމަށާއި މިހެންވުމުގެ ސަބަބުން މަސްބާނާ ދުވަސްވަރު މަސްވެރިންނަށް މަސް ލިބުމުގައި ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެ މިފްކޯގެ ސަބަބުން އާމްދަނީ ހޯދެން އޮތް މަގަށް އިތުރު ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ. އެއީ ތެދުވާހަކައެކެވެ. ހުދު މިފްކޯއަކުން ވެސް މިކަމާއި ދެކޮޅު ނުހަދައެވެ.
މަސްވެރިންގެ އަނެއް ކަންބޮޑުވުމަކީ، ހައްގުވާ ފައިސާކޮޅު ހޯދަން މަސްވެރިން ކުރަންޖެހޭ ޚަރަދާއި ދަތުރެވެ. އެއީ އެތައްސަތޭކަ މޭލަށް ދުއްވައިގެން ބާނާމަސްކޮޅު ކިރުވަން މަސްކިރާ ބޯޓުތައް ކައިރިޔަށް މަސްވެރިންނަށް ދާންޖެހެ އެވެ. އެވަރުން ވެސް މަސްވެރިންނަށް ހައްގުވާ ފައިސާކޮޅު އަތުންއަތަށް ނުލިބޭއިރު، އެފައިސާ ހޯދަން ވެސް ގިނަ ފަހަރަށް ދާންޖެހެނީ މަސްވެރިންގެ އަމިއްލަ ޖީބުން ހަރަދު ކޮށްގެންނެވެ. ނުވަތަ އެ ފައިސާތައް ލިބެނީ 2 ހަފްތާއެއްހާ ދުވަހުގެ އިންތިޒާރަށް ފަހުގައެވެ.
މިއީ މަސްވެރިކަން ކުރާ ފަރާތްތަކާއި ސުވާލު ކޮށްލުމުން މިއަދުު ލިބުނު ޖަވާބުތަކެވެ. އިންޓަވިއުގައިވެސް ކުރި ޝަކުވާއަކީ ދިމާވާ ދަތިތައް ކިޔައިދިނަސް މިކަންތައް ހައްލުކުރަނީ ނުވަތަ އަޑުއަހާނީ ކާކުބާއެވެ. ހަގީގަތުގައި ވެސް ވަރަށް ހިތްދަތި ވާހަކަތަކެވެ.
މިއީ ހޯމަ ދުވަހުގެ ހެނދުނު ކަންނެލި ބާނާއިގެން އައި ދޯންޏެއް ، މިއަދު މިއީ ބުރާސްފަތި . އަދި ނުކިރަން ކަންނެލި . ކަންނެލި ބޭނީ 2 ދުވަހުން . ކަންނެލި ކިރަން ހުޅުމާލެ ޖެޓީގައި އޮންނަތާ މިއަދަށް މިއީ ހަތަރު ވަނަ ދުވަސް. ކަންނެލި ކިރިގެން ލާރި ލިބި އައިސް ލިބި ފުރޭ އިރުގައި އޮންނަނީ މިހަފްތާ ނިމި އަންނަ ހަފްތާ ފެށިފައި . މިއަށް ވުރެން ބޮޑު ދަތިތަކެއް ނުހުންނާނެ . މީގެ ކުރިން މިކަންތައް މިހާވަރަކަށް ދިމާނުވޭ . އަހަރަމެންނަށް ދަތިތައް ހިއްސާކުރުމަށް މާ އެތެރެއަށް ދެވޭކަށް ނޯވޭ . ޝަކުވާ ކުރެވޭ ފަރާތްތަކަށް ކުރަން . އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އަންނަން އުޅުނު އިރު ވަރަށް ގިނަ ވާާހަކަތަކެއް ހިއްސާކުރި . އަހަރަމެންގެ ހާލަތު ދުވަހަކުން ދުވަހަކު ހަގީގަތުގައި ދަނީ ގޯހަށް . މިއަދު ކަންނެލި ކިލޯއެއް ދޯނި ފަހަރުން ކިރީ 35 ރުފިޔާއަށް.
މިއީ ދަރަނބޫދޫއަށް ނިސްބަތްވާ މަސްވެރިއެއްގެ ޝަކުވާއެވެ. ސަރުކާރަށް މަސްވިއްކައިފިނަމަ ލާރި ލިބޭގޮތް ލަސްވާކަން ފާހަގަކޮށް އޭނާ ބުނީ ޕްރައިވެޓް ކުންފުންޏަކަށް ވިއްކައި ވަގުތުން ލާރި ލިބުމުން މާ ހިތްހަމަޖެހޭ ކަމަށެވެ. ސަރުކާރަށް ބުނެލަން އޮތް ވާހަކައަކީ ، މަސްކިރޭނެ ގޮތް ހަމަޖައްސައި އައިސް ލިބޭނެގޮތް ވީހާވެސް ފަސޭހައިން ހަމަޖެއްސުން ކަމަށް އޭނާ ބުންޏެވެ.
މި ސަރުކާރުން ވައުދު ވިޔަސް އަދި މި ސަރުކާރުގަ ހަމަ އަގު މަސްވެރިންނަކަށް ނުލިބޭ. މިފަހަރު ވެސް ފަސް ޓަނު ކަންނެލި ބާނައިގެން އައިމަ މިހާރު ވެސް ކިލޯއެއް ހުރީ 45-30 އަށް. ކިހިނެއްތޯ ހަމަ އަގު އަޅުގަނޑުމެންނަށް ލިބޭނީ. މިއީ ވަރަށް ދެރަކަމެއް ކުރިޔަށް މިއޮތީ ރަމަޟާން މަސް، އެކަށީގެންވާ އެއްޗެއް ނުލިބޭ.
މަސްވެރިންގެ މި ޝަކުވާތަކާއި ގުޅިގެން މިފްކޯގެ މެނޭޖިންގް ޑިރެކްޓަރ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފްކޯއިން އައިސް ލިބުމުގެ ދަތިތަކާއި ފައިސާ ވަގުތުން ވަގުތަށް ދިނުމުގެ ދަތިކަން ހުންނަކަން ގަބޫލުކުރާ ކަމަށާއި ، އެކަންތައް ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށް މަސަތްކަތް ކުރާނެ ކަމަށެވެ. ތެދެކެވެ . ހައްލު ހޯދައިދިނުމަށް މަސަތްކަތް ކުރެއެވެ . އެކަމަކު މިފްކޯއިން ދިނީ އެންމެ ފަސޭހަ އެއް ޖަވާބު . ވެރިކަން ބަދަލުވި އިރު މިފްކޯ އޮތީ ވަރަށް ނާޒުކު ހާލަތުގައި ކަމަށާއި އެގޮތުން އެތައް މަސްކިރާ ބޯޓެއްގެ ޖަނަރޭޓަރު ހަލާކުވެ އެތައް އައިސް ޕްލާންޓްތަކުގެ ޖަނަރޭޓަރު ވެސް ހަލާކުވެފައިވާ ކަމަށެވެ. އަދި މި ބޯޓުތައް މަރާމަތު ކުރުމަށްޓަކައި މިހާރު އިތުރު އިކުއުޕްމެންޓްސް ފޮނުވާފައިވާ ވާހަކައެވެ. މިއީ ސީރިއަސް ގޮތުގައި ބަލައިފިނަމަ ހައްލުކުރެވޭނެ ކަންތައްތަކުގެ ވާހަކައެވެ. މިއީ ރައްޔިތުންގެ ހިދުމަތުގައި ތިބި ބަޔަކު ރައްޔިތުންގެ ޝަކުވާތަކަށް ބަހަނާ ދައްކައި އެ ސަރުކާރުން ކުރި ކަމެކޭ ބުނަންވީ ވަގުތެއް ނޫނެވެ. މާޒީން ފިލާވަޅުނަގައި ރައްޔިތުންގެ ޝަކުވާތައް ހައްލުކޮށްދެއްވަން މަސަތްކަތް ކުރަމާތޯއެވެ .