ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 17:21
ހިންނަވަރު މަތިން ނަގާފައިވާ ފޮޓޯއެއް
ހިންނަވަރު މަތިން ނަގާފައިވާ ފޮޓޯއެއް
މުރުޝިދް އަބްދުލް ހަކީީމް
ޅ. ހިންނަވަރު
ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
ހިންނަވަރުގެ ޖުމްލަ އާބާދީއަކީ 4911 މީހުން
ރަށުގެ ދެ ބައި ކުޅަ އެއްބައި މީހުންވަނީ ރަށް ދޫކޮށް އެހެން ރަށްރަށަށް ހިޖްރަކޮށްފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފަންވެވަޑައިގެން، އަދި ބޮޑުފުޅުވި ރަށްކަމުގައިވާ ޅ. ހިންނަވަރުގެ ތަރައްގީ އާއި ދިރުމަށް އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ އެ ރަށުގެ ރައްޔިތުން މާލެ އާއި ބައެއްއެހެން ރަށްރަށް ހިޖުރަކުރުން އިތުރުވުމެވެ. 

އެހެން ރަށްރަށް މީހުން ހިޖުރަކުރަމީ ވެސް ވަޒީފާ އާއި ތައުލިމާއި ސިއްހީ ހިދުމަތާއި އާމްދަނީ ހޯދުމަށެވެ. ހިންނަވަރުގެ ޖުމްލަ އާބާދީއަކީ 4911 އެވެ. އޭގެ ތެރެއިން ދެ ބައި ކުޅަ އެއްބައި މީހުންވަނީ ރަށް ދޫކޮށް އެހެން ރަށްރަށަށް ބަދަލުވެފަ އެވެ. 

ހިންނަވަރުގެ ރައްޔިތުން އެހެން ރަށްރަށަށް ހިޖްރަކުރަނީ ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، ރަނގަޅު ސިއްހީ ނިޒާމެއް ނެތުމުގެ އިތުރުން މަތީ ތައުލީމްގެ ފުރުސަތުތައް ރަށުގައި ތަނަވަސްވެފައި ނެތުމާއި ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް ކައުންސިލްގެ ނައިބް ރައީސް އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ. މިއީ އެ ކައުންސިލުން ހައްލުކުރަން ބޭނުންވެފައިވާ ބޮޑު މައްސަލައެކެވެ. ނަމަވެސް، ފަސޭހަ ކަމެއް ނޫންކަން ވެސް އެނގެ އެވެ. 

ރަށުގެ ތައުލިމީ ހާލަތު ރަނގަޅުކޮށް، ސްކޫލް ނިންމާ ދަރިވަރުންނަށް ރަށުގައި ތިބެގެން މަތީ ތައުލީމު ހޯދައިދިނުމަށްޓަކައި ކައުންސިލްއިން މިހާރު ވަނި  ކޮލެޖްތަކާއި މަޝްވަރާކޮށް އެވެ. އެކަމަށް ފެހި ސިގްނަލް ވަނީ ލިބިފަ އެވެ. 

 

"ބިން އޮތެއް ކަމަކު ކައުންސިލްތަކުގެ ބާރެއް ނެތް. އެފަދަ ބޮޑު ބިލްޑިންގެ އަޅާފައި ދިނުމުގެ ފައިނޭންޝިއަލް ގާބިލްކަމެއް ނެތް. އެ ބޭފުޅުންގެ އެހީ އާއި އެކު އެފަދަ އިމާރާތްތަށް ގާއިމްކޮށް އެފަދަ މާހައުލެއް ގާއިމްކޮށް ދިނުމަށް މަޝްވަރާ ކުރެވެމުން މި ދަނީ " ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.

 

ހިންނަވަރުގެ ސިއްހީ ހާލަތު ދުޅަހެޔޮކުރުމަށްޓަކައި، ހެލްތް ސެންޓަރއެއް އެޅުމުގެ މަސައްކަތް ފާއިތުވި ސަރުކާރުން ފެއްޓި އެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ މިންވަރަށް ކުރިއަށް ނުދެ އެވެ. 

"ހެލްތް ސެންޓަރއެއް އެޅުމުގެ މަސައްކަތް މި އޮތީ ފެށިފައި.ފާއިތުވި ސަރުކާރުން އެ މަސައްކަތް ވަނީ ފައްޓާފައި .އެދެވޭ ބާރު މިނުގައި އެ މަސައްކަތް ކުރިއަށް ނުދޭ.މި ސަރުކާރުގެ ބަޖެޓްގައި އެބަ ހިމެނޭ ހެލްތް ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުކުރަން" ކައުންސިލް ނައިބް ރައީސް ވިދާޅުވިއެވެ.

އާ ހޮސްޕިޓަލްގެ މަސައްކަތް ނިމި ރަނގަޅު ސިއްހީ ނިޒާމެއް ގާއިމްވެގެން ދިއުމުން ރަށުން މީހުން ހިޖްރަކުރުމުގެ މައްސަލައަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.

ހިންނަވަރުގައި ވަޒީފާއެއް ނެތި އުޅޭ ޒުވާނުން ނިސްބަތުން މަދެއެވެ. ރަށުގައި ތިބެގެން ވަޒީފާ އަދާކުރަން ބޭނުންވިޔަސް، ވަޒީފާގެ ފުރުސަތެއް ރަށުގައި ނެތެއެވެ. ހިންނަވަރު ކައިރީގައި 10 ރިސޯޓް އޮންނައިރު، ކައިރި ރިސޯޓްތަކުން ހިންނަވަރުގެ މީހުންނަށް ވަޒީފާ ނުދޭ މައްސަލަ، އެއީ ރަށުގެ ރައްޔިތުން ކަންބޮޑުވާ މައްސަލައެކެއެވެ. ކައުންސިލުން ރިސޯރޓްތަކަށް ގޮސް، ވެރިންނާއި ބައްދަލުކޮށް މި ކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްފައިވާކަން ކަންބޮޑުވުމާއެކު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އަދިވެސް މި ކަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށް ކައުންސިލުން ބުނެ އެވެ. 

 

"ވަޒީފާއެއް ނެތި ވަރަށް ގިނަ ޒުވާނުން ތިބި ވާހަކަ ވާނީ މިނިސްޓަރަށްވެސް ދަންނަވާފައި.މި ސަރުކާރުން އެކަމަށް މަގެއް ފެނިގެންދާނެ.ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ސަބަބުން ހިޖްރަކުރުމުގެ މައްސަލަ މި ވަނީ ބޮޑު މައްސަލައަކަށްވެފައި.އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ މީހުން އެކި ތަންތަނައް ހިޖްރަކުރަނީ" ސޯލިހު ވިދާޅުވިއެވެ.

އާ ސަރުކާރުން ކައުންސިލްތަކަށް ދިން ބާރާއި އެކު ކައުންސިލްގެ ބޮލުގައި ބޮޑު ޒިންމާއެއް އެޅިފައި އޮތްކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.ސޯލިހު ވިދާޅުވީ ކުރީގައި ޖެހެނީ ސަރުކާރުން ކުރާ ކަންތައްތަކައް ކައުންސިލުން ސަޕޯޓް ދޭން ކަމަށެވެ. ނަމަވެސް އާ ސަރުކާރުން ކައުންސިލްތަކަށް ކައުންސިލުން ދާއިރާ ކުރިއެރުމަށް ކުރަން ބޭނުން ކޮންމެ ކަމެއް ކުރަން ފުރުސަތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ބޮލުގައި ބޮޑު ޒިންމާއެއް އެޅިފައިވާ ކަމަށާއި، ރައްޔިތުންގެ ބޭނުންވާ ގޮތަށް ކަންތައް ކުރުމަށް ކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށް ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.

 

" އަޅުގަނޑުމެން ރަށުގެ ލޭންޑް ޔޫސް ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލެވި ފޮރިން އިންވެސްޓްމަންޓް ގެންނަން އެބަ މަސައްކަތް ކުރަން. މިހާރު ރައްޔިތުން ރަށުގެ ބިން ބޭނުންކުރަން ބޭނުންވާއިރު، އެކަމުގެ އެއްވެސް ޕްލޭނެއް ނެތް. މިހާރު ކައުންސިލުން ބިން ބޭނުންކުރާނެ ޕްލޭން އެކުލަވާލާ ރައްޔިތުންނާއެކުގައި މަސައްކަތް ކުރަން ބޭނުންވަނީ. އޭރުން އަޅުގަނޑުމެން ބޭނުންވާ ތަރައްގީ އަންނަނީ " ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ އުއްމީދަކީ ރަށަށް ގެނެވޭ ތަރައްގީ އާއެކު ރަށް ދޫކޮށް ހިޖްރަކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދިއުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ޖެނުއަރީ 2019 | ހޯމަ 10:53
...
Hinnavarakee baegge tharika mudhaleh viyya. Udhagu boduveema hijura kuraane dho kiriyaaves gotheh oiy meehakuviyya