ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 15:08
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު
ގޫގުލް
ކޮރަޕްޝަން މައްސަލަ
ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
ރާއްޖޭގައި ކޮރަޕްޝަންގެ ވަބާ މިވަނީ ވަރަށް ބޮޑަށް ފެތުރިފައި
މިކަމުގެ ހަޤީޤަތް ރައްޔިތުންނަށް އެބަ ހާމަކޮށްދޭން ޖެހޭ

ރާއްޖޭގައި ކޮރަޕްޝަންގެ ވަބާ މިވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ދުވަހެއް ދުވަހަކަށް ކޮރަޕްޝަން ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ ކުންފުނިތަކުން ފެށިގެން ގޮސް މިނިވަން މުވައްސަސާތަކަށް ބަލައިލިކަމުގައިވީ ނަމަވެސް ކޮރަޕްޝަން ވަދެފައިވާ މިންވަރު ސާފުވެގެންދާނެއެވެ. ރާއްޖޭގައި ކޮރަޕްޝަންގެ ވަބާ ފެތުރިފައި އޮތުމަކީ ހުރިހާ ރައްޔިތުންވެސް ދަންނަ ހަޤީޤަތަކެވެ. އެހެން ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ތަހުޤީޤީ ރިޕޯޓާއެކު ގިނަ ރައްޔިތުންނަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. އެއީ އެ ރިޕޯޓުން ވަރަށް ސާފުކޮށް ރާއްޖޭގައި މިހާ ފުޅާ ދާއިރާއެއްގައި މަތީ ދަރަޖައަކަށް ކޮރަޕްޝަން ގޮސްފައިވާ މިންވަރު ފެންނަން އޮތުމުންނެވެ. އެންމެ ކުޑަމިނުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މީހާއަށް ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ އެސްއޯއެފް ކުންފުނިން އެތައް ހާސް ޑޮލަރު ޖަމާކޮށްފައި ހުރުމުންނެވެ.

މި ތަހުޤީޤީ ރިޕޯޓުން ފެންނަން އޮތް ގޮތުގައި މި ސަރުކާރާއި ކުރީ ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކާއި އާންމު ފަރުދުންގެ އިތުރުން މަޖިލިސް މެމްބަރުންނަށް ވެސް އެ ކުންފުނިން ވަނީ ހާހުން މިލިއަނުން ޑޮލަރު ޖަމާކޮށްފައެވެ. އެސްއޯއެފް ކުންފުނި މެދުވެރިކޮށް މިލިއަނުން ޓްރާންސެކްޝަންތައް ހިންގާފައިވާއިރު ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ ނުވަތަ ތިމަންނާ އެއްވެސް ވައްކަމެއް ނުކުރަމޭ ބުނެ މިކަން ފަރުޖައްސާލެވޭކަށް ނެތެވެ. މިއަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެ ފަރާތްތަކުން އެކަންތައްތައް އެބަ ސާފުކޮށްދޭން ޖެހެއެވެ. މުއައްސަސާތަކުން މައްސަލަ ބަލައި ހާމަވެސް ކޮށްދޭން ޖެހެ އެވެ. މިކަމާ މެދު އެއްވެސް އެއްޗެއް ނުބުނެ ހަނުހުރުމަކުން ނުވަތަ ބަޔާންތައް ނެރުމަކުން ވެސް ނުނިމޭނެއެވެ. މިކަމުގެ "އަސްލު" ހަޤީޤަތް ރައްޔިތުންނަށް އެބަ ހާމަކޮށްދޭން ޖެހެއެވެ. އެއީ ކޮން ބޭނުމެއްގައި ނެގި ޑޮލަރުތަކެއް ކަމާއި އެ ޑޮލަރަށް ކުރީ ކޮން ކަމެއްތޯ ބުނެދޭން އެބަޖެހެއެވެ. މިދައްކަނީ މިލިއަން ޑޮލަރުން ހިންގާފައިވާ މުއާމަލާތްތަކުގެ ވާހަކައެވެ. 

ސުވާލަކީ މިއޮތްހާ ދުވަހު އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ އެސްއޯއެފް ކުންފުނީގެ ވާހަކަ އަޑުން އަޑު ނަގައި ދައްކަމުން ދިޔައިރު ތިމަންނާވެސް އެ ކުންފުންޏާއެކު ކުޑަ މުއާމަލާތެއް ނަމަވެސް ހިންގާފައިވާނޭ ނުބުނީ ކީއްވެގެންތޯ؟ އެކަން ހާމަނުކުރީ ކީއްވެގެންތޯ؟ އެވާހަކަ ނުދައްކަވާ ހަނު ހުންނެވީ ކީއްވެގެންތޯ؟ މިކަހަލަ އެތައް ސުވާލެއް އެ މުއާމަލާތުގައި ބައިވެރިވި ފަރާތްތަކަށް ރައްޔިތުން އަމާޒުކުރަމުން އެބަދެއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަ ތަހުޤީޤުކޮށް ބަލާއިރު އެސްއޯއެފް ކުންފުންޏާއެކު މުއާމަލާތް ހިންގާފައިވާ ހުރިހާ ފަރާތްތަކުގެ ހަޤީޤަތް ފުލުހުންގެ އިދާރާއާ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ރައްޔިތުންނަށް އެބަ ތިލަކޮށްދޭން ޖެހެއެވެ. އެކަން ރައްޔިތުންނަށް ހަމައަށް ތިލަ ނުކޮށްދެވިއްޖެކަމުގައިވާނަމަ މިއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދި ކޮރަޕްޝަންގެ އަމަލަކަށް ދެވޭ އިތުރު ހިތްވަރެކެވެ.ރައީސް ސޯލިހްގެ ސަރުކާރުން ވަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭން ފަށާ ރާއްޖޭއިން މުޅިން އެއްކޮށް ކޮރަޕްޝަން ނައްތާލުމަށް ވައުދުވެ، އެކަމަށް އަމާޒާ ހިފާފައެވެ.

ކަނާއަތް ދިތް ކޮށްފައި އޭނާއަކީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ މީހެކޭ ބުނެ، ވާތުން ހިނިތުންވެލާފައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ ކުންފުންޏެއްގެ އަތުން މިލިއަނުން ޑޮލަރު ނެގުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނުވެ. މި މުއާމާލުގައި ހިމެނޭ ހުރިހާ ފަރާތަކުންވީ އެންމެ އަވަހަކަށް މިކަމުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށް ޖަވާބުދާރީވާން އެބަޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
19 ފެބްރުއަރީ 2019 | އަންގާރަ 16:57
Riya
Varah rangalhu report eh.v beynuntheri mauloomaathu himanaafaivaakan faahaga kurevey