ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު ރާއްޖެ ޓީވީން ވަނީ ދުވަހާއި ގުޅޭ ގޮތުން ޚާއްސަ ޤައުމީ ލަވަތަކެއް ތައްޔާރު ކޮށްފައެވެ.
މި ދުވަހަށް ޚާއްސަކޮށް ރާއްޖެ ޓީވީން ތައްޔާރު ކުރި ތިން ލަވައިގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު މަގްބޫލުކަން ހޯދާފައިވާ އެއް ލަވަ އަކީ "ފެހިފެހި އާޒާދީ," މި ލަވައެވެ.
މިލަވަ އާއި ގުޅޭގޮތުން "ކުލަ ސްކްރީން" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ލަވައިން ފެނިގެންދާ އެއް ތަރި އަދި ލަވައިގެ ކްރޮއިއޯގަރްފީ ހަދާފައިވާ އައިޝަތު ރަޝްމާ ބުނީ މިލަވަ އަކީ އޭނާއަށް ވަރަށް ޚާއްސަ ލަވައެއް ކަމަށެވެ.
މަޤުބޫލު ޑާންސް ގްރޫޕް، ގޮމަ ގްރޫޕުގައިވެސް މަސައްކަތް ކޮށްފައިވާ ރަޝްމާ ބުނީ ފެހިފެހި އާޒާދީގެ ރީމޭކް އޭނާއަށް ޚާއްސަ ވަނީ މި ލަވައަކީ އޭނާ ކޮރިއޯގްރަފީ ހަދާފައިވާ ފުރަތަމަ ލަވައަށް ވުމާއި އައު ރައީސް ސާލިހް ރައީސް ކަމުގެ ހުވާ ކުރެއްވުމާއި ގުޅިގެން ތައްޔާރުކުރި ލަވައަކަށް ވުމުން ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ރާއްޖެ ޓީވީން ދެއްކި އެވެއަރނަސް ކްލިޕް ތަކުން ފެނިގެން ގޮސްފައިވާ އަމަތުﷲ އާދަމް ވެސް މި ލަވައިގައި ފެނިގެން ގޮސްފައިވާއިރު، އޭނާ ބުނީ މިއީ އޭނާ ވީޑިއޯ ލަވައެއް ކުޅުނު ފުރަތަމަ ފަހަރު ކަމަށެވެ.
ކ. ދިއްފުށީގެ ހިތްގައިމު ބީޗްގައި މަންޒަރުތައް ނަގާފައިވާ މި ލަވައިގެ ވީޑިއޯގްރަފީގެ މަސައްކަތް ކޮށްފައިވަނީ ރާއްޖެޓީވީގެ ޗީފް ކެމެރާމަން މުހައްމަދު އަނިލް އާއި ރާއްޖެ ޓީވީގެ ސީނިއަރ ކެމެރާމަން އާދަމް ޒަރީރެވެ.
މި ލަވަ ޝޫޓް ކުރަމުން ދިޔައިރު އެންމެ އުނދަގޫ ކަމަކަށް ދިމާވީ ކޮންމެކަމެއްތޯ ސުވާލު ކުރުމުން ރަޝްމާ އަދި އަމަތުވެސް ބުނީ ލަވަ ޝޫޓް ކުރަމުން ދިޔައީ ބީޗެއްގައި ކަމަށް ވުމުން ވެލިގަނޑުގައި ނަށަން އުނދަގޫވި ކަމަށެވެ. އަދި ލަވަ ޝޫޓް ކުރަމުންދިޔަ ވަގުތަކީ ހެނދުނުގެ ވަގުތަކަށް ވުމުން އަވި ގަދަވުމުގެ ސަބަބުން އުނަދަގޫތަކައި ކުރިމަތިވި ކަމަށެވެ.
އާމިރު ސަލީމް ޑައިރެކްޓް ކޮށްފައިވާ މި ލަވައިގެ ޕްރެކްޓިސްއަށް ހޭދަވީ އެންމެ ތިން ދުވަސް ކަމަށާއި ލަވަގެ މަސައްކަތާއި ދޭތެރޭގައި ވަރަށް ހިތްހަމަ ޖެހޭކަމަށް ރަޝްމާ އަދި އަމަތު ވަނީ ބުނެފައެވެ.
ބެލުންތެރިންނާއި އާއިލާ އަދި ރައްޓެހިންވެސް ވަނީ މި ލަވައަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައި ކަމަށް އަމަތު އަދި ރަޝްމާ ވަނީ ބުނެފައެވެ.