ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 06:00
ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން
ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން
ގޫގުލް
ކްރައިސްޓްޗަރޗް ހަމަލާ
ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
މުޅި ދުނިޔެއަށް އެކަމަނާ ވަނީ ނަމުނާ ދައްކަވާފައި

ނިއުޒިލޭންޑަކީ ދުނިޔޭގެ އެންމެ ހިތްގައިމު އެއް ގައުމުގެ ގޮތުގައި އެތައް ބަޔަކު ސިފަކުރާ ގައުމެކެވެ. އާބަދީގައި ހަތަރު މިލިއަނެއްހާ މީހުން ދިރިއުޅޭ ނިއުޒިލޭންޑަކީ، ދުނިޔޭގެ އެންމެ ސުލްހަވެރި ގަައުމުތަކުގެ ލިސްޓުގެ ދެވަނަ މަޤާމުގައި އޮތް ގައުމެވެ. އަމާންކަމުގައި ދިރިއުޅެމުން ދިިޔަ ނިއުޒިލޭންޑްގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލީ މި މަހުގެ 15 ވަނަ ދުވަހު އެގައުމުގެ މުސްލިމުންނަށް ދިން ނިރުބަވެރި ހަމަލާއެވެ.

ނިއުޒިލެންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ހުކުރު ވަގުތު ދިން ހަމަލާގައި 52 މީހަކު މަރާލިއެވެ. ނިއުޒިލޭންޑްގެ އިތުުރުން މުޅި ދުނިޔެއަށްވެސް އެ ހަމަލާ ވެގެން ދިޔައީ ސިހުމެއް ގެނުވި ހަމަލާ އަކަށެވެ. އެ ހަމަލާއަކީ އެ ގައުމުގެ ތާރިހުގައި މިހާތަނަށް ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު މުސްލިމުންތަކަކާއެކު 

އެތައް ބަޔަކު ރޮއްވާލައި ދިން މި ހަމަލާއަށްފަހު ނިއުޒިލޭންޑްގެ ރައްޔިތުންގެ ވަނީ ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. އެގައުމުގެ އާބާދީގެ 1.2 އިންސައްތަ ހިއްސާވާ މުސްލިމު އާބާދީ އާއި އެކު އެ ޤައުމުގެ ރައްޔިތުން ތިބިކަން އެމީހުން ވަނީ ވަރަށް ފުރިހަމައަށް ދައްކައިދީފައެވެ. ނިއުޒިލޭންޑްގެ ރައްޔިތުންނަކީ ދީނާއި، ނަސްލާއި، ކުލައާއި، އުފަން ޤައުމު ތަފާތުކުރުމެއްނެތި އިންސާނިއްޔަތުކަމާއި، ލޯތްބާއި، އެެއްބައިވަންތަކަން އިސްކުރާ ބައެއްކަން އެ ޤައުމުގެ ރައްޔިތުން ވަނީ ސާބިތުކޮށްދީފައެވެ.

ހިނގާދިޔަ ހުރިހާ ކަމެއްގެ ތެރެއިން ދުނިޔޭގެ ލޯ އެންމެ ބޮޑަށް އަމާޒުވެގެން ދިޔައީ ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަންއަށެވެ. އެ ހަމަލާ އަކީ ސީދާ ''ޓެރަރިސްޓް'' ހަމަލާއެއްގެ ގޮތުގައި އެންމެ ފުރަތަމަ ސިފަކުރެވީ އެކަމަނާއެވެ. ހަމަލާގެ ހަބަރު ލިބިވަޑައިގަތުމާއެކު އެ ދުވަހަށް ތާވަލުކުރެވިފައިވާ ހުރިހާ މަސައްކަތްތަކެއް ހުއްޓަވާލެއްވުމަށްފަހު އެކަމަނާ އެންމެ އިސްކަމެއް ދެއްވީ މި ހަމަލާ ތަހުގީގުކޮށް އިންސާފު ޤާއިމް ކުރެއްވުމަށެވެ.

ސަރުކާރުން ވަކި ގޮތެއް ކަނޑައަޅަންދެން ނިއުޒިލޭންޑްގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ބޮޑުވަޒީރު އާރޑަން ނިންމެވިއެވެ. ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާތަކަށް ޒިޔާރަތްކުރައްވައި ހިތާމައިގައި ބައިވެރިވެރިވެވަޑައިގަތެވެ. ހަމަލާގައި ބިކަވި އާއިލާތަކަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން މުސްލިމުންގެ އާދައާ އެއްގޮތަށް ހެދުންތުރުކުރައްވައި އިސްތަށިފުޅު ނިވާކުރެއްވިއެވެ. އެކަމަނާ ވަނީ މި ހަމަލާގައި ބިކަވި އާއިލާތަކާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، އާއިލާތަކަށް ހިތްވަރު ދެއްވާފައެވެ. 

 

ކްރައިސްޓްޗާޗް ހަމަލާގައި މަރުވި މީހަކުގެ އާއިލާ މެމްބަރަކާ އެކު ބޮޑު ވަޒީރު ޖަސިންޑާ

އެ ހާދިސާއަށްފަހު ބޮޑުވަޒީރު އާރޑަން ނިންމެވި އަވަސް ނިންމެވުންތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ވަނީ ތަޢުރީފު ކޮށްފައެވެ. ހާއްސަކޮށް މުސްލިމު އުންމަތް ދަނީ އެކަމާނާއަށް ތައުރީފް ކުރަމުންނެވެ.

ހަމަލާގެ ދެ ދުވަސް ފަހުން މާރިޗް މަހުގެ 17 ވަނަ ދުވަހު ބޮޑުވަޒީރު އާރޑަން ވަނީ ނިއުޒިލޭންޑްގައި ބަޑި ގެންގުޅުމުގެ އުސޫލަށް ބަދަލު ގެންނަވާފައެވެ. ހިތާމަވެރި ހަމަލާއަށް މިއަދު ހަފްތާއެއް ވެފައިވާއިރު، ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ނިއުޒިލޭންޑްގައި ވަނީ ޚާއްސަ ސުކޫތެއް ގެނެސްފައެވެ. ނިއުޒިލޭންޑްގެ ގައުމީ ޓީވީން ވަނީ އެ ޤައުމުގައި ބޮޑު ޖަމާޢަތުގައި ކުރި ހުކުރު ނަމާދު ވަގުތުން ދުރަށް ދައްކާފައެވެ. މިއީ އެގައުމުގެ ހަޔާތުގައި ހުކުރު ނަމާދު ލައިވްކުރި ފުރަތަމަ ފަހަރެވެ.  

ހުކުރު ނަމާދު ފެށުމުގެ ކުރިން ބޮޑުވަޒީރު އާރޑަން ޤައުމާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއިރު، އެކަމަނާގެ ވާހަކަފުޅު ފެއްޓެވީ ރަސޫލާ ﷺ ހަދީޘްފުޅެއްގެ އިނގިރޭސި ތަރުޖަމާއިންނެވެ.

وعن النعمان بن بشير رضي الله عنهما قال‏:‏ قال رسول الله صلى الله عليه وسلم ‏"‏ مثل المؤمنين في توادهم وتراحمهم وتعاطفهم، مثل الجسد إذا اشتكى منه عضو تداعى له سائر الجسد بالسهر والحمى ‏(‏‏(‏متفق عليه‏)‏‏)‏ 

އެކަމަނާގެ ވާހަކަފުޅު ފެއްޓެވުމުގެ ގޮތުން ބޭނުންކުރެއްވި މި ހަދީޘްފުޅުގެ މާނައަކީ؛ 

މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމާއި އޯގާތެރި ވުމުގައި މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. ހުން އައުމުންނާއި ހޭލާ ހުރުމުން މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.

އެކަމަނާ ފޯރުކޮށްދެއްވަން ބޭނުންފުޅުވި މެސެޖަކީ ނިއުޒިލޭންޑްވެސް އެއް ހަށިގަނޑެއްގެ ގޮތުގައި ދެމިތިބެންޖެހޭ ކަމެވެ. ގައުމެއްގައި ހަމަޖެހުން ދެމިއޮންނާނީ އެގައުމެއްގެ ހުރިހާ ރައްޔިތުން އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު އެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ދުނިޔޭގެ މުސްލިމުންގެ އިތުރުން މުސްލިމް ނޫން މީހުން ބަލައިގަންނަން ޖެހޭ މަސައްކަތްޕުޅެކެވެ. އެކަމަނާ ދުނިޔެއަށް ފޯރުކޮށްދެއްވާ މެސަޖަކީ ނިއުޒިލޭންޑަކީ ދުނިޔޭގެ ކޮންމެ ޤައުމަކަށް ނިސްބަތްވާ މީހަކަށްވެސް އަމާންކަމާއި، އެކުވެރިކަމާއިއެކު ދިރިއުޅެވޭނެ ޤައުމެއް ކަމުގެ މެސެޖެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް