ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 17:59
މިލާނޯ-ބިކޯކާ އިން ލިބުނު މަންފާއިން އަޅާފައިވާ ރައްޔިތުންގެ ފިހާރަ
މިލާނޯ-ބިކޯކާ އިން ލިބުނު މަންފާއިން އަޅާފައިވާ ރައްޔިތުންގެ ފިހާރަ
ރާއްޖެއެމްވީ
މިލާނޯ-ބިކޯކާ
މިލާނޯ-ބިކޯކާ: މަގޫދޫގެ 'ރަންބިސް އަޅާ ކެމްޕަސް'
މިލާނޯ-ބިކޯކާ ގާއިމްކޮށްފައި ވަނީ މީގެ 10 އަހަރު ކުރިން
މަގޫދޫގެ ތަރައްޤީ ގުޅިފައިވަނީ އެ ކެމްޕަހާ

އިޓަލީގެ މިލާންގައި 1998 ވަނަ އަހަރު ޤާއިމްކުރި ޔުނިވާސީޓީ އޮފް މިލާނޯ–ބިކޯކާއަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 100 ޔުނިވަރސިޓީގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއެކެވެ. ޖުމްލަ އަށް ފެކަލްޓީއެއް ހިމެނޭ މި ޔުނިވަރސީޓީގައި 30،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރެއެވެ. އެ ޔުނިވާސިޓީގެ ފެކަލްޓީތަކުގައި ކިޔަވައިދޭ މާއްދާތަކަކީ، އިކޮނޮމިކްސް، ސައިންސް އެންޑް އެޑިއުކޭޝަން، ލޯ، ފިޒިކްސް، މެޑިސިން އަދި ސޯޝިއޮލޮޖީއެވެ. ޔުނިވާސީޓީގެ ރެކްޓާއަކީ ޕޮރްފެސަރ މާރިޔާ ކްރިސްޓީނާ މެއްސާއެވެ.

މިލާނޯ-ބިކޯކާ ޔުނިވާސިޓީގެ ކެމްޕަހެއް ފ. މަގޫދޫގައި ޤާއިމްކުރުމާ ބެހޭ ގޮތުން އެންމެ ފުރަތަމަ މަޝްވަރާތަކެއް ކުރެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު އިޓަލީގެ މިލާނަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ރާއްޖޭގެ ފަރުތަކާއި، ކަނޑާ ބެހޭ ތަޙުލީލްކުރުމުގެ މުހިންމުކަން އެމަނިކުފާނު އެ ޔުނިވަރސިޓީގެ ސަމާލުކަމަށް ގެނެސްދެއްވައި ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް އިޖާބަދީ ފ. މަގޫދޫގައި އެ ޔުނިވަރސިޓީގެ އައުޓްޕޯސްޓެއް ނުވަތަ ކެމްޕަހެއް ގާއިމް ކުރުމަށް ނިންމިއެވެ. އެ ކެމްޕަސް ޤާއިމްކުރެވިގެން ދިޔައީ 2011 ވަނަ އަހަރުއެވެ.

ފ. މަގޫދޫގައި ހުންނަ މިލާނޯ-ބިކޯކާގެ ކެމްޕަސް/ފޮޓޯ - ރާއްޖެ.އެމްވީ

މި ކެމްޕަހުގައި މައިގަނޑު ގޮތެއްގައި ތަޙުލީލް ކުރަނީ ރާއްޖޭގެ ފަރުތަކާއި، ކަނޑުގެ ދިރުންތަކެވެ. އިޓަލީގައި މެރިން ބައިލޮޖީ ކިޔަވާ ދަރިވަރުން ކޮންމެ އަހަރަކު ވެސް އެ ކެމްޕަހަށް ޒިޔާރަތްކޮށް ދިރާސާ ކުރުމުގައި ބައިވެރިވެއެވެ.

ކެމްޕަހުގައި ކިޔަވާ ދަރިވަރުންތަކެއް/ ފޮޓޯ - ރާއްޖެ.އެމްވީ

ކޮންމެ ދަރިވަރަކު ވެސް އެންމެ މަދުވެގެން ނުވަ ދުވަހު އެ ރަށުގައި ހޭދަކުރެއެވެ. އެ ދުވަސްތަކުގެ ތެރޭގައި ރަށުގެ މޫދާއި، ކަނޑާ ބެހޭ ތަޙުލީލްތަކެއް ހަދައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި މިލާނޯ ޔުނިވާސިޓީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ދަރިވަރުން ވެސް އެ ތަނުގައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެއެވެ.

މިލާނޯ-ބިކޯކާއިން މަގޫދޫއަށް ކުރަނީ ކޮން ފައިދާއެއް؟  

ރާއްޖޭގެ ގިނަ ރަށްތަކަކީ ގެސްޓް ހައުސް ވިޔަފާރި އާއި މަސްވެރިކަމުން ލިބޭ މަންފާ އިން ދިރިއުޅޭ ރައްޔިތުންތަކެއް އުޅޭ ރަށްތަކެކެވެ. އެހެން ނަމަވެސް އާބާދީގައި 700 މީހުން ދިރިއުޅޭ މަގޫދޫގެ ރައްޔިތުންނަށް މަންފާ ލިބެނީ އެރަށުގައި ހުންނަ މިލާނޯ-ބިކޯކާގެ ކެމްޕަހުންނެވެ. އެ ރަށުގައި ޤާއިމްކޮށްފައިވާ ކެމްޕަހުން ކޮންމެ މަހަކު ސަރވިސް ފީގެ ގޮތުގައި ކައުންސިލަށް 2100 ޑޮލަރު (32،382ރ.) ލިބެއެވެ. މަގޫދޫގައި ހުންނަ މިލާނޯ-ބިކޯކާގެ ކެމްޕަހުގައި އެރަށަށް ނިސްބަތްވާ ދިވެހި ފަސް މުވައްޒަފުން މަސައްކަތް ކުރާއިރު މީގެ ތެރެއިން ތިން މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުންނެވެ. އެހެންކަމުން ވަޒީފާގެ ގޮތުން ވެސް އެ ރަށުގެ ފަސް އާއިލާއަކަށް ފައިދާ ކުރެއެވެ.

 

މަގޫދޫގެ ބޮޑު މަގު / ފޮޓޯ - ރާއްޖެ.އެމްވީ

 

ކެމްޕަސް ބެލެހެއްޓުމަށް މިލާނޯ-ބިކޯކާ އާއި މަގުދޫ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކެމްޕަހަށް ޒިޔާރަތްކުރާ ދަރިވަރުންގެ ކެއިންބުއިމުގެ ފީއެއްގެ ގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން ދުވާލަކު 35 ޑޮލަރު ނަގައެވެ. އާންމުކޮށް އަހަރަކު 400 ދަރިވަރުން މި ކެމްޕަހަށް ޒިޔާރަތް ކުރާއިރު، އެއީ އެވްރެޖުކޮށް އަހަރަކު 126،000 ޑޮލަރު (1.94 މިލިއަން ރުފިޔާ) އެވެ. އެއީ ރަށު ފެންވަރުން ބަލާއިރު ފުދޭ ވަރެއްގެ އާމްދަނީއެކެވެ. ކައުންސިލްގެ ވިސްނުން ބައްޓަންކޮށްފައި ވަނީ އެ ފައިސާ އިންވެސްޓްކޮށް ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމަށެވެ. އެެގޮތުން މަގޫދޫގައި ހުރި ކެމްޕަހުން އެ ރަށަށް ލިބުނު ފައިދާ އިން ރަށު ކައުންސިލުން މިހާރު ވަނީ ރަށުގައި ގެސްޓްހައުސްއެއް އަޅައި، ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ ގޮތަށް ރަށުގައި ހާޑްވެއާރ ފިހާރައެއް ވެސް ހުޅުވާފައެވެ.

މަގޫދޫ ރައްޔިތުންގެ ފިހާރަ / ފޮޓޯ - ރާއްޖެ.އެމްވީ 

މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު ވިދާޅުވީ، އެ ރަށުގައި ހުރި މިލާނޯ-ބިކޯކާގެ ކެމްޕަހަށް 10 އަހަރު ފުރިގެންދާއިރު، ރަށުގެ ތަރައްޤީ ގުޅިފައިވަނީ އެ ކެމްޕަހާ ކަމަށެވެ. މިލާނޯ-ބިކޯކާ އިން ވަނީ މަގޫދޫގެ އިޖްތިމާއި ކަންތައްތަކުގެ އިތުރުން އެރަށު ތައުލީމީ ދާއިރާ އަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްފައެވެ. އެގޮތުން މި އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރަށު ސްކޫލްގެ އެދުމަކަށް ދަރިވަރުންނަށް ބޯފެން ފިލްޓަރަކާއި ރަނގަޅު ފެންވަރުގެ އެލްމެނިއަމް ފެންފުޅި އެ ކެމްޕަހުގެ ފަރާތުން ހޯދައިދީފައިވާކަން ވަޙީދު ފާހަގަކުރެއްވިއެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު 

މީގެ އިތުރުން ރައްޔިތުންނަށް އިއާދަކުރަނިވި ހަކަތަ އުފެއްދޭނެ މަގު ފަހިކުރުމަށް އެ ކެމްޕަހުން ރަށު ކައުންސިލް އިދާރާގެ ފުރާޅުގައި 24 ކިލޯވޯޓްގެ ކަރަންޓު އުފެއްދޭނެ ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްދީފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އިޖުތިމާއީ ކަންކަމުގެ އިތުރުން ޒުވާނުންނާއި ގުޅުން ހުރި އެކި މަސައްކަތްތަކަށް ވެސް މިލާނޯ-ބިކޯކާގެ ކެމްޕަހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް، ބޭރުގެ ތަޖުރިބާކާރުން ގެނެސްގެން ވޮލީ އަދި ފުޓުބޯޅަ ކޯޗިންގ ކޯސްތައް އެ ރަށުގައި ވަނީ ހިންގާފައެވެ. 

ރަށުގެ ރައްޔިތުން ބޭނުންވާ އެކި ކަންކަން ކޮށްދިނުމުގައި މިލާނޯ-ބިކާކޯ މަގޫދޫ ކެމްޕަހުން އިސް ދައުރެއް އަދާކޮށްފައިވާއިރު، މިލާނޯ-ބިކޯކާއާ އެކު އެ ރަށުގެ ރައްޔިތުން ވޭތުވެދިޔަ 10 އަހަރު ސިފަކުރަނީ އިންތިހާއަށް ކާމިޔާބީތައް ހޯދުނު އަހަރުތަކެއްގެ ގޮތުގައެވެ. ކާމިޔާބުކަމާ އެކު ދިހަ އަހަރު ހޭދަކުރުމަށް ފަހު އެރަށާއި ޔުނިވާސިޓީގެ ގުޅުން އެ ގޮތުގައި ބޭއްވުމަށް އެއްބަސްވުން ވަނީ ކުރިއަށް އޮތް 10 އަހަރަށް އާކޮށްފައެވެ. ރައްޔިތުންގެ އުންމީދަކީ އެ ކެމްޕަހުގެ ސަބަބުން ރަށަށް ލިބޭ ފައިދާ މިހާރަށް ވުރެ ވެސް އިތުރުވެ ކެމްޕަސް އިތުރަށް ތަރައްގީވުމެވެ. އެއީ ރަށުގެ ރައްޔިތުންނާއި ރަށުގެ ޒުވާނުންނަށް ވެސް އިތުރު ފުރުސަތުތައް ތަނަވަސްވެގެންދާނެ މަގެއް ކަމަށް އެ ރަށު ރައްޔިތުން ގަބޫލުކުރެއެވެ. 

- ކޮމެންޓް