ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 19:04
ވޯޓް ދިނުމުގެ ކުރިން ވޯޓު ދޭ ކެންޑިޑޭޓާ މެދު ވިސްނާލުން މުހިންމު
ވޯޓް ދިނުމުގެ ކުރިން ވޯޓު ދޭ ކެންޑިޑޭޓާ މެދު ވިސްނާލުން މުހިންމު
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
ވިސްނަން ތިޔަ ހުންނަނީ ގިޔާމަތް ވަންދެކަށް ހެއްޔެވެ؟
ދައުލަތުގެ ސިފަ ގެއްލުވާލުމުގެ ބައިވެރިންނަށް ނޫނެކޭ ބުނަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އޭޕްރީލް 6 ގައި ބާއްވަން ނިންމާފައިވާއިރު، ކެންޑިޑޭޓުންނާއި ޕާޓީތަކުން އަވަދި ނެތި މަސައްކަތް ކުރަމުން ދަނީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކެމްޕެއިންގައެވެ. ބައެއް ކެންޑިޑޭޓުންނާއި ޕާޓީތަކުން ރޭވި އިންތިޒާމުވެފައިވާ ކެމްޕެއިންއެއް ކުރިއަށްގެންދާއިރު، ބައެއް ކެންޑިޑޭޓުންގެ ފަރާތުން ފެންނަމުންދަނީ ޒަމާނުއްސުރެ ގެންގުޅޭ އުސޫލުތަކެވެ. ކެމްޕެއިންއެއްގައި އިންތިޒާމުވެގެން ކަންކަން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް އެފަދަ ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކެމްޕެއިން އާއި އިންތިޒާމުވެގެން ހިންގާ ހަރަކާތްތަކަކީ މުހިންމު ކަމެއް ނޫނެވެ. މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރަނީ ވަކި ޕާޓީއަކަށް ވެގެން ނޫނެވެ. ވޯޓް ދެނީ ހަމައެކަނި މީހާއަށް ކަމަށް އެފަދަ މީހުން ގަބޫލުކުރެ އެވެ.  

ބަރުލަމާނީ ހަޔާތުގައި ދިވެހިންނަށްތަޖުރިބާ ނުކުރެވޭ ކަމެއް ނެތެވެ. އިދިކޮޅު ޕާޓީއަށް އަޣުލަބިއްޔަތު ދިނުމުން ވީ ގޮތާއި ސަރުކާރު ހިންގާ ޕާޓީއަށް ސުޕަ މެޖޯރިޓީ ދިނުމުން ވީގޮތް އިއްޔެ ވީ ކަމެއް ހެން އެނގެ އެވެ. އެހެންވެ، މި ފަހަރުގެ އިންތިޚާބުގައި ރައްޔިތުންގެ ނިންމުމަކީ ހަގީގަތުގައި ވެސް ރަނގަޅު ނިންމުމަކަށް ހަދަންޖެހެ އެވެ. ސިޔާސީ ފިކުރާއި މާޒީގެ ތަޖުރިބާ އާއި ކެންޑިޑޭޓްގެ ކޮލިޓީއަށް ބަލަންޖެހެ އެވެ. ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ދިވެހިން ވަރަށް ހިތްދަތި ތަޖުރިބާތަކެއް ވަނީ ކުރެވިފަ އެވެ. އެކަމަށް ވެސް ވިސްނުން މުހިންމެވެ. އެ މުއްދަތުގައި ގައުމަށް ލިބުނު ގެއްލުން ފައިސާއިން ހިސާބު ކުރާނަމަ، އެތައް ސަތޭކަ މިލިއަން ރުފިޔާއަކަށް އަރާނެ އެވެ. މި ގެއްލުން ކުޑަކުރެވޭނެ އެއްގޮތަކީ ރައްޔިތު މީހާއާ ހަމައިގައި ވެސް އިންސާފު ހިފެހެއްޓުމާއި، ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރުމެވެ.

ނަމަވެސް، ވޯޓްގެ މި މޫސުމުގައި ގިނަ ދާއިރާތަކުގައި ރައްޔިތުން ބުނަމުން ދަނީ ފައިސާއަށެވެ. ވަޒީފާއަށެވެ. ބޮޑެތި މުހްތާދުތައް ފުއްދައި ދިނުމަށެވެ. ކެމްޕެއިން ޓީމްތައް ބޭނުންވާ މިންވަރަށް ބޯނެ ކޮފީ އާއި އެނަރޖީ ޑްރިންކްތައް އެއްކުރަންޖެހެ އެވެ. ރަށުގެ އެކިއެކި ފަރާތްތަކާއި މުއައްސަސާތަކަށް ތަކެތި ހަދިޔާކުރަންޖެހެ އެވެ. މިކަންކަމުގެ އިތުރުން ކެމްޕެއިންގެ އެންމެ ފަހު ދުވަހު ނުވަތަ ވޯޓްލުމުގެ ކުރިން ހަދިޔާ ދިނުމަށް ހޭދަކޮށްލަންޖެހޭ ވަރު ކުޑައެއްް ނޫނެވެ. ނަތީޖާއަކީ ކޮބައިތޯ އެވެ. މި ކުރެވުނު ކަމަކީ ކޮބައިތޯ އެވެ. ރައްޔިތުންގެ ވޯޓް ކެންޑިޑޭޓް އެ ގަތީއެވެ. މި އުސޫލުން ވޯޓް ގަނެގެން، މަޖިލީހަށް ވަނުމުން ނަތީޖާއަކަށް ވާނީ، ހަރަދުކުރި ފައިސާ ހޯދުމަށް ނާޖާއިޒު އަމަލުތައް ހިންގުމެވެ. ރައްޔިތުންގެ ހައްގަށް ބެލުމެއް ނެތި ވަކި ބައެއްގެ ހައްގު އިސްކުރުމެވެ.  

ހަގީގަތުގައި މި ހާލަތަށް ވައްޓާލަނީ ރައްޔިތުންގެ އަމަލުތައް ހުރި ގޮތުން، ސިޔާސީ ފަރާތްތަކުންނެވެ. ދިވެހި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް އެންމެ މުހިންމުވެފައިވާ ކަމަކީ ބޯހިޔާވަހި ކަމެކެވެ. އެކަން ހާސިލެއް ނުވެ އެވެ. ހަޔާތް ނިންމާލަންޖެހެނީ ކުލި ދެއްކުމަށެވެ. ދެ މަފިރިން އެކުގައި ވަޒީފާ އަދާކޮށްގެން ލިބޭ ފައިސާއިން ދިރިއުޅުމުގެ ބޭނުން ނުފުދެ އެވެ. ދެން ބާކީ ބައި ހޯދުމަށްޓަކައި ފައިސާ ހޯދަންޖެހޭ ގޮތަކީ ކޮބައިތޯ ވިސްނާށެވެ. ރަނގަޅު އަދި ތާހިރު މުޖުތަމައެއް ބިނާކުރެވޭނީ އެންމެން އިސްލާހުވެގެންނެވެ. ރައްޔިތުން ފައިސާ އަށް ވޯޓް ނުގަންނަންވީ އެވެ. ތައުލީމީ، ގާބިލް، ނަޒާހަތްތެރި ކެންޑިޑޭޓަށް އިސްކަންދޭންވީއެވެ.

ގާނޫނު ފުނޑުކޮށް، އަމިއްލަ އެދުން އިސްކުރި ފަރާތްތައް ރަނގަޅުވާނެ ކަމަށް ނުބަލާށެވެ. ރައްޔިތުންގެ ހައްގުތައް ބަލާލައި ޖަހައި ހަރާމެއް ހަލާލެއް ބެލުމެއް ނެތި ފައިސާ ހޯދި ފަރާތްތައް އިސްލާހު ވެދާނެ ކަމަށް ރައްޔިތުން ނުވިސްނާށެވެ. އެފަދަ ފަރާތްތަކަށް އިސްލާހެއް ނުވާނެ އެވެ. މި ދައުލަތުގެ ސިފަ ގެއްލުވާލީ އެ އަނިޔާވެރިންނެވެ. މިފަހަރު ވިސްނާށެވެ. ވޯޓް ވިއްކާ ނުލައި، ގާބިލް މީހާއަށް ވޯޓް ދޭށެވެ. ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދިނުމަށް ކެންޑި ނޭޅި މަސައްކަތްކުރާ ފަރާތަކަށް ވޯޓް ދޭށެވެ. ފަސާދައަށް އަމިއްލަ އަގީދާ ވިއްކާލާފައި ނުވާ ކެންޑިޑޭޓުންނަށް ވޯޓް ދޭށެވެ. ނުހައްގު މުއްސަދިކަން ހޯދާފައި ނެތް ކެންޑިޑޭޓުން ހޮވާށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް