ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލިއްޔަތު ހުރި ބާރުގަދަ ހަތިޔާރެއް ޓެސްޓްކޮށްފައިވާ ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.
ޓެސްޓަށް ފަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވީ އެންމެ ފަހުން ކުރި ޓެސްޓަކީ އެ ގައުމުގެ ސިފައިންގެ ގާބިލްކަން އިތުރު ކުރަން ކޮންމެހެން ބޭނުންވާ ޓެސްޓެއް ކަމަށެވެ.
މިއީ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބޭއްވެވި ބައްދަލުވުންތަކަށް ފަހު ކޮރެއާއިން ހަތިޔާރެއް ޓެސްޓް ކުރި ފުރަތަމަ ފަހަރެވެ. ކިމް ވަނީ ނިއުކްލިޔާ ހަތިޔާރާއި ދުރު ރާސްތާ މިސައިލްތައް ވެސް ޓެސްޓް ނުކުރާނެ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕާއި ކިމް އެންމެ ފަހުން ވިއެޓްނާމްގައި ބޭއްވި ބައްދަލުވުންތަށް ނާކާމިޔާބު ވެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އުތުރު ކޮރެއާއިން އެދުމުން އެމެރިކާއިން އެކަމާ ދެކޮޅު ހެދުމާއި ގުޅިގެންނެވެ. އެމެރިކާއިން އެދެނީ އެއްވެސް ޝަރުތަކާ ނުލާ އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލާށެވެ.