ޖުމްހޫރީ ޕާޓީއަކީ މިހާރު އުފެދިފައި އޮތް ސަރުކާރުގެ ބައިވެރިއެކެވެ. ކެބިނެޓުގައި ވެސް ޖޭޕީގެ މެންބަރުން އެބަ ތިއްބެވިއެވެ. ނުވިތާކަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހްލާ ވެސް އިންނެވީ ކެބިނެޓުގައެވެ. އެހެންކަމުން މި ސަރުކާރުން ދިފާއުކުރުމުގައި ޖޭޕީގެ ޒިންމާ ވެސް ވަކި ކުޑައެއް ނޫނެވެ. ނަމަވެސް ޖޭޕީގެ ދައުރު ނިމެނީ ސަރުކާރު ނުވަތަ ސިޔާސީ މަގާމުތަކާ ހަމައިންނެވެ. މަޖިލީހާ ހަމައިން ޖޭޕީއަކީ މިހާރު އިދިކޮޅު ފަރާތްތަކުގެ ބައިވެރިއެއްކަން އެވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ޑިމޮކްރަސީގެ ހަމަތަކުން ބަލާއިރު ސަރުކާރެއް ޒިންމާދާރުކުރުމުގައި އިދިކޮޅު ފަރާތްތައް ނުވަތަ މަޖިލީހުގެ ތެރެއިން އިދިކޮޅު ޕާޓީތަކުގެ މުހިންމުކަން ބޮޑެވެ. ޑިމޮކްރަސީގެ ހަމަތައް ތަރުތީބުވެ އޭގެ މައްޗަށް އަމަލުކުރަމުން އަންނަ ރިޔާސީ ނިޒާމުތަކުގައި އެއީ ރަނގަޅު ޕްރެކްޓިސްއަކަށް ވެފައި ވެސް އެބަހުއްޓެވެ. ނަމަވެސް ރާއްޖޭގެ ހާލަތު ތަފާތެވެ. ރާއްޖޭގައި އޮތީ ނަމެއްގައި އޮތް ރިޔާސީ ނިޒާމެކެވެ. މަސްހުނިވެފައިވާ ނިޒާމެއް އޮތް އިރު މަޖިލީހުގެ ތެރެއިން ފެނިގެންދަނީ ބަރުލަމާނީ ސިފަތަކެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅުގައި އޮވެއްޖެ ނަމަ ސަރުކާރު ހިންގުމުގައި ހުރަސްތައް ކުރިމަތިވާކަން މީގެ ކުރީގެ ތަޖުރިބާތަކުން ހާމަވާން އެބަ އޮތެވެ.
އާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އުފެދުނު ސަރުކާރަށް ވެސް އޭގެ ހިތި ނަތީޖާ އޮތީ ފެނިފައެވެ. އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން 2008 ވަނަ އަހަރު އިންތިޚާބު ކާމިޔާބުކުރި ނަމަވެސް އޭރު މަޖިލީހުގައި އޮތީ އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީއެވެ. ނަތީޖާއަކަށްވީ ސަރުކާރުން ކުރަން ބޭނުންވި ކިތަންމެ ކަމަކަށް ހުރަސް އެޅުމެވެ. ޙާއްސަކޮށް ޖެއްސުންކުރުމުގެ އަމަލުތައް އިތުރުވުމެވެ. ވަޒީރުންނަށް ރުހުން ދިނުމާއި އިތުބާރު ނެތްކަމުގެ މައްސަލަތަކާއި މިހެން ގޮސް އެތައް ކަމެއްގެ ތެރޭގައި ރައްޔިތުންގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކަށް ސަމާލުކަން ދިނުމަށް ވުރެ އެމްޑީޕީއަށް ޖެހުނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޑްރާމާތަކުން ސަލާމަތް ނުވެގެން އުޅޭށެވެ. ސަރުކާރު ހިންގުމަށް މަޖިލީހުގެ ތެރެއިން ފާޅުކަން ބޮޑު ގޮތެއްގައި ހުރަސްތައް ކުރިމަތިކުރުވަމުން ދިޔައެވެ. ރައްޔިތުންނާ ގުޅުން ހުރި މަޝްރޫއުތަކަށް ދޭންޖެހޭ އެއްބާރުލުން މަޖިލީހުގެ ތެރެއިން ނުލިބިގެން އުސޫލްތަކަށް ބަދަލު ގެނެސް އެތައް ގޯސްތަކެއް އެމްޑީޕީއަށް ހަދަންޖެހުނެވެ. އޭރު ކުރެވުނީ ހިތި ތަޖުރިބާއެކެވެ.
މަޖިލީހުގެ އިންތިހާބަށް ފައިނަގަމުންދާއިރު އެމްޑީޕީން ބުނަމުންދަނީ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ލިބުން މުހިންމު ކަމަށެވެ. ސަރުކާރުގައި ބައިވެރިވާ އަދާލަތު ޕާޓީން ބުނަމުން ދަނީ ސަރުކާރު ހިންގާ ކޯލީޝަނަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށެވެ. ސަރުކާރުގެ މުހިންމު ބައިވެރިއެއް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ފަރާތްތަކުގެ ވިސްނުމަކީވެސް އެއީއެވެ. އެ ފަރާތްތަކުން ވަކި ޕާޓީއަކަށް މެޖޯރިޓީ ހޯދުމުގެ ވާހަކައަށްވުރެ ބޮޑަށް ދައްކަމުން ދަނީ މުޅި ކޯލީޝަނަށް މެޖޯރިޓީ ހޯދުމުގެ ވާހަކައެވެ.
ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް ކޯލީޝަން ގުޅިގެން މަޖިލީހުގެ އިންތިހާބަށް ވާދަކުރުމަކީ އެމްޑީޕީ ފިޔަވައި ދެން ތިބި ހުރިހާ ފަރާތްތަކުން ވެސް އެދުނު ގޮތެވެ. ނަމަވެސް އެކަށީގެންވާ ފޯމިއުލާއަކާ މެދު އެއްބަސް ނުވެވި އެކަން ފެއިލްވުމުން އެމްޑީޕީން ބޭނުންވީ ހުރިހާ ފަރާތްތަކުން މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރުމަށެވެ. ނަމަވެސް އެ ކަމަށް ޖޭޕީން ފާޅުގައި ދެކޮޅު ހެދިއެވެ. އަދި އެމްޑީޕީއާ ދެކޮޅަށް އަޑު އުފުލަން ފެށިއެވެ. ވީއެއްބަސްވުމާ އެމްޑީޕީން ހިލާފުވެ އެ ޕާޓީ މަގުމަތިކޮށްފި ކަމަށް ދަނީ ބުނަމުންނެވެ.
ސަރުކާރަށް ތާއީދުކުރާ ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ކަމަށް ސަރުކާރުގައި ތިބި ފަރާތްތަކުން ގަބޫލުކުރެއެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވަމުން ގެންދަވަނީ ސަރުކާރު ޒިންމާދާރުކުރުވުމުގައި މަޖިލީހުގައި އިދިކޮޅު ފަރާތްތައް މުހިންމު ކަމަށެވެ. ކޯލީޝަނަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށް ޖޭޕީން ގަބޫލުކުރި ނަމަވެސް ބައެއް ފަހަރު އަމަލުތައް ހުންނަ ގޮތުން ޖޭޕީގެ ނިޔަތާ މެދު ސުވާލު އުފެދޭ ކިތަންމެ ދަނޑިވަޅުތަކެއް އައިސްފައި ވެއެވެ. ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުމާ ޖޭޕީން ދެކޮޅު ނަމަވެސް ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށް ގާސިމް ވިދާޅުވެއެވެ. ނަމަވެސް ކަންކުރައްވަނީ ދިމާ އިދިކޮޅަށެވެ. މަޖިލީހުގައި ކޯލީޝަން ހައްދަވަނީ އިދިކޮޅު ފަރާތްތަކާ އެކުގައެވެ. މަޖިލީހުގެ ގިނަ ގޮނޑިތައް ސަރުކާރު ހިންގާ ކޯލީޝަންގެ ޕާޓީތަކަށް ލިބެންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެއް ކަމަކު ގޮނޑިތައް ހޯދުމަށް ކުރާ މަސައްކަތުގައި އެމަނިކުފާނުގެ ތާއީދު އޮތީ އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމްގެ ކެންޑިޑޭޓުންނަށެވެ. އެމްޑީޕީ ދެކެ އެހާ ރުޅި އަންނަ ނަމަ ކޯލީޝަންގައި ބާކީ ތިބި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫނުގެ ތާއީދު އޮތް ބޭފުޅުންނަށް ގާސިމް ތާއީދު ނުކުރައްވަނީ ކީއްވެ ހެއްޔެވެ؟
މަޖިލީހުގެ މެޖޯރިޓީ ނެތަސް އިދިކޮޅު ފަރާތްތަކުން މިހާރު ވެސް ވަނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ފަށާފައެވެ. ސަރުކާރަށް 100 ދުވަސް ވެސް ނުވަނީސް ވަޒީރުން މަޖިލީހަށް ހާޒިރުކުރުމާއި ވަޒީރުންގެ އިތުބާރު ނެތްކަން ފާސްކުރުމަށް އިދިކޮޅު ފަރާތަކުން ފެށިއެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތަކެވެ. ނަމަވެސް ސަރުކާރުން ދެކޭ ގޮތުގައި އެއީ ޖެއްސުން ކުރުމުގެ އަމަލެކެވެ. އިދިކޮޅުގައި މެޖޯރިޓީ އޮތް ނަމަ ޔަގީނުން ވެސް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މިފަދަ އެތައް މައްސަލަތަކެއް މަޖިލީހަށް ވައްދާނެއެވެ. ސަރުކާރަށް ޖެހޭނީ އަބަދު ވެސް ވަޒީރުން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރަންށެވެ. ވަޒީރުންނަށް ޖެހޭނީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލައިން ރެކިވަޑައިގަންނަވާނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަށެވެ. ރައްޔިތުންގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތައް އެއްފަރާތް ކުރެއްވުމަށް ފަހުއެވެ.
ސަރުކާރުގައި ހިމެނޭ ޕާޓީތަކުން ގުޅިގެން މަސައްކަތް ނުކުރި ނަމަވެސް މެޖޯރިޓީ ހޯދުމަށްޓަކައި ވާންޖެހޭ ގުރުބާނީތައް ވެގެން ނޫނީ މި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މަޖިލީހުން ނިންމަންޖެހޭ ކަންކަން ނިންމަން ފަސޭހައެއް ނުވާނެއެވެ. އެއީ އެމްޑީޕީ އަދި ޖޭޕީ ނުވަތަ އަދާލަތު ޕާޓީކަމުގައި ވިޔަސް މި ވަގުތު ގުޅިގެން ކުރިއަށް ދިއުން ގޮތެއް ނެތެވެ. މަޖިލިސް އިންތިޚާބުގައި މެޖޯރިޓީ ދޭނީ ވަކި ޕާޓީއަކަށްތޯ ނުވަތަ ކޯލީޝަނަށްތޯ ނިންމާނީ ރައްޔިތުންނެވެ. އެއީ ޕާޓީތަކުގެ މެދުގައި ވެވޭ އެއްބަސްވުމަކުން ކުރެވޭނެ ކަމެއް ނޫނެވެ. ބޯކިބާ ކޮންމެ ގޮތަކަށް ފަޅައި އެއްބަސްވުންތަކެއް ހެދި ނަމަވެސް ވޯޓު ދޭން ތިބި ރައްޔިތުން އެގޮތް ބޭނުން ނަމަ އެއްބަސްވުން އޮންނާނީ އޮތް ތަނުގައެވެ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދޭނީ ކޮން ބަޔަކަށްތޯ ކަނޑައެޅުމުގެ އިހްތިޔާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.