އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުވުމަށް ފިޓްޒޯން އިން ހިލޭ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
ރާއްޖެއެމްވީ އާ ވާހަކަ ދައްކަވަމުން ފިޓްޒޯންގެ މެނޭޖިން ޕާޓްނަރ އަހްމަދު ރިޔާޒް ވިދާޅުވީ އޮކްޓޯބަރު 24 ވަނަ ދުވަހުގެ ރޭ އާންމުންނަށް ހުޅުވާލައިގެން ޔުނިސެކްސް ޒުމްބާ ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސަާފަ އެވެ. ކްލާސްތައް ކުރިއަށް ގެންދާނީ ރޭގަނޑު 8:30 އިން ފެށިގެން 9:30 އަށް ހާއްސަ ކްލާސްތަކެއްގެ ގޮތުގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި އޮކްޓޯބަރު މަހުގެ 28 އިން ފެށިގެން 1 ނޮވެމްބަރުގެ ނިޔަލަށް ގުރޫޕު ފިޓް މިކްސްގެ ހާއްސް ކްލާސްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. މިއީ ވެސް އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މުޅިން ހިލޭ މި ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ކަމަށް ފިޓްޒޯނުން ބުންޏެވެ.
ގުރޫޕު ފިޓް މިކްސްގައި ސްޓީލް ކޮމްބެޓް، ސްޓީލް ޓްރެއިނިން، ސްޓީލް ޓޮނިކް، ސްޓްރޯންގ ބައި ޒުންބާ، ޒުންބާ، ފިޓްމިކްސް ހިމެނެއެވެ.
މީގެ ހަތަރު އަހަރު ކުރިން ހުޅުވި ފިޓްޒޯން އަކީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން ގެންދާ ތަނަކަށް ވާއިރު އެ ޖިމުން ކުރިއަށްގެންދާ ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވިއެވެ.