ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 13:48
ހުޅުމާލެ. ދެވަނަ ފިޔަވަހީގެ ގިނަ މަސައްކަތްތައް ކޮށްފައިވަނީ ޕްލޭނެއް ނެތި
ހުޅުމާލެ. ދެވަނަ ފިޔަވަހީގެ ގިނަ މަސައްކަތްތައް ކޮށްފައިވަނީ ޕްލޭނެއް ނެތި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
25 ބުރީގެ އިމާރާތަކީ ރާއްޖެއަށް އެންމެ އެކަށޭނަ ގޮތަށް ހެދޭ ސޯޝަލް ހައުސިންއެއް ނޫން
ރައްޔިތުންނަށް ޒަރޫރީ ބޭނުމަށް ބޭނުންކުރާނެ މާ ގިނަ ވަސީލަތްތަކެއް ދެވަނަ ފިޔަވަހީގައި ގާއިމްވެފައެއް ނެތް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާ މަޝްރޫއު ފަށާފައިވަނީ އެއްވެސް ޕްލޭނެއް ނެތިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީ ކުރާ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ވަކި ގޮތަކަށް ޕްލޭން ކުރެވިގެން ތަރައްގީ ކުރާ ތަނެކެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބާއި ދިމާކޮށް ބޯހިޔާވަހިކަމުގެ ނަމުގައި ދެވަނަ ފިޔަވަހީގައި ކޮށްފައިވާ ގިނަ ކަންތައްތަކަކީ ރަނގަޅުކުރަންޖެހޭ ކަންތައްތަކެއްކަން މިހާރު ދަނީ ހާމަވަމުންނެވެ. އޭގެތެރެއިން ގިނަ ކަންތައްތަކަކީ މަސައްކަތް ފަށައި، ދެބައިކުޅަ އެއްބައި މަސައްކަތް ނިމިފައި ހުރި ކަންތައްތަކެވެ.  

ދައުލަތުން ސޮވަރިން ގެރެންޓި ދީގެން އެޗްޑީސީން 7.5 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ހިންގާ ހިޔާ މަޝްރޫއުގެ ދަށުން ގާއިމް ކުރާ 7000 ހައުސިން ޔުނިޓުގެ ދެ ކޮޓަރީގެ 550 އަކަފޫޓުގެ އެޕާޓްމަންޓަކީ އުޅެން ހެޔޮވާވަރުގެ އެޕާޓްމަންޓްތަކެއް ނޫނެވެ. މަޝްރޫއު ނިމުމުން އެ 7000 ފްލެޓްގައި ގާތްގަނޑަކަށް ތިރީސް ފަސް ހާހެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭއިރު، އެއީ އިންސާނުން އުޅެން ހެޔޮވާގޮތަށް ހަދަން ނިންމާފައިވާ ތަންތަން ނޫންކަމަށް އެޗްޑީސީއިން ވެސް ގަބޫލު ކުރެއެވެ.

މިހާ ގިނަ އަދަދެއްގެ ރައްޔިތުން އެއްތަނަކަށް ޖަމާކުރާއިރު ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ މުހިއްމު އެއްކަމެވެ.

މިހާރު އިމާރާތްކުރާ ފްލެޓްތަކުގެ ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 400 އާއި 450 އާއި ދެމެދުގެ އަދަދަކަށް ފްލެޓް ހުންނާނެއެވެ. އެއިން ކޮންމެ ބްލޮކަކަށް އަރައި ފޭބުމަށް ސިޑިގެ އިތުރުން ބެހެއްޓުމަށް ނިންމާފައިވަނީ 3 ލިފްޓެވެ. މިއިން ކޮންމެ އެޕާޓްމަންޓް ބްލޮކެއްގައި 2000 އާއި 2500 މީހުން އުޅޭނެ ކަމަށް ލަފާކުރެވޭއިރު، ތިން ލިފްޓަކީ މި އެންމެން ބޭނުންކުރުމަށް އެންމެ އެކަށީގެންވާ އަދަދަކަށް ނުވާނެއެވެ. ކަރަންޓުގެ ޚިދުމަތް އަދިވެސް ޔަޤީންކޮށްދެވިފައި ނުވާއިރު، 25 ބުރީގެ އިމާރާތެއްގައި ކަރަންޓުގެ ބެކަޕެއް ނެތި، އެންމެ ތިން ލިފްޓު ބެހެއްޓުން ވެގެންދާނީ ނުރައްކާތެރި ކަމަކަށެވެ. އިމާރާތްތައް ފަރުމާ ކުރެވިފައި ހުރި ގޮތުން އެ އިމާރާތްތަކަށް ބަދަލު ގެނެސް އިތުރު ލިފްޓު ބެހެއްޓުމަކީ އުނދަގޫ ކަމަކަށް ވީނަމަވެސް އެކަމަށް ހައްލެއް ހޯދައިދޭން އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަމައެއާއެކު 25 ބުރީގެ އިމާރާތަކީ ރާއްޖެއަށް އެންމެ އެކަށޭނަ ގޮތަށް ހެދޭ ސޯޝަލް ހައުސިންތޯ ވެސް ސުވާލު އުފެދެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ ހިޔާ މަޝްރޫއުގެ އިމާރާތްތަކުގެ 16 ބްލޮކްގެ ތެރެއިން 10 ބްލޮކްގެ އޮނިގަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަސައްކަތް މި ހިސާބަށް ގޮސްފައި ވީނަމަވެސް އެ އިމާރާތްތަކަކީ އެންމެ އެކަށޭނަ ގޮތަށް ފަރުމާ ކޮށްފައިވާ ތަންތަން ނޫންކަން އޭނާ ގަބޫލުކުރައްވައެވެ. އެގޮތުން އެ އިމާރާތްތަކުގައި ގިނައިން ހުރީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް ވެފައި، އެ މިންވަރަކީ އާދައިގެ ދިވެހި އާއިލާއެއް ދިރިއުޅެން މިހާރު ބޭނުންވާ ޖާގައަށްވުރެ ކުޑަ ތަންތަންކަން އެޗްޑީސީން ޤަބޫލުކުރެއެވެ. އެފަދަ ތާށި ކަމަކީ އިންސާނުން އުޅެން އެކަށީގެންވާ ހާލަތަކަށް ނުވާތީ އެޗްޑީސީގެ އަމާޒަކީ އެ 7000 ފްލެޓް ތަކުގެ ތެރޭގައި ހިމެނޭ ދެ ކޮޓަރީގެ ބައެއް އެޕާޓަމަންޓްތައް ތިން ކޮޓަރީގެ އެޕާޓްމަންޓަތަކަކަށް ބަދަލު ކުރުމެވެ.

"ސޭފްޓީވައިސް 25 ބުރިއަށް 10 ބިލްޑިން ސްޓަރްކްޗާ ނިމިފައި، ގެނެވޭނެ ބަދަލަކީ 2 ކޮޓަރީ 3 ކޮޓަރި އަށް ބަދަލު ކުރުން، ލިފްޓް ވެސް ބަދަލުކުރުން. ރާއްޖޭގައި އަދި އެހާ އެޕްރޮޕްރިއޭޓެއް ނޫން 25 ބުރިއަށް ނެގުން" އޭނާ ވިދާޅުވިއެވެ.

ސުހައިލް ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަނީ 

ކުރިން ފްލެޓްތައް ނިންމައި ހަވާލު ކުރަން ރާވާފައި އޮތީ ފްލެޓްތަކުގެ ތަޅުންގަނޑުގައި މުށި ނުޖަހައެވެ. ފްލެޓްތަކުގެ އެތެރޭގެ ދޮރުތައްވެސް ނުހިމަނައެވެ. އެހެންކަމުން ދެ ކޮޓަރި ތިން ކޮޓަރިއަށް ބަދަލުކުރުމަށްދާ ޚަރަދާއި، މުށިޖަހައި، އެހެނިހެން ކަންތައްތައް ފުރިހަމަ ކުރުމަށް ގާތްގަނޑަކަށް 647 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެއެވެ.

އަނެއްކޮޅުން ފްލެޓް ލިބުނު ކަމުގެ ލިޔުން ލިބުނަސް ރައްޔިތުންނަށް ޒަރޫރީ ބޭނުމަށް ބޭނުންކުރާނެ މާ ގިނަ ވަސީލަތްތަކެއް ދެވަނަ ފިޔަވަހީގައި ގާއިމްވެފައެއް ނެތެވެ. 7000 އާއިލާގައި ސްކޫލަށްދާ އުމުރުފުރައިގެ ގާތްގަނޑަކަށް 10000 ދަރިވަރުންގެ އާބާދީއެއް ހިމެނޭނެއެވެ. އެއީ މިހާރު ހުރި ސްކޫލްތަކުގެ ނިސްބަތުން ގާތްގަނޑަކަށް ހަތް ސްކޫލެވެ.

ސްކޫލްތައް ހެދުމުގެ ވިސްނުން އެޗްޑީސީން ގެންގުޅުނު ކަމުގައި ވިއަސް އެކަމުގެ އަމަލީ މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ. އެހެން ކަމަށް ވާނަމަ އަންނަ ނޮވެމްބަރު މަހު ފްލެޓްތައް ނިމި ރައްޔިތުންނަށް އެތަންތަނަށް ވަދެވޭވަރު ވީނަމަވެސް އާއިލާތަކަށް އެތަނުގައި ދިރިއުޅެވޭކަށް ނެތެވެ.

"ސްކޫލު އެބަޖެހޭ މިތަނަށް ގެންނަން. ސަރުކާރަށްވެސް އެކަންތައްތައް ރެއިޒް ކޮށްފައި އޮންނާނީ. މިތަންތަން ނިމުނު ކަމުގައި ވިއަސް ސްކޫލެއް ނެތި ކުދިންނަށް އެތަނުގައި އުޅެވޭކަށް ނެތްކަމަށް" ސުހައިލް ވިދާޅިވިއެވެ.

ދެން އޮތީ އަސާސީ ޚިދުމަތްތަކުގެ ވާހަކައެވެ. ނިމިގެންދިޔަ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމަށް ރޭވުންތަކެއް ރާވާފައިވީނަމަވެސް އެއީ ތާކުންތަކު ޖެހޭ ގޮތަށް ކޮށްފައިވާ ކަމެއް ނޫނެވެ. މިހާތަނަށް ދެވަނަ ފިޔަވަހީގެ ޕްލޭންގައި މަގުގެ ގޮތުގައި ނުހިމަނައި ހުރި ސަރަޙައްދުތަކުގައިވެސް ކޭބަލް ވަޅުލުމަށް އޭރު ވަނީ ރާވާފައެވެ. އެގޮތަށް ކަން ކޮށްފިނަމަ، ފަހުން ދެވަނަ ފިޔަވަހީގެ ސަރަޙައްދު އާބާދުވެގެން އަންނައިރު މަގުތަށް ފަރުމާ ކުރުމުން، ކުރީ ސަރުކާރުގެ ޕެލޭގައިވާ ކޭބަލްތައް ވާނީ ބޭކާރު ކުރެވިފައިވާ ބޭކާރު ޚަރަދަކާއި މަސައްކަތަކަށެވެ.

"އެއީ ރަނގަޅަށް ޕްލޭން ކުރެވިފައި ހުރި ޕްރޮޖެކްޓްތަކެއް ކަމަށް ނުފެނޭ. އެ އެއްޗެހި ބަލަމުން ދަނީ. އަމާޒަކީ ފޭސްއައުޓްކޮށްގެން، ހެދިފައި ހުރި މަގުތަކަށް އިސްކަން ދިނުން" ސުހައިލް ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް ގާއިމް ކުރުމުގެ ޚިޔާލު ގެންގުޅުނު ކަމުގައި ވިއަސް އަދި އެކަމަށް ޕްލޭނެއް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެ ސަރަޙައްދުގައި މިސްކިތް ބިނާ ކުރުމުގެ ވާހަކަތައް ދެފަރާތަކާއި އެކު އެޗްޑީސީން މިހާރު ވަނީ ފަށާފައެވެ.

ކޮންމެ ގޮތެއް ވިއަސް ދެވަނަ ދެން އެ ފްލެޓްތައް ތަޅާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެކަމަށް ޖެހޭނީ އަނެއްކާވެސް ބޮޑު ހޭދައެއް ކުރާށެވެ. ރަނގަޅު ގޮތަކީ މީހުންނަށް އުޅެވޭވަރަށް "ޔޫސަބަލް" ތަންތަނަށް އެތަން ބަދަލުކުރުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 49 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
22 ޖެނުއަރީ 2019 | އަންގާރަ 01:53
Ahmed
meehun dhiri ulhen umuru husvaairru ves bakari kohteh haa hisaabu ves nulibigen miulhenee thihen las kurumakree rahyithun emme edhey gotheh noon gaumuga faisaa nuhunnanya fivestar koh kihineh ulheynee