ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 00:51
ނިމިދިޔަ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ އިމާރާތްތަކެއް
ނިމިދިޔަ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ އިމާރާތްތަކެއް
ތަހާރަތު މުހައްމަދު ވަހީދު
ބޯހިޔާވަހި ކޮށްދިނުން
ބޯހިޔާވަހިކަމަކީ ވައުދެއް! ރިޝްވަތެއް ނޫން!
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެއް
ފްލެޓްތަކާއި ގޯތިތައް ދޭނެ ކަމަށް އެމްޑީޕީން ދަނީ ބުނަމުން

ގުޅިފައިވާ ޕާޓީތަކާ އެކު އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިން ފެއްޓެވީ އަމާޒެއް އޮވެގެންނެވެ. ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއްގެ މައްޗަށް ރީތިކޮށް ތަރުތީބުކުރެވިފައިވާ މެނިފެސްޓޯއަކާ އެކުގައެވެ. ހާއްސަކޮށް ޕާޓީތަކުގެ ތެރެއިން ވެސް މެނިފެސްޓޯ އެކުލަވައިލުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެމްޑީޕީއަކީ އަބަދު ވެސް ވައުތަކެއްގެ މައްޗަށް އެކުލެވޭ ސިޔާސަތުތަކަކާ އެކު ކެމްޕެއިންކުރާ ޕާޓީއެވެ. އެ ގޮތުން ރައީސް ސޯލިހްގެ އަދި މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެންމެންނަށް އެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. ތަފާތުކުރުމެއް ނެތިއެވެ.

ރައްޔިތުން މަޖިލީހުގެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާ އިރު އެމްޑީޕީން ބާއްވާ ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތަކާއި އަދި ޕެނަލް ޑިސްކަޝަންތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ވެސް މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކައެވެ. އެމްޑީޕީ އާއި އަދި ރައީސް ސޯލިހްގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ތަކުރާރުކޮށް ގެންދަވަނީ އެ ވާހަކަ ދައްކަވަމުންނެވެ. ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެކަން ކޮށްދިނުމަކީ ރައީސް ސޯލިހްގެ ވެސް ވައުދެކެވެ. އަދި މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ސިޔާސަތުތަކުގެ މައްޗަށް އެކުލަވާލައި ނެރެފައިވާ އެޖެންޑާ 19 ގެ ވެސް ވައުދެކެވެ.

ގޯއްޗާއި ފްލެޓާއި  ހައުސިން ޔުނިޓްތައް ދޭން ބުނުމަކީ ކޮރަޕްޝަނެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. އަދި އެއީ އިންތިހާބަށް އެމްޑީޕީ އާއި ސަރުކާރުން ޖަހާ މަޅިއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެއީ ރިޝްވަތެއް ކަމަށާއި އެއީ ހޮޅި ވާހަކަތަކެއް ކަމަށާއި އެކަން ނުކުރެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ބޯހިޔާވަހިކަމަކީ އެންމެ ޒަރޫރީ އެއް ބޭނުމެވެ. ހަމައެކަނި މާލެއަކަށް ނޫނެވެ. ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ހަޔާތެއް ނުފެށި ނުވަތަ ދިރިއުޅުމަކަށް ނުވާ ދިރިއުޅުމެއް އުޅެންޖެހިފައިވާ އެތައް ހާސް ރައްޔިތުންނަށް ރަށްރަށުގައި ވެސް އެބަ ތިއްބެވެ. ބިން އޮވެމެ، ނިމިދިޔަ ސަރުކަރުގެ އިހްމާލާއި ބޯހަރުކަމުގެ ސަބަބުން ގޯތި ނުދެވި އޮތް ކިތަންމެ ރަށެއް އެބަ އޮތެވެ. އެހެންކަމުން ޒަރޫރީ ބޭނުމެއް ފުއްދައިދިނުމަށް ވައުދުވުމަކީ ރިޝްވަތަކަށް ވާންޖެހޭ ސަބަބެއް ނެތެވެ.

އަނެއްކޮޅުން އެމްޑީޕީ އާއި ސަރުކާރުން މަޖިލީހުގެ ކެމްޕެއިން އަށް ނުކުމެފައި ވަނީ ވައުދުތައް ފުއްދާނެ ގޮތާއި މަގު ޗާޓްތައް ކުރަހައިގެންނެވެ. ރާއްޖޭގެ އާބާދީގައި ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަން ކޮށްދެވިދާނެކަން ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން އެ ވަނީ ސާބިތުކޮށްދީފައެވެ. ފްލެޓްގެ ލަފްޒު ދިވެހިންނަށް ދަސްކޮށްދިން އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫއުތަކުން އެ އުންމީދު ރައްޔިތުންނަށް އާވެގެން ދިޔައެވެ. ބައެއް ކަންކަން ހަގީގަތަކަށް ވެސް ވިޔެއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފްލެޓެއް އަޅައި ބަޔަކަށް ނުދެވުނެއް ކަމަކު އެ މަނިކުފާނުގެ ސަރުކާރުގައި ވެސް ބޯހިޔާވަހިކަމަށް ބިޔަ ބޮޑެތި މަޝްރޫއުތައް ވަނީ ފައްޓަވާފައެވެ. އަޑިނޭނގޭ ކަންކަން ހުއްޓެއް ކަމަކު މަޝްރޫއުތައް އެ ދަނީ ކުރިއަށެވެ. އަދި އެންމެ މަޝްރޫއެއްގެ ތެރެއިން ވެސް ބައި ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މާބޮޑު ކަމެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ވެސް މި ވަގުތު އިދިކޮޅުގައި ތިބި ފަރާތްތަކެވެ. އެއީ އަޒުމެއް އޮވެ ކުރަން ބޭނުން ވެއްޖެ ނަމަ މާއުނދަގޫ ކަމެއް ނޫންކަން އިދިކޮޅުގައި މި ވަގުތު ތިބި ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ފްލެޓްތަކުގެ ވާހަކަ ދައްކަވަނީ ވޯޓު ހޯދަން ކަމަށް ރައީސް ނަޝީދު ވެސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އެމްޑީޕީ އަށް މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އެ މަޝްރޫއުތައް ހިންގޭނީ މި ސަރުކާރަށް ކަމަށާއި އެކަންކުރުމަށްޓަކައި މި ސަރުކާރު ދެމި އޮތުން މުހިންމު ކަމަށެވެ. ސަރުކާރު ދެމި އޮތުމަށް އެމްޑީޕީ އަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ފަދަ ވައުދުތައް ފުއްދޭނީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ތަކުރާރުކޮށް ގެންދަނީ ވިދާޅުވަމުންނެވެ. 

ބޯހިޔާވަހިކަމަކީ ވައުދަކަށްވާއިރު، މިހާތަނަށް ދައުލަތުން އިމާރާތްކުރި ފްލެޓްތައް ބޭއިންސާފުން ދީފައިވާ ގޮތް ވެސް ބަލަންޖެހެއެވެ. އެއީ ކެމްޕެއިނަށްޓަކައި ކުރަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް އޭގެ މާނައަކީ އެ ފްލެޓްތައް މިހާރު ލިބިފައިވާ ފަރާތްތަކަށް ހައްގު ނޫން ވާހަކައެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ބޭނުންވެއްޖެ ހާލަތެއްގައި ބޯހިޔާވަހިކަން ލިބެންޖެހެއެވެ. އެއީ ހަމައެކަނި އާމްދަނީ މަދުން ލިބޭ ނުވަތަ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އޮތް ހައްގެއް ވެސް ނޫނެވެ. އެންމެ މުއްސަނދި މީހާ އަށް ވެސް އޭނާ އަށް ހައްގުވަ މިންވަރުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އޮންނަންޖެހެއެވެ. ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވާ ފަދައިން ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމެއް ހޯދުމަށް މަގު ތަނަވަސްވެފައި އޮންނަންޖެހެއެވެ. އެކަމަށް އޮތް ހައްލަކީ ބޭނުންވެފައި ތިބި މީހުންނަށް ވުރެ އިތުރަށް މާކެޓަށް ފްލެޓްތައް ނެރުމެވެ. ބޯހިޔާވަހިކަމަކީ ހަމައެކަނި ކެމްޕެއިންތައް ކާމިޔާބުކުރަން ބޭނުންކުރާ އުކުޅަކަށް ވެގެން ނުވާނެއެވެ. އަދި އެއީ ރިޝްވަތެއް ވެސް ނޫނެވެ. އެއީ ޒަރޫރީ ބޭނުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް