ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވަމުން އަންނަ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ދީފިއެވެ.
މިކަން ހާމަކޮށް ޕީއެންސީ އުފެއްދުމުގައި އިސްކޮށް ހުންނަވާ ފަރާތް ކަމަށްވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ބުރާސްފަތި ދުވަހު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އޭނާ ހާމައެއް ނުކުރައްވައެވެ.
Alhamdhulillahi! Congress Party ufehdhumah baahan jehey Jalsaa beyhvumuge huhdha EC in miadhu dhehvaifi @VaguthuOnline @sunbrk @Ch13official @avasmv pic.twitter.com/8Lu8E0GtUb
— Abdul Raheem Abdulla (@Banafsaa) January 24, 2019
ޕީއެންސީ އިން އީސީއަށް ހުށަހަޅާފައިވާ މެމްބަރޝިޕް ފޯމްތައް ސައްހަ ނޫން ކަމަށް ބުނެ، ކެންސަލްކުރަމުންދަނީ "ޒާތީ" މައްސަލައެއް ޕީއެންސީއާ މެދު އޮވެގެން ކަމަށް އީސީގެ މެމްބަރު ހަބީބު ވިދާޅުވެފައިވާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
ބުދަ ދުވަހު އަބްދުއްރަހީމް ވިދާޅުވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު 4000 ފޯމް އިސީއަށް ހުށަހެޅިއިރު، އޭގެ ތެރެއިން އީސީ އިން ސައްހަ ކަމަށް ކަނޑައެޅީ 1945 ފޯމް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ސިޔާސީ ޕާޓީއެއް ރެޖިސްޓްރީ ކުރާ ނަމަ ސައްހަ 3000 ސައްހަ ފޯމް ހުށަހަޅަންޖެހެއެވެ. އޭގެ ފަހުން 1100 ފޯމް ހުށަހެޅި އިރު އޭގެ ތެރެއިން ވެސް ސައްހަވީ 300 ވަރަކަށް ފޯމް ކަމަށް އެނގިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ. ނަމަވެސް އީސީން ހުއްދަ ދީފައި ވަނީ ސައްހަ 3،000 ފޯމް ހަމަވުމުންނެވެ.
ޕީއެންސީ އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފައި މި ވަނީ ވަނީ އީސީގެ މެންބަރުން މަޖިލީހަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އަދި ސައުވީސް ގަޑިއިރު މަޖިލީސް ހުޅުވަން ޖެހުނަސް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބުދަ ދުވަހުގެ ރޭ ވިދާޅުވެފައި ވަނިކޮށެވެ.
އުފައްދަން މަސައްކަތްކުރާ ޕީއެންސީގެ އިތުރުން މިހާތަނަށް ރާއްޖޭގައި އަށް ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ ދާދި ފަހުން ރަޖިސްޓްރީކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރުމަށް ކަމަށް ބުނެ އުފެއްދި ލޭބާ ޕާޓީގެ އިތުރުން އެމްޑީޕީ އާއި، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ އަދި ޑީއާރުޕީއެވެ.