އެމެރިކާގެ ރައީސަށް ޚާރިޖީ އަދި ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ލަފާއަރުވާ އެޤައުމުގެ ޤައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ އިސްވެރިންނާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
މީގެ އިތުރުން ކައުންޓަރ-ޓެރަރިޒަމްގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެމްބެސެޑަރ އެޓް ލާޖް އަދި ކައުންޓަރ-ޓެރަރިޒަމް ކޯޑިނޭޓަރ ނޭތަން އޭ ސޭލްސްއާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.
ޤައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ އިސް ބޭފުޅުންގެ އިތުރުން ޝާހިދު ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް ބައެއް ބޭފުޅުންނާއިވެސް މަޝްވަރާތަ ބައްދަލުވުންތައް ބާއްވަވާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/1548326277.jpg)
އެގޮތުން ޕްރިންސިޕަލް އެސިސްޓަންޓް ސެކްރެޓަރީ ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، އެމްބެސެޑަރ އެލައިސް ވެލްސް އާއި އަންޑަރ ސެކްރެޓަރީ ފޮރ ޕޮލިޓިކަލް އެފެއަރޒް ޑޭވިޑް ހޭލް އާއިއެކު ބައްދަލުވުންތައް ބާއްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި އެމެރިކާއިން މިސަރަހައްދަށް އަމާޒުކޮށްގެން ގެންގުޅޭ އިންޑޯ ޕެސިފިކް ސްޓްރެޓެޖީ އަކީ ރާއްޖެއަށާއި، އިންޑިއާ ކަނޑުގެ ހަމަޖެހުމަށް މުހިއްމު ސްޓްރެޓެޖީއެއްކަމަށް ހޭލް އަރިހު ވިދާޅުވިކަމަށް ޝާހިދު ވިދާޅުވިއެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް ބޭފުޅުންނާއިއެކު ބޭއްވެވި ބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓޭޓް ޑިޕާޓްމަންޓްގެ އިސްބޭފުޅުންނާއިއެކު ބޭއްވުނީ ފައިދާހުރި ބައްދަލުވުންތަކެއްކަމަށާއި، މި ދުވަސްވަރަކީ ދެޤައުމުގެ ގުޅުން އެންމެ ރަނގަޅު ދުވަސްވަރުކަމަށް ދެޤައުމުންވެސް އެއްބަސްވާކަމަށެވެ.
އަދި ދެޤައުމުގެ ރައްޔިތުންނަށް ދުރުމުސްތަޤްބަލުގައިވެސް ފައިދާކުރާނެ ކަންކަމަށް އިސްކަން ދިނުން މުހިއްމުކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
Had a very good meeting with Under Secretary of State for Political Affairs @StateDept David Hale. I told him that the US Indo-Pacific Strategy is a source of good for the Maldives and for the stability of the Indian Ocean @USAmbSLM @State_SCA
— Abdulla Shahid (@abdulla_shahid) January 23, 2019
މިބައްދަލުވުންތަކުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލާއި، ރާއްޖެއަށް އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމެރިކާގެ ވެރަށް ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު މިހާރު ވަނީ ނިއުޔޯކަށް ވަޑައިގެންފައެވެ. ނިއުޔޯކްގައި އދގެ ސެކްރެޓަރީ ޖެނެރަލްއާއި އެހެން ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، އދގެ ސަލާމަތީ މަޖިލީހުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭ ގޮތުން ޚާއްސަ ތަޤުރީރެއް އެމަނިކުފާނު ކުރައްވާނެއެވެ.