ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖަލު ހުކުމުން މިނިވަންވުމަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓީވީ ޗެނަލެއްގެ ލައިވް ޕްރޮގްރާމެއްގައި ބައިވެރިވާން ނިންމަވައިފިއެވެ.
އެގޮތުން ރައީސް ނަޝީދު ވަނީ ރާއްޖެޓީވީން ކޮންމެ ދުވަހަކު ހެނދުނު ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމްގައި މި ހަފްތާގެ ބުރާސްފަތި ދުވަހު ހެނދުނު ބައިވެރިވެވަޑައިގަންނަވަން ނިންމަވާފައެވެ.
"ފަށާއިރު" ޕްރޮގްރާމަކީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ރާއްޖެޓީވީން ކޮންމެ ދުވަހެއްގެ ހެނދުނު 6:30 އިން 9:00 އަށް ގެނެސްދޭ ޕްރޮގްރާމެކެވެ. މިއީ ރާއްޖެޓީވީން ދައްކާ ޕްރޮގްރާމްތަކުގެ ތެރެއިން ބެލުންތެރިންގެ ވަރަށް މަޤްބޫލު ޕްރޮގްރާމެކެވެ.
މިޕްރޮގްރާމަކީ މައިގަނޑު ގޮތެއްގައި ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޚަބަރުތައް ތަފާތު ގޮތަކަށް ގެނެސްދޭ ޝޯވްއަކަށް ވާއިރު މެހެމާނެއްގެ ގޮތުގައި މިޕްރޮގްރާމަށް ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ޕްރޮގްރާމްގެ ޕްރޮޑިއުސަރ އަދި ޕްރެޒެންޓަރު އާމިރު ސަލީމް ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ޓީވީތަކުން ގެނެސްދޭ ހެނދުނު ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ އަވަހަށް ފަށާ އެއް ޕްރޮގްރާމެވެ.
ރައީސް ނަޝީދުގެ މައްޗަށް ނުހައްޤުން އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގަތީ ނޮވެމްބަރ 26، 2018 ގައެވެ.
އެމަނިކުފާނު މިނިވަންވެވަޑައިގެން ރާއްޖެ ވަޑައިގަތުމުން އެތައް ހާސް ބަޔަކު މަރުހަބާ ދަންނަވާފައެވެ. އަދި 2019 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މަންޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި އެމަނިކުފާނު ވާދަކުރައްވާނެއެވެ.