ކޮންމެ މަހަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޯލިޝަން ލީޑަރުންގެ ބައްދަލުވުން އަންނަ ހަފްތާގެ ތެރޭގައި ބޭއްވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު 15 ދުވަހު ހޮޓެލް ޖެންގައި ބޭއްވުމަށް ފަހު ޖެނުއަރީ މަހު ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް އަދިވެސް ކަނޑައަޅާފައެއް ނުވެއެވެ.
އެހެން ނަމަވެސް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިޙް ވިދާޅުވީ އެކަމާ ގުޅިގެން މިއަދު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެގޮތުން އެމަނިކުފާނު ހަފްތާ ބަންދުގައި ދަތުރުފުޅެއް އޮތުމާ އެކު އަންނަ ހަފްތާގެ ތެރޭގައި ބޭއްވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ހަފްތާ ބަންދުގައި ރައީސް ވަނީ ލ. އަތޮޅުގައި ބާއްވާ ދުވުމުގައި ބައިވެރިވަޑައިގަތުމަށް ނިންމަވާފައެވެ.
ކޯލިޝަން ޕާޓީގެ ބައްދަލުވުމެއް މި މަހު ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ ކޮން ފަރާތަކުންކަން ނޭނގިފައިވާއިރު، ކޯލިޝަންގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަށް ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ދަނީ ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ދަނީ އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދަށާއި، އެ ޕާޓީއަށް ބަހުގެ ހޫނު ހަމަލާތަށް ދެމުންނެވެ. ދެ ޕާޓީގެ ދެމެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ކުރިމަތިލާނެ ކަމަށް އިއުލާންކުރި ހިސާބުންނެވެ.
ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމަށް ބުނެފައިވާއިރު، ބުދަ ދުވަހު ޖޭޕީގެ ލީޑަރު ގާސިމް ވަނީ ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ ޕާޓީ ޕީއެންސީއާ ބައްދަލުކުރައްވާފައެވެ.
ޖޭޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމަށް ބުނެފައިވާއިރު، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން އެމްއާރްއެމްއާ، އަދާލަތު ޕާޓީން ވަނީ ކޯލިޝަން ދެމެހެއްޓުމަށް ގޮވާލާފައެވެ.
ހަތަރު ލީޑަރުންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.