ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 23:31
ބްރެންޑަން ޓެރެންޓްގެ ފޭސްބުކް ލައިވްގެ ސްކްރީންޝޮޓެއް
ބްރެންޑަން ޓެރެންޓްގެ ފޭސްބުކް ލައިވްގެ ސްކްރީންޝޮޓެއް
ފޭސްބުކް
ކްރައިސްޓްޗަރޗް - ޓެރަރިސްޓް ހަމަލާ
މިސްކިތަށް ހަމަލާ ދިނީ ލައިވްސްޓްރީމް ކޮށްގެން: ފޭސްބުކްގެ ބޮޑު ފެއިލްއެއް!
ހަމަލާގައި 49 މީހުން ވަނީ މަރުވެފައި
މިއީ ޓެރަރިސްޓް ހަމަލާއެއް: ނިއު ޒިލޭންޑްގެ ބޮޑު ވަޒީރު
ފޭސްބުކް ލައިވްސްޓްރީމް ހުއްޓާފައި ވަނީ 17 މިނިޓް ފަހުން

ހުކުރު ދުވަހު ނިއު ޒިލޭންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ދިފައި ވަނީ ފޭސްބުކް ލައިވެއް ކޮށްގެންނެވެ.

އަލް ނޫރް މިސްކިތައް ދިން ހަމަލާ 17 މިނިޓް ވަންދެން ފޭސްބުކް މެދުވެރިކޮށް ލައިވްސްޓްރީމް ކޮށްފައިވާ އިރު، މި ވެގެން ދިޔައީ ފޭސްބުކްގެ ވަރަށް ބޮޑު ފެއިލްއަކަށެވެ.

މި ލައިވްކޮށްފައި ވަނީ ބަޑި ޖަހާ އެތައް ބައެއް މަރާލި، އޮސްޓްރޭލިއާއަށް ނިސްބަތްވާ، 28 އަހަރުގެ ބްރެންޑަން ޓެރެންޓްގެ އެކައުންޓުންނެވެ. އޭނާ މިހާރު ހައްޔަރުކޮށްފައިވާ އިރު، ކްރައިސްޓްޗަރޗްގެ ކޯޓުން އޭނާގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައެވެ.

ފޭސްބުކްގެ މޮނިޓަރިންގ މިހާރު ކުރިއަށްވުރެ ވަރުގަދަ ވާނެ ކަމަށް އެ ކުންފުނީގެ ބޮޑެތި ފަރާތްތައް ދާދި ފަހުން ހާމަ ކުރައްވާފައިވާއިރު، 17 މިނިޓް ވަންދެން މި ވީޑިއޯ ދެއްކިއިރު ފޭސްބުކްއަށް ހިލަމެއް ވެސް ނުވެއެވެ.

އަދި ލައިވްސްޓްރީމް ހުއްޓާފައި ވަނީ ނިއު ޒިލޭންޑްގެ ފުލުހުން ފޭސްބުކްއަށް ގުޅާ، އެކަންތައް އެންގުމުންނެވެ.

"ލައިވްސްޓްރީމް ފެށިތާ އިރުކޮޅެއް ފަހުން ފުލުހުން އެކަންތައް އެލަރޓަށް ގެނައުމުން ހަމަލާ ދިން މީހާގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްތައް ވަގުތުން ޑިލީޓްކޮށް، އެ ވީޑިއޯ ވަނީ ޑިލީޓް ކުރެވިފައި،" ފޭސްބުކްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ހަމަލާ ދިން މީހާއަށް ތާއީދުކޮށް، ތައުރީފް ކުރާ ކޮމެންޓްތައް ޑިލީޓް ކުރަމުންދާ ކަމަށް ވެސް ފޭސްބުކްއިން ބުންޏެވެ. ނަމަވެސް، އެ ވީޑިއޯ ޑިލީޓް ކުރެވުނު އިރު ގިނަ ބައެއް ވަނީ ސޭވްކޮށްފައެވެ. އަދި ވީޑިއޯ ޔޫޓިއުބް އާއި ޓްވިޓަރއިން ބައެއް ފަރާތްތައް ޝެއާ ކުރަމުންދާއިރު، އެ ދެ ޕްލެޓްފޯމުން ވެސް ދަނީ އެ ވީޑިއޯ ޑިލީޓް ކުރަމުންނެވެ.

މި ބިރުވެރި ހަމަލާގެ ވީޑިއޯ ޝެއާ ނުކުރުމަށް ފުލުހުން އެދެމުންދިޔަ ނަމަވެސް، ބައެއް މީޑިއާ ތަކުންވެސް ދަނީ ބްރޯޑްކާސްޓް ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން 'ކޮންޓެންޓް ރެކޮގްނިޝަން' ކުންފުންޏެއް ކަމަށްވާ 'އޭސީއާރްކްލައުޑް'ގެ ބާނީއެއް ކަމަށްވާ ޕެންގް ޑޮންގް ވިދާޅުވީ، މިފަދަ ލައިވްސްޓްރީމް ވީޑިއޯތައް މޮނިޓަރ ކުރަން "ވަރަށް އުނދަގޫވާނެ"ކަމަށެވެ.

މީގެ އިތުރުން، ފޭސްބުކް ޕޭޖެއް މެދުވެރިކޮށް މި ހަމަލާގެ އިންޒާރު ދީފައިވާ ކަމަށް ބެލޭވޭތީ އެކަން ތަހުގީގު ކުރާކަން ނިއު ޒިލޭންޑް ފުލުހުން ހާމަކޮށްފައިވާ އިރު، ބްރެންޑަން ވަނީ ސޯޝަލް މީޑިއާގައި އޭނާގެ 'މެނިފެސްޓޯ' އެއްވެސް ޝެއާކޮށްފައެވެ.

އިމިގްރަންޓުންނާއި އެކި ނަސްލުގެ މީހުންނަށް އޭނާ ކުރާ ނަފްރަތު ހާމަކޮށްފައިވާ މި މެނިފެސްޓޯގައި މުސްލިމުންނަށް ހަމަލާދީ މަރާފައިވާ ގިނަ ފަރާތްތަކަށް އޭނާ ތައުރީފު ކުރެއެވެ. އަދި އޭނާގެ ބަޑި ތަކުގައި މިފަދަ ބައެއް މީހުންގެ ނަން ޖަހާފައިވާ އިރު، އޭގާއި 'ވައިޓް ސުޕްރީމިސްޓް' ނިޝާންތައް ވެސް ކުރަހާފައިވެއެވެ.

ކްރައިސްޓްޗަރޗްގެ މިސްކިތްތަކަށް ދިން ހަމަލާގައި 49 މީހުން މަރުވެފައިވާ އިރު، 40އަށް ވުރެ ގިނަ މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. މިއީ ނިއު ޒިލެންޑްގެ ތާރީހުގައި ވެސް އެންމެ ނުރައްކާތެރި ހަމަލާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ޖެސިންޑާ އަރޑެން ފާހަގަ ކުރައްވާފައިވާއިރު، އެކަމަނާ މި ހަމަލާ ސިފަ ކުރައްވާފައި ވަނީ ޓެރަރިސްޓް ހަމާލާއެއް ގޮތުގައެވެ.

- ކޮމެންޓް
18 މާރޗް 2019 | ހޯމަ 01:14
އަލީ
މިއީ ފޭސްބުކުގެ ފެއިލްއެއް ކަމަށް ގަބޫލެއްނުކުރެވޭ.