ކ. މާލެ
|
4 މާރޗް 2019 | ހޯމަ 09:22
ދަންޖެއްސުން
ދަންޖެއްސުން
ގޫގުލް
ޖިނާއީ އަދުލުގެ ނިޒާމް
ދެމައިންގެ ޤާތިލަކީ ފިރިމީހާ ނޫންކަން އެނގުނީ ދަންޖެއްސިތާ 3 އަހަރު ފަހުން!
އޭނާގެ އަންހެނުންނާއި ދަރިފުޅު މަރާލީ އަވައްޓެރިއެއް

ޖިނާއީ އަދުލު ނުވަތަ "ކްރިމިނަލް ޖަސްޓިސް" އަކީ ޖިނާއީ ކުށްތައް ކުރާ މީހުންގެ ތަޙުޤީޤު ކުރިއަށް ގެންދިއުމާއި، ދައުވާ އުފުލުމާއި، ޝަރީއަތްތައް ހިންގުން ފަދަ ޖިނާއީ އެކިއެކި އިޖުރާއަތުތައް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ޤާއިމުކުރުމެވެ. އެގޮތުން ކުށެއްގައި ތުހުމަތު ކުރެވޭ ހިސާބުން އެ މީހެއްގެ މައްޗަށް ޝަރީއަތް ހިންގި، ހުކުމް އިއްވައި، ހުކުމް ތަންފީޒު ކުރުމާ ހަމައަށްވެސް ޖިނާއީ އަދުލު ޤާއިމުވެގެން ދިއުމަކީ އެފަދަ ކޮންމެ މީހެއްގެ ވެސް ހައްޤެކެވެ. ނަމަވެސް ޖިނާއީ އަދުލު ޤާއިމު ނުވާ ހާލަތްތައްވެސް ޤާނޫނީ ނިޒާމުގެތެރެއިން އެކި ފަރާތްތަކަށް ކުރިމަތިވެފައިިވެއެވެ. އޭގެ ތެރެއިންވެސް މުޅި ދުނިޔެއަށް މަޝްހޫރު ކޭސްއަކީ ޖޯން ޓިމޮތީ އީވާންގެ ކޭސްއެވެ. އެ ހާދިސާ ހިނގިތާ 68 އަހަރުވާއިރު، މިއީ މުޅި ދުނިޔޭގައިވެސް ޖިނާއީ އަދުލު ޤާއިމުކުރަން ނުކުޅެދުމުގެ މިސާލީ ގަޞިއްޔާއެއްގެ ގޮތުން ނަގާ ގަޞިއްޔާއެކެވެ. 

އީވާންއާއި އޭނާގެ އަންހެނުންގެ އިތުރުން 1 އަހަރުގެ އަންހެން ދަރިފުޅު އުޅެމުން ދިޔައީ ލަންޑަންގެ ރިލިންޓަން ޕްލޭސްގައި ހުންނަ އިމާރާތެއްގައެވެ. މާލީ ގޮތުން ދަތި ތަކެއް ހުރުމާއެކު ދެމަފިރިން މެދުގައި ދެބަސްވާންޖެހޭ ހާލަތްތައް އައި ނަމަވެސް އެ ދެމައިންނާއި ޓިމޮތީ އުޅެމުން ދިޔައީ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިންނެވެ. ނަމަވެސް ހާލަތު ބަދަލުވީ ޓިމޮތީގެ އަންހެނުން ބެރީލް ދެވަނަ ފަހަަރަށް ބަނޑުބޮޑުވުމާ ގުޅިގެންނެވެ. 

ޓިމޮތީ އީވާންގެ އާއިލާ

ބެރީލް ބަނޑުބޮޑުވުން ވީ ދެމަފިރިންގެ މާލީ ހާލަތު އިތުރަށް ގޯސްވި ސަބަބަކަށެވެ. ޚަރަދުތައް ދެކޮޅު ނުޖެއްސި އުޅެން ޖެހުމުގެ ނަތީޖާއަކަށްވީ، ދެމަފިރިން އެ ދަރިފުޅު އެބޯރޓް ކުރަން ނިންމުމެވެ. އެގޮތުން އެބޯރޓް ކުރުމަކީ އޭރު އެޤައުމުގައި މަނާ ކަމެއް ކަމުން އެކަން ކުރަން ޓިމޮތީ އެދުނީ އޭނާގެ އަވައްޓެރިއެއް ކަމަށްވާ ޑރ ޖޯން ކްރިސްޓީއާއެވެ. 

ނަމަވެސް ކަން ހިނގާ ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ފުލުހުންނަށް ފެނުނީ ޓިމޮތީގެ އަންހެނުން ބެރީލްއާއި އެ ދެމަފިރިންގެ ކުޑަ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑެވެ. ޒަހަމްތަކާއެކު މަރުވެފައި ތިއްބައި ފެނުނު އެ ދެމައިންގެ މަރާ ގުޅޭ ގޮތުން ޓިމޮތީއާ ސުވާލު ކުރެވުމުން އެ ދެމީހުން މަރާލީ އޭނާ ކަމަށް ވަގުތުން އެއްބަސްވިއެވެ. ނަމަވެސް ފަހުން އޭނާގެ ބަޔާނަށް އިންކާރުކޮށް، އެ ދެމައިން މަރާލީ ބެރީލްގެ އެބޯރޝަން އޮޕަރޭޝަން ހަދަން ހަވާލުކުރި ޑޮކްޓަރ ކްރިސްޓީން ކަމަށާއި، އޭނާ ކުރިން އެކަމަށް އެއްބްސްވީ ފުލުހުންގެ އިންޒާރު ތަކުގެ ސަބަބުން ކަމަށްވެސް ޓިމޮތީ ބުންޏެވެ. 

ޓިމޮތީ އީވާން ހައްޔަރުކޮށްގެން ގެންދަނީ 

ނަމަވެސް ޓިމޮތީ ކެނޑިނޭޅި އެހެން ބުނަމުން ދަނިކޮށް 3 ދުވަހު މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްފަހު، އެކަށީގެންވާ ފޮރެންސިކް ހެކިވެސް ނެތި، އެންމެ 40 މިނެޓް ތެރޭގައި ޓިމޮތީ މައްޗަށް އޭނާގެ ދަރިފުޅު މަރާލިކަމަށް ބުނެ މަރުގެ ހުކުމް ކޮށް ، 9 މާރިޗު 1950 ގައި އޭނާ ދަން ޖައްސާ މަރާލިއެވެ. 

ނަމަވެސް މި މަރުގެ ހަޤީޤަތްތައް ހާމަވީ ކުށެއްނެތް ޓިމޮތީ މަރާލުމުގެ 3 އަހަރު ފަހުންނެވެ. ފުލުހުން ބެލި ބެލުމުން ޑޮކްޓަރ ކްރިސްޓީ އަކީ ސީރިއަލް ކިލަރ އެއްކަން ހާމަވެގެން ދިޔައީއެވެ. އެގޮތުން ޖޯން ކްރިސްޓީގެ ގެއިން މަރާލާފައިވާ އެތައް އަންހެނުންނެއްގެ ހަށިގަނޑު ފެނިފައިވާއިރު، ހަށިގަނޑުގެ އެކިއެކި ގުނަވަންތައްވެސް ފެނިފައިވެއެވެ. އެގޮތުން އެ އިމާރާތުގެ އެކި ތަންތާނގައި އޭނާ މަރާލާފައިވާ އަންހެނުންގެ ހަށިގަނޑުތައް ފޮރުވާފައި ހުރިއިރު، އޭނާގެ ބަގީޗާގެ ފެންސު ހެދުމަށްވެސް އަންހެނުންގެ ފައިގެ ކަށިތައް ބޭނުންކޮށްފައި ހުއްޓެވެ. މި ހެކި ތަކަކީ ޓިމޮތީ ކުރި ތުހުމަތު ތަކާ ގުޅިގެން ފުލުހުން ރަނގަޅަށް ތަހުޤީޤު ކުރިނަމަ ފެންނާނެ ހެކިތަކެއް ކަމަށާއި، ފުލުހުން ރަނގަޅަށް ތަޙުޤީޤު ކުރިނަމަ ނުޙައްޤުން ޓިމޮތީއަށް މަރުގެ އަދަބު ނުދެވުނީސް ކަމަށް ޤާނޫނީ މާހިރުން ބުނެއެވެ. 

ކްރިސްޓީ ވަނީ އެ ހުރިހާ މީހުންވެސް މަރާލީ އޭނާ ކަމަށާއި، އަދި އޭނާ އެކަން ކުރަނީ އެމީހުން މަރާލުމަށްފަހު ޖިންސީ އެދުން ފުއްދުމަށް ކަމަށްވެސް އޭނާ ވަނީ އެއްބަސްވެފައެވެ. އެ ލާއިންސާނީ ކުށްތައް އޭނާގެ މައްޗަށް ސާބިތުވުމުން 15 ޖުލައި 1953 ގައި އެނާވަނީ ދަންޖައްސާ މަރާލާފައެވެ. 

އެކަމާ ގުޅިގެން 1966 ގައި ޓިމޮތީއަށްވަނީ ރިޔާސީ މާފު އިއްވާފައެވެ. ނަމަވެސް އެހާދިސާއަށް 68 އަހަރުވާއިރު، އެ ހާދިސާ ހަނދާންވާ ކޮންމެ ފަހަރަކީ ޤާނޫނީ ބޭފުޅުން ލަދުން އިސްޖަހާލަން ޖެހޭނެ ފަހަރެއްކަން ޔަޤީނެވެ. އިއްވާ ރިޔާސީ މާފަކުން ނުވަތަ ދޭ މަތިވެރި ދަރަޖައަކުން ނުޙައްޤުން ނިގުޅައިގަނެވުނު ފުރާނައެއްގެ ބަދަލު ދެވިދާނެތޯއެވެ؟ ޖިނާއީ އަދުލު ޤާއިމު ކުރެވޭނެތޯއެވެ؟ 

ޓިމޮތީ އީވާންގެ މަހާނަ 

މިއަދު ދިވެހި މުޖުތަމަައުގައިވެސް ޖިނާއީ ކުށްތަކަަށް އަރައިގަންނަ މީހުން "ފަތުއަޑުކިޔާފައި" ދަނީ އިތުރުވަމުންނެވެ. ކޯޓުތަކުގައި ކުރިއަށްދާ ޖިނާއީ މައްސަލަތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. މަރުތަކާއި، ވައްކަމާއި، މާރާމާރީ ފަދަ އެތަކެއް ކުށްތަކެއްގައި ޖަލަށް ލާން ހުކުމްކުރާ މީހުންވެސް މަދެއް ނޫނެވެ. މަރަށް ހުކުމް ކުރާ މީހުންވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ނަމަވެސް މިފަދަ ކޮންމެ ކޭސްއެއްގައިވެސް ޖިނާއީ އަދުލު ޤާއިމުވާން ޖެހޭނެއެވެ. ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އިންސާފުވެރި، ފުރިހަމަ ޝަރީއަތެއް ހިންގަން ޖެހޭނެއެވެ. ކުށް ސާބިތު ކުރުމުގެ މިންގަނޑަށް ތަޙުޤީޤީ އިދާރާތަކާއި، ދައުވާ އުފުލާ ފަރާތާއި، ޝަރީއަތް ހިންގާ ފަރާތްތައްވެސް އަހުލުވެރި ވާން ޖެހޭނެއެވެ. ޓިމޮތީ އީވާންއަށް ވީ ފަދަ ގޮތެއް މެދުވެރި ނުވޭތޯއެވެ. " ކުށެއް ނުކުރާ މައުސޫމަކަށް އަދަބު ދިނުމަށްވުރެ ކުށްކޮށްފައިވާ 10 މީހުން ދޫކޮށްލުންވެސް މާ ރަނގަޅު ކަމަށް" ބުނާ ޝަރުއީ ޤާއިދާ (ލީގަލް މެކްސިމް) ގައިވާ ފަދައިންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް