ކ. މާލެ
|
11 ޑިސެންބަރ 2018 | އަންގާރަ 19:35
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރައީސް ސޯލިޙްއާއި ބައްދަލުކުރައްވަނީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރައީސް ސޯލިޙްއާއި ބައްދަލުކުރައްވަނީ
ޓްވިޓަރ
ދިވެހިރާއްޖެ - އިންޑިއާ
ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް
މި ދަތުރުފުޅުގައި އައު ވިސާ އެއްބަސްވުމެއްގައި ސޮއެކުރެވޭނެ
ރައީސް ޔާމީންގެ 'ޕްރޯ ޗައިނާ' ޚާރިޖީ ސިޔާސަތު މި ސަރުކާރުން ވަނީ ދޫކޮށްލާފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް މިމަހުގެ 17 ވަނަ ދުވަހު އަވަށްޓެރި އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ތާރީޚީ ދަތުރުފުޅެކެވެ. "ބޮޑުބޭބެ"ގެ ގޮތުގައި ދިވެހިން ޒަމާނުއްސުރެ ދެކެމުން އައި އިންޑިއާ އާއިއެކު އޮންނަ ގުޅުން ހީނަރުވެފައި އޮންނަތާ 7 އަހަރަށްފަހު އަނެއްކާވެސް އެގުޅުން ބަދަހިވަމުން އަންނައިރު، ރައީސް ސޯލިޙްގެ މިދަތުރުފުޅު ވެގެންދާނީ މި ގުޅުން ކުރިއަށްދާނެ ގޮތް ވަޒަންކޮށްލަން ރަނގަޅު ފުރުސަތަކަށެވެ.

2012 ވަނަ އަހަރުގެ ކުރީކޮޅު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާއިއެކު އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ހީނަރުވާން ފެށިއެވެ. އޭގެ އެންމެ ފުރަތަމަ ސަބަބަކަށްވީ އިންޑިއާގެ ޖީއެމްއާރް ރާއްޖެއިން ބޭރުކުރަން އޭރު ވެރިކަމަށް އައި ފަރާތްތަކުން ކުރަމުން ދިޔަ މަސައްކަތެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން ދިޔަ ކަންކަމުގައި ބައިނަލްއަޤްވާމީ މުޖްމަތައުން ކުރިމަތިކުރަމުން އައި ޕްރެޝަރުގެ ސަބަބުން އިންޑިއާއަށްވެސް ދިވެހި ސަރުކާރަށް ޕްރެޝަރ ކުރަން ޖެހުނެވެ. އެހެންނަމަވެސް އޭރު ގުޅުން އެއްކޮށް ކެނޑޭ ހިސާބަށް ނުގޮސް ހިފަހައްޓާލެވުނެވެ.

2 އަހަރު ފަހުން ޑރ. ވަހީދުގެ ވެރިކަން ނިމި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށުމާއިއެކު އަނެއްކާވެސް ރާއްޖެ - އިންޑިއާ ގުޅުން ގޯސްވާން ފެށިތަން ފެނުނެވެ. ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ވަކިފަރާތަކަށް ނުޖެހޭ އުޞޫލު ބަދަލުކޮށް، ފާޅުގައި ޗައިނާ ކޮޅަށް ބުރަވެފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅެން ފެށިއެވެ. ޕެނަޑޯލް ގުޅައެއް ހޯދާލަންވެސް ރާއްޖެއިން ގުޅަން ޖެހޭ އިންޑިއާއާއިއެކު އޮތް ޒަމާންވީ ގުޅުން ގޯސްވެ، ދެޤައުމުން އެއް ޤައުމުގެ ރައްޔިތުން އަނެއް ޤައުމަށް ދަތުރުފަތުރުކޮށް އުޅުމުގައި ދަތިކުރަން ފެށިއެވެ. ވިސާގެ މައްސަލަ ފެންމަތިވެ، ދިވެހިންނަށް ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔުމުގައި ދަތިތަކާއި ކުރިމަތިވާން ފެށިއެވެ. އިންޑިއާ މީހުންނަށް ރާއްޖެއަށް އައިސް ވަޒީފާ އަދާކުރުމަށް ވިސާ ހޯދަން ދަތިވާން ފެށިއެވެ. މިމައްސަލަ އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ އަނބުރާ ފޮނުވާލި މައްސަލައާއިއެކުއެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ދިޔައީ އިންޑިއާ ކަނޑުގެ މަސްރަހު ހޫނުކޮށް، ޗައިނާއާއި އިންޑިއާއާ ދެމެދު އޮތް އަސްކަރީ ވާދަވެރިކަމުގެ އަލިފާނުގެ ތެރެއަށް ތެޔޮ އަޅަމުންނެވެ. އިންޑިއާ ކަނޑަށް އަތް ގަދަކުރުމަށް ދެޤައުމުންވެސް ބޭނުންވާއިރު ރާއްޖެ އޮތީ ދެޤައުމުންވެސް ލޯއަޅަމުން އަންނަ ސަރަހައްދެއްގައެވެ. އިންޑިއާއިން އަބަދުވެސް ރާއްޖެއާއި އަސްކަރީ ގޮތުން ގާތް ގުޅުމެއް ބޭއްވިނަމަވެސް، އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނަހަދާ ތިބި އެއް ސަބަބަކަށްވެފައިވަނީ ރާއްޖެއަކީ 'ފްރެންޑްލީ ނޭޝަން' އަކަށްވެފައި، އިންޑިއާ ބޭނުންވާހާ ވަގުތެއްގައި ރާއްޖެއިންވެސް އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އޮތުމުންކަމަށް ބައެއް ތަޖުރިބާކާރުން ފާހަގަކުރެއެވެ. 

އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަކީ އިންޑިއާގެ ޤައުމީ ސަލާމަތަށާއި، އިންޑިއާ ކަނޑުގެ ސަލާމަތަށް އޮތް ނުރައްކަލަކަށްވާން އުޅުނުހެންވެސް ހީވިއެވެ. ޗައިނާއާއިއެކު އޮންނަ ގުޅުން ބަދަހިކޮށް، ޗައިނާގެ ނުފޫޒު މުޅި ރާއްޖެއަށް ފަތުރާލަން ފުރުސަތު ދިނެވެ. ދިވެހިންގެ ޚިދުމަތަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ގެންދަން ބުނެ، އިންޑިއާ އާއި ރުޅި ހަދާލިއެވެ. 

އެހެންނަމަވެސް ގުޅުން އެއްކޮށް ނުކެނޑެނީސް ރައީސް ޔާމީންގެ ވެރިކަން ނިމުނީއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ވަޑައިނުގަންނަވަން ހުންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ވެރިކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ރައީސް ސޯލިޙް އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ބޭފުޅަކީވެސް މޯދީއެވެ. އަދި އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެވަޑައިގަންނަވަނީ އިންޑިއާއަށެވެ.

މޯދީ ރައީސް އޮފީހުގައި ރައީސް ސޯލިހްގެ އަރިހުގައި

ދަތުރުފުޅުުގެ ކުރިން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަޑައިގެން އިންޑިއާގެ އިސް ފަރާތްތަކާއި އެވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދަތުރުފުޅުގެ ހަފްތާއެއް ކުރިން މިހާރުވެސް ދެޤައުމުގެ މެދުގައި ދަތުރުފަތުރުކޮށް އުޅުމުގައި ދިމާވާ ދަތިތަކާއި، އެއް ޤައުމުގެ ރައްޔިތުން އަނެއް ޤައުމަށް ގޮސް އަދި ދިޔުމުގައި ދިމާވާ ދަތިތަކާއި ބެހޭ ގޮތުން އެގެންދަނީ މަޝްވަރާތައް މާލޭގައި ކުރެވެމުންނެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ކުރިއަށްދާ މަޝްވަރާތައް

ރައީސް ސޯލިޙްގެ ތާރީޚީ މި ދަތުރުފުޅަކީ ދިވެހިންނަށް އިންޑިއާއިން ދިމާވާ ވިސާގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ދަތުރުފުޅެއްކަމަށް ދިވެހިން ދެކެއެވެ. އަދި ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބިރަކަށް ވެފައި އޮންނަ އޮތުމަށް ނިމުމެއް އައިސް، ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަޔަށް މުހިއްމު ޤައުމަކަށް ވާނެކަމަށް ދިވެހިން އުއްމީދުކުރެއެވެ. ޤައުމު އެއްކޮށް ދަރުވާލާ ޗައިނާއިން ނެގި ލޯނުތަކުގެ ބަދަލުގައި، ދިވެހިންނަށްވެސް އަނބުރާ ދެއްކޭނެފަދަ ހެޔޮ މިންވަރެއްގައި ލޯނެއްފަދަ މާލީ އެހީއެއްވެސް ލިބިދާނެކަމަށް ދިވެހިން އުއްމީދުކުރާނެއެވެ. ތައުލީމާއި ތަމްރީނުގެ ފުރުސަތާއި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއް ނުވަތަ މަޝްވަރާތަކެއްނަމަވެސް ފެނިގެންދާނެކަމަށް ދިވެހިން އުއްމީދުކުރާނެއެވެ. އަދި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރާ ވާހަކަ ދައްކާއިރު، މިހާރަށްވުރެ ހެޔޮ އަގެއްގައި ދިވެހިން އިންޑިއާއަށް ދަތުރުކުރެވޭނެ މަގެއް ފަހިވޭތޯ ބެލުމަކީވެސް ނުކުރެވޭނެ ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް