ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 18:13
ދަންތުރައިގައި ޖެހި މީހަކު މަރުވުމަކީ ބޮޑު ކުށެއް
ދަންތުރައިގައި ޖެހި މީހަކު މަރުވުމަކީ ބޮޑު ކުށެއް
މުހައްމަދު ޝަރުހާން
ދަންތުރަޖެހުން
ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ ޙާލަތެއްގައި ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން މީހަކު މެރުމުގެ ދައުވާ ކުރެވިދާނެ

މީހުންގެ ގޯތިގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަނެކެވެ. އަދި އެއީ އޭގެ ވެރިންނަށް އެންމެ ރައްކާތެރިކަން އިހްސާސްކުރެވެންޖެހޭ ވެސް ތަނެވެ. ކުށުގެ ޢަމަލުތަކާއި ކުށްވެރިންގެ އުނދަގޫ ބޮޑު މިޒަމާނުގައި ގޭގޭގައި ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެމެރާ ހަރުކޮށްގެން ނުވަތަ ސެކިއުރިޓީ ގާޑަކު ބަހައްޓައިގެން ގޭގެ ސެކިއުރިޓީއަށް ކުރާ ޚަރަދަކީ ޙަޤީޤަތުގައި އެހެން ހުރިހާ ކަމެއް ސަލާމަތްކުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. އެއީ ޟަރޫރީ ޚަރަދެކެވެ.

ދަންވަރު ވަގަށް ގޭގެއަށް ވަދެއުޅޭ މީހުން ހިފުމަށް ގުއިރޯނު ދެމުމަކީ ރާއްޖޭގެ ރަށްތަކުގައި ކޮށް އުޅުނު ކަމެކެވެ. އަދިވެސް ބައެއް ގޭގެ އިންފާރު މަތީގައި ފުޅިތޮށި ހަރުކޮށްފައި ހުންނާތީ ފެނެއެވެ. އެއީ ފާރުމަތިން މީހަކު ފުންމާލައިގެން އެތެރެވިޔަ ނުދިނުމަށްޓަކައި ކޮށްފަ ހުންނަ ކަންކަމެވެ. އެހެންނަމަވެސް އެފަދަ ކަންތައްތަކުން ގޭގެ ސަލާމަތްތެރިކަން ކަށަވަރުވުމަށް ވުރެ، ދިމާވާ ހާދިސާތަކުގެ ގެއްލުން މާބޮޑެވެ. މިހާރު އެފަދަ ކަމެއް އެއްވެސް ރަށެއްގެ ބަޔަކު ކުރާ ކަން އެނގިފައެއް ނެތެވެ. ކުރާނޭ ކަމަކަށް ނުވެސް ފެނެއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ކަމުގައިވީ ނަމަވެސް، މީހުންގެ ފުރާނައަށް ގެއްލުންވެދާނޭ ފަދަ ވަސީލަތްތަކާއި، އެފަދަ ނިޒާމުތައް ޤާއިމުކުރުމަކީ ރާއްޖޭގެ ޤާނޫނުތަކުން ހުއްދަކުރާ ކަމެއް ނޫނެވެ. ޤާނޫނު ލާޒިމުކުރަނީ ހުރިހާ ވަގުތެއްގައި ވެސް މީހާގެ ޢަމަލުތައް އަނެކާއަށް ގެއްލުމެއް ނުލިބޭ ގޮތަށް ބެހެއްޓުމަށެވެ. ސެކިއުރިޓީގެ ނަމުގައި ކަރަންޓު ދަންތުރަޖެހުމާއި، ދޮރު ހުޅުވުމުން ނުވަތަ އަތްލުމުން ޝޮކްޖެހޭ ގޮތަށް ހެދުމާއި، ގޯތި ތެރޭގައި އަނދަވަޅުކޮނެފައި ބެހެއްޓުން ފަދަ ކަންކަމަކީ އަނެކާއާ މެދު ބަހައްޓަންޖެހޭ އަޅާލުމުގެ ޒިންމާއާ ޚިލާފް، އަދި ފަރުވާކުޑަ ޢަމަލެކެވެ.

މިފަދަ ދަންތުރައެއްގައި ޖެހި މީހަކު މަރުވެއްޖެ ނަމަ އެ ޢަމަލަކީ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ޙާލަތެއްގައި ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން މީހަކު މެރުމެވެ. މިއީ ޖިނާޔާތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. ޢަމަލު ކުޅަ މީހާގެ ޤަސްތަކީ މީހަކަށް ބޮޑު އަނިޔާއެއް ލިބޭނޭ ފަދަ ޙާލަތެއް ކުރިމަތިކުރުވުން އެކަނި ކަމަށް ވިޔަސް، އެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މަޤުސަދުގެ ރުކުން ފުރިހަމަވީއެވެ. އެއީ އެފަދަ ދަންތުރައެއްގައިޖެހޭ މީހާ މަރުވުމަކީ ކުރިމަތިވެދާނޭ ޙާލަތެއްކަން އެކަން ކުރާ މީހަކަށް އެނގޭނޭތީއެވެ.

އަމިއްލަ ގޯތިގެދޮރާއި، މުދަލުގެ ރައްކާތެރިކަމާ މެދު ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ. ޚާއްސަ ސަމާލުކަމެއް ވެސް އެކަމުގައި ބަހައްޓަންޖެހޭނެއެވެ. އެހެންނަމަވެސް އެ ރައްކާތެރިކަން ކަށަވަރުކުރުމުގައި، އެހެން މީހެއްގެ ފުރާނައަށް ގެއްލުންވާ ފަދަ ކަމެއް ކޮށްގެންނުވާނެއެވެ. ސެކިއުރިޓީއަށް ބޭނުންވާ އެކިއެކި އާލާތްތަކާއި، ސެކިއުރިޓީދޭ ކުންފުނިތަކުގެ ޚިދުމަތްތައް ފުޅާވެ ކުރިއަރާފައިވާ މި ޒަމާނުގައި އެފަދަ ކަމެއް އަމުދުން ކޮށްގެންނުވާނެއެވެ.

އަމިއްލަ މުދަލާއި، ގޯތިގެދޮރުގެ ރައްކާތެރިކަމަށް ފާރަވެރިވުމަށް ކުރެވޭ ކެމްޕެއިންތަކުގައި މި މައުޟޫޢަށް ވާހަކަ ދެކެވެން ޖެހެއެވެ. މުދަލާއި ގޮވަތިގެދޮރު ރައްކާތެރިކުރާނީ އެހެން މީހުންގެ ފުރާނައަށް ނުރައްކަލެއް މެދުވެރިވެދާނޭ ޙާލަތެއް އުފައްދައިގެން ނޫން ކަމާއި، އެކަމަކީ ޤާނޫނު މަނާކުރާ ކަމެއް ކަން ބުނެދެވެންޖެހެއެވެ. މުދަލުގެ ވެރިޔާގެ ޒިންމާއަކީ މުދާ ރައްކާތެރިކުރުމަށް އެކަށީގެންވާ ފަރުވާތެރިކަން ބެހެއްޓުމެވެ. ވަގުން ހިފައި ހައްޔަރުކޮށް އަދަބުދިނުން ޤާނޫނީ ނިޒާމަށް ދޫކޮށްލާށެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލް މަހްފޫޒު ސައީދުގެ ލިޔުއްވުމެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 ޑިސެންބަރ 2019 | ހޮނިހިރު 00:15
ދަރަވަންދޫ
ވަރައް ކަޑަ "އަހަރެންގެ ގޯތި ގެދޮރާއި މުދާ ސަލާމަތްކޮއް ރައްކާތެރި ކޮއްދޭނީ އަހަރެން ފިޔަވާ ވަކި ކާކުތޯ؟" އެހެންކަމައްވާނަމަ މިޒަމާނައް ބަލާ ފައި ދަންތުރަވެސް ޖަހަންވީ ދޮރުތަކައްވެސް ސޮކް ދީ ފަބަހައްޓަންވީ މިނޫން ގޮތެއްދެން ނެއް . ވަގުންގެ ކިބައިން ސަލާމަތްވެވޭނީ މިކަހަލަ ގޮތަކުން ނާމިހެންތަ ބުނެވޭނީ ފެންވަރުގައި ވައްކަންތައް ކުރަމުން އެހެރަގެންދަނީ.މީސްމީހުންގެ މުދާތައް ކަހާލަނީ.
23 ފެބްރުއަރީ 2019 | ހޮނިހިރު 19:44
އުޒޭރު
ތި ގާނޫނުތައް ގާނޫނުއަސާސީގެ ފުރަތަމަ ބާބުގެ 10 ވަނަ މާއްދާގެ ށަވިޔަނީގެ ދަށުން ބާތިލުވާނެ. ލުލް
23 ފެބްރުއަރީ 2019 | ހޮނިހިރު 17:40
ސެކު
ތިއުޅެނީ ކުރިންދުވަހު އެ މަރުވި ޕާޓޭ ދިފާއު ނުކުރެވިގެން
23 ފެބްރުއަރީ 2019 | ހޮނިހިރު 17:06
Balaaa ehnu thidhen
Security ah beynunvaa zamaany aalaai dhyfa bunebala dhanthura nujahan..konme konme myhakah nuganeveyne thikiyaa aalaaai vareh ..
23 ފެބްރުއަރީ 2019 | ހޮނިހިރު 16:37
ގުނަން
މީ ކޮންކަހަލަ ތާކުން ތާކު ނުޖެހޭ ހަބަރެއް ގާނޫނު އަސާސީގެ އެއްމެ ސަފުހާއެއް ކަންނޭގެ ބަލާފަ ތިހުރީ
23 ފެބްރުއަރީ 2019 | ހޮނިހިރު 16:21
ދަންނަ
ވަގުން ހިފާ އަދަބު ދީ. އޭރުން ދަންތުރަ ޖަހަން ނުޖެހި ވެދާނެ. ގެދޮރު މުދާ އާއިލާ ފުރާނައިގެ ރައްކާތެރިކަން ކަށަވަރު ކޮއްދީ.
23 ފެބްރުއަރީ 2019 | ހޮނިހިރު 15:47
މަހުދީ
ޕޮލިހުންނަށް ވަގު ނުހިފެންޏާ ދެން ކޮންމެވެސް ގޮތެއް ހޯދަން އެބަޖެހޭދޯ
23 ފެބްރުއަރީ 2019 | ހޮނިހިރު 15:38
habeeb
ehenviyyaa thiya liyunumeehaa kairee buney gaanoonuga oi gothah meehakah adhabu dheebalaashey. thanthanuga anga nagaigen dharani bolugai alhaigen inakas kamakunudhaaneyey
23 ފެބްރުއަރީ 2019 | ހޮނިހިރު 15:29
Hassan
Kuhverinnah haggu adhabu dhinumah dhaulathun nukulhedhuneemaa, efadha kankamuge zimmaa nagan jehaynee valiyyul amru.
23 ފެބްރުއަރީ 2019 | ހޮނިހިރު 14:16
Vagu yaameen
Security meehaya gulhigen kuranyaa kihine tha eymeehunves bahadaanee alhy 1 faharu ai buri kolabala ey meehakuves 2vana fahara kurey thw balan
23 ފެބްރުއަރީ 2019 | ހޮނިހިރު 14:15
ހަނބޭ
ރަނގަޅު ވާހަކައެކެވެ. އެކަމަކު ނިކަމެތިމީހާގެ ރައްކަލަށް ފުލުހުން އެހީ ނުދޭ ތަނެއްގައި އަދި ގާނޫނީ ހިމާޔަތެއް އާދައިގެ މީހަކަށް ލިބިނުދެވޭ ތަނެއްގައި "މީދާ ހިފާ ދަތި" ނޫން ހައްލެއް ކޮބައިހެވެ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
23 ފެބްރުއަރީ 2019 | ހޮނިހިރު 14:14
NAAPPE
Abadhuves vagunge himaayathuga. Vahkan nukuraanama furaanayakah nurahkaleh nuvaane dw