ކުޅިވަރުގެ މައިދާނުގައި ކާމިޔާބީއެއް ލިބުމަކީ ހަމައެކަނި މެޗަކުން ލިބޭ ކާމިޔާބީއެއް އެކަނި ނޫން ކަމަށާއި، ރަނގަޅު ކުޅުމެއްކުޅެ ރަނގަޅު އަހުލާގެއް ދެމެހެއްޓުމަކީވެސް ކާމިޔާބީއެއްކަމަށް ޤައުމީ ބެޑްމިންޓަން ޓީމްގެ ސީނިއާ ކުޅުންތެރިއާ ނީލާ އަހުމަދު ނަޖީބު ބުނެފިއެވެ.
ރާއްޖެ އެމްވީއަށް ދިން އިންޓަރވިއުއެއްގައި ނީލާ ބުނީ، ކުޅިވަރުގައި އަބަދު އެއްވަނަ މަގާމު ނުލިބޭނެ ކަން ދަނެ، ހިތްވަރުކޮށް، މޮޅަށް ކުޅުމަކީ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ. ހަމަ އެހެންމެ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ހިތްވަރު ދިނުމަކީ ކުޅިވަރުގެ މައިދާނުގައި ކާމިޔާބީއާއި ހަމައަށް ވާސިލްވުމަށް އެންމެ މުހިންމު އެއް ކަންތައް ކަމަށް ނީލާ ބުންޏެވެ.
މިހާރު ކުޅިވަރުގައި ހަރަކާތްތެރިވާ ސީނިއާ އަދި ތަޖުރިބާހުރި ކުޅުންތެރިން އަލަށް ނުކުންނަ ކުޅުންތެރިންނަށް ފުރުސަތުދީ، އެ ކުޅުންތެރިންނަށް ނަމޫނާ ދެއްކުމުން މުސްތަގުބަލުގައި ރަނގަޅު ކުޅުންތެރިންތަކެއް އުފެދިގެން ދާނެ ކަމަށާއި، އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިއެއް ނެތި މޮށުމުގެ ބަދަލުގައި ކުޅުންތެރިންގެ ރަނގަޅު ކަންކަން ފާހަގަކޮށް ނަމޫނާ ދެއްކުން މުހިންމު ކަމަށްވެސް ނީލާ ބުންޏެވެ.
މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ކުރިމަތިވި ގޮންޖެހުމަކީ ސީނީއާ ކުޅުންތެރިން އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިއެއް ދަށްކޮށްލައި، އަލަށް ކުޅިވަރުގެ މައިދާނަށް ނުކުންނަ ކުޅުންތެރިންގެ މެދުގައި ކުޅުންތެރިންގެ އަގުވައްޓާލައި، ޒާތީވުންކަމަށް ނީލާ ބުންޏެވެ. އޭނާ ބުނީ، ކުޅިވަރުގައި ކަމެއް ސާބިތުކޮށްދޭން ބޭނުންވާނަމަ ރަނގަޅަށް ޓްރެއިންވެ، ހިތްވަރުކޮށް މެޗުގައި މޮޅު ކުޅުމެއް ކުޅެ ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށެވެ. އޭގެ އިތުރުންވެސް، ސްކޫލް ދައުރުގައި ގަނާކުރުމާއި ކުރިމަތިލާން ޖެހުމާއި، އެ ދަނޑިވަޅުގައި ނަފްސާނީ ގޮތުން އެންމެ އެދެވޭ އެހީތެރިކަން ނުލިބުންވެސް ނީލާ ފާހަގަ ކުރިއެވެ.
އުމުރުން 14 އަހަރުގައި އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި އަމީނިއްޔާ ސްކޫލްގެ ފަރާތުން ވާދަކޮށް ބެޑްމިންޓަން ކުޅުމަށް ޝައުގުވެރިކަން އުފެދުނު ނީލާ ވަނީ ޖެހިޖެހިގެން 10 އަހަރު ޤައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ހޯދާފައެވެ. އޭނާ ޤައުމީ ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދާފައިވަނީ 2004 ވަނަ އަހަރުގެ ޤައުމީ ބެޑްމިންޓަން މުބާރާތުންނެވެ. އޭގެ ފަހުގައި ޖެހިގެން އައި އަހަރުތަކުގައިވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ނެޓްބޯޅަ، ބާސްކެޓްބޯޅަ އަދި ފުޓުބޯޅަވެސް ކޮންމެސް ވަރަކަށް ކުޅެފައިވާ ނީލާ ވަނީ 2000 ގެ އަހަރުތަކުގެ ކުރީ ކޮޅުގައި އެތުލެޓިކްސްއިން ވެސް ރަންވަނަތަކެއް ހޯދާފައެވެ. ނަމަވެސް ކުޅިވަރުގެ ތެރެއަށް ނުކުތުމާއެކު ވާދަވެރިކަން އުފެދި، ޒާތީ ފުރައްސާރާގެ ސަބަބުން ޓީމެއްގެ ގޮތުގައި ކުޅޭ ކުޅިވަރުތަކަށް ވުރެ ބެޑްމިންޓަން ފަދަ އެކަނި ވާދަކުރެވޭ ކުޅިވަރުތަކަށް ޝައުގުވެރިކަން ބޮޑުކަމަށް ނީލާ ބުންޏެވެ.
ނީލާ ބުނީ މީގެ އަހަރުތަކެއް ކުރިން ޤައުމީ އަދި ބައިނަލްއަގުވާމީ މުބާރަތްތަކުގައި ވާދަ ކުރުމަށް އަންހެން ކުޅުންތެރިންނަށް ލިބޭ ފުރުސަތުތަށް މަދު ކަމުންނާއި، މުޖުތަމައުގެ ގަބޫލުކުރުންތައް ހުންނަ ގޮތުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ފިރިހެން ކުޅުންތެރިންނާއި އަންހެން ކުޅުންތެރިނާއި މެދު ތަފާތު ކުރުންތައް ގެންގުޅެގެން ނުވާނެ ކަމަށާއި، ފިރިހެން ކުޅުންތެރިންނެކޭވެސް އެއް ފެންވަރެއްގައި އަންހެން ކުޅުންތެރިންނަށް ކުޅިވަރު ކުޅެވޭނެ ކަމަށާއި، ތަފާތުކުރުން ނައްތާލައި، އަންހެނުންނަށް ވެސް ކާމިޔާބީތައް ހޯދުމަށް ފުރުސަތު ލިބެންޖެހޭނެކަމަށް ނީލާ ބުންޏެވެ.
2014 ވަނަ އަހަރުގެ އިންޑިއަން އޯޝަން ގޭމްސްގައި ބްރޯންޒް މެޑަލް އާއި އެކު ބެޑްމިންޓަންއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނީލާގެ އަމާޒަކީ މިއަހަރު އޮންނަ އިންޑިއަން އޯޝަން ގޭމްސްގައި ރާއްޖެއަށް ރަން މެޑަލްއެއް ހޯދާއިދިނުންކަމަށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ، ބެޑްމިންޓަން ކުރިއަރުވައި، ކުޅުންތެރިން އުފެއްދުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އޭނާއަށް ވީ ވަރަކުން ބޭނުންވާ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދޭނޭ ކަމަށެވެ.
ނީލާ ބުނީ، ކުޅިވަރު ކުޅުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ މަންމަގެ ފަރާތުން ކަމަށެވެ. އެ ގޮތުން ކުޑައިރުން ފެށިގެން މަންމަ އަބަދުވެސް ކުޅުމަށް ހިތްވަރު ދޭ ކަމަށާއި، ހަމައެހެންމެ ޝުކުރުގެ ލިސްޓްގެ އެންމެ ކުރީގައި ބައްޕަ ހިމެނޭ ކަމަށާއި އަދި ފިރިމީހާ އާއި އައިލާ މެންބަރުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ނީލާ ބުންޏެވެ.
ކުޅިވަރުގެ އިތުރުން ޓޫރިޒަމް ވިޔަފާރީގައިވެސް ހަރަކާތްތެރިވާ ނީލާ ބުނީ، ޒުވާން ކުޅުންތެރިން އަހުލާގު ހިފެހެއްޓުމަށް މަސައްކަތް ކުރަން ވާނެ ކަމަށާއި، ހިތްވަރު ދީ، ކުރިއަށް ދިއުމަށް ބާރުއަޅާނެ މީހަކު ނުހުންނަ ހާލަތެއް މެދުވެރި ވެއްޖެނަމަ އަމިއްލަ ނަފްސަށް އަބަދުވެސް ހިތްވަރު ދޭން ވާނެ ކަމަށާއި، ކާމިޔާބު ވާނީ އެހެން ކުޅުންތެރިންނަށްވެސް ކާމިޔާބު އެދިގެން މަސައްކަތް ކުރާ ކުޅުންތެރިން ކަމަށެވެ. ހަމަ އެހެންމެ، އެކި ކުޅިވަރު ކުޅުމުގެ ބަދަލުގައި ހާއްސަ އެއް ކުޅިވަރަކަށް ހުސްވެގެން ކުޅޭނަމަ އެންމެ އެދެވޭ ނަތީޖާ ހާސިލް ކުރެވޭނެ ކަމަށް ގަބޫލް ކުރާ ކަމަށްވެސް ނީލާ ބުންޏެވެ.