ބަޣާވާތުގެ ކޮޅުމަތި ފެންނަން ފަށައި، ވިލާގަނޑު ހުރީ ކަޅުކޮށް ބޯމައްޗަށް ނަގާފައި ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތި ލައްވާފައިވާ ހުސެން ޝަހީމް (އަނދުން ހުސެން) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ހުސެއިން ޝަހީމް ޖުމްހޫރީ ޕާޓީން ކަންތައް ކުރަމުންދާ ގޮތަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ވިދާޅުވީ ގޮތް ނޭނގޭ ގޮތަށް ހިނގާފައިވާ މަރުތަކާއި، ގެއްލިފައިވާ ނޫސްވެރިންނާއި، އަވާހަރަ ކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި، ގެއްލިފައިވާ ދައުލަތުގެ ފައިސާގެ ކަންކަން ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލި ހިސާބަކީ ޖުމްހޫރީ ޕާޓީގެ ނިޔަތް ސާފުވި ހިސާބު ކަމަށެވެ.
ހުސެއިން ޝަހީމް ވިދާޅުވީ ޖޭޕީން ސަރުކާރާއި އެކު އިއްތިހާދުވެފައި އޮތުމަށް ފަހު އަނެއްކާ ވެސް އިދިކޮޅު ފަރާތްތަކާއި އެކު ކޯލިޝަން ހެދުމަކީ، ސަރުކާރާއި އެކު ކުރާ މަސައްކަތުގައި އިޙްލާސްތެރިކަމެއް ނެތުން ކަމަށެވެ.
އެހެންކަމުން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނުލިބިއްޖެ ނަމަ ރައްޔިތުން އެދޭ އަމާން މަންޒިލަށް ރައްޔިތުން ނުގެންދެވޭނެ ކަމަށް ހުސެއިން ޝަހީމް ވިދާޅުވިއެވެ.
ހެންވޭރު ދެކުނަކީ ވެރިކަން ކުރާ މާލޭގެ އެންމެ ގިނަ ވެހިކަލް އަރާ ފައިބާ މާލޭގެ މަލަމައްޗަށްވެފައިވާއިރު ނިމިދިޔަ ސަރުކާރުތަކުން އެދާއިރާއަށް މާބޮޑު ތަރައްޤީއެއް ގެނެސްދީފައިނުވާ ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ދާއިރާގެ ރައްޔިތުން އިންތިޚާބު ކޮށްދެއްވައިފި ނަމަ ދާއިރާގެ ރައްޔިތުން އެންމެ ފަޚްރުވެރިވާ ކަލާފާނު ސްކޫލު ކައިރީހުރި ބޮޑެތި ފެންތާގީތައް ނަގައި އިތުރު އިމާރާތެއް އަޅައި ސްކޫލު އިތުރަށް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.
ބިލަބޮންގް ސްކޫލު ސަރަހައްދުގައި ހުރި މެޑިކަލް ސްޓޯރ ފެސިލިޓީސްއާއި ބޮޑެތި ރެސްޓޯރަންޓްތަކަކީ އެސަރަހައްދުގައި ހުންނަން ޖެހޭނެ ކަމަށް އެދާއިރާގެ ރައްޔިތުން ވެސް ޤަބޫލުކުރާ ތަންތަން ނޫން ކަމަށާއި އެހެންކަމުން މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް އެސްކޫލު ހިމެނޭ ސަރަހައްދު ކުޑަކުދިންނަށް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދާއިރާގައި ހުރި ޝަހީދު އަލީ މިސްކިތުގެ ހާލަތުވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ދާއިރާގެ ރައްޔިތުން ޤަބޫލުކުރައްވާތީ މި ތިންކަންތަކަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ހުސެއިން ޝަހީމް ވިދާޅުވިއެވެ.
އަދި ދާއިރާއިގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ހާހަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި ރައީސް ސޯލިޙްގެ ވައުދުފުޅުތަކުގެ ތެރެއިން ބޯހިޔާވަހިކަން ހައްލުވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.
އަދި އެޖެންޑާ 19އިން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ކަމަށާއި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި ނަމަވެސް ޚިދުމަތްކޮށްދޭނީ ހުރިހާ ރައްޔިތުންނަށް ކަމަށް ހުސެއިން ވިދާޅުވިއެވެ.