ކ. މާލެ
|
19 އޮކްޓޯބަރ 2018 | ހުކުރު 19:16
ރައީސް އަބްދުﷲ ޔާމީން، 2013 ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރައްވަނީ
ރައީސް އަބްދުﷲ ޔާމީން، 2013 ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރައްވަނީ
ރައީސް އޮފީސް
ރައީސް ޔާމީން
ރައީސް ޔާމީން ނުކުރެއްވި ބައެއް ކަންކަން!
އދ. އާއި ވިލާތަށް ވަޑައިނުގެންނެވި
މާލީ ބަޔާން ހާމައެއް ނުކުރައްވާ
އެކުވެރިން ނުހިފެހެއްޓުނު

ދައްކަން މި އުޅެނީ ރިޔާސީ އިންތިޚާބުގެ ވާހަކައެއް ނޫނެވެ. ވެރިކަން ކުރެެއްވުމުގައި ގެންގުޅުވި ވައްޓަފާޅި އާއި ތުހްމަތުކުރެވޭ އަނިޔާ އާއި ފަސާދައިގެ އަމަލުތައް ބުނެދޭން ޖެހޭ މިންވަރަށް ވުރެ ސާފެވެ. ކުރެއްވި ކަންކަމާއި ނުކުރެއްވި ކަންކަން ވެސް ސާފެވެ. ދައްކަން މިއުޅޭ ވާހަކަ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވަން ގާތްވެފައިވާއިރު، އެމަނިކުފާނު ނުކުރެއްވި، ނުވަތަ ނުކުރެއްވުނު ބައެއް ކަންކަމުގެ ވާހަކަ އެވެ.

އދ. އަށް ވަޑައިނުގަތުން

އިނގިރޭސީންގެ އަތްދަށުން ރާއްޖެ ފުރިހަމަ އަށް މިނިވަންވެ، 1965 ވަނަ އަހަރު އދ. ގައި ރާއްޖެ ބައިވެރިވި އެވެ. އޭރު ދިވެހި ދައުލަތް ހިންގަވަމުން ގެންދެވީ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި 1968 ވަނަ އަހަރު ނޮވެމްބަރު 11 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވިއިރު، އިބްރާހިމް ނާސިރު އދ. އަށް ވަޑައިގެންފައި ނެތެވެ. ނަމަވެސް އޭގެ ފަހުން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން ވެސް އދ. ގެ ތާރީޚީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން ތަގުރީރުކުރައްވާފައިވެ އެވެ. ނަމަވެސް މި ލިސްޓްގައި ރައީސް ޔާމީންގެ ނަންފުޅެއް ނުހިމެނެ އެވެ.

ވިލާތަށް ވަޑައިނުގަތުން

މީގެ ކުރިން ވިލާތުގެ ގައުމުތަކާއި ރާއްޖެއާދެމެދު އޮތީ ވަރަށް ގާތް ގުޅުމެވެ. އިގުތިސޯދުގެ މުހިންމު ބައިވެރިއެއްގެ ގޮތުން ވެސް ވިލާތުގެ ގައުމުތަކާއި ދިޔައީ ގުޅުން ބަދަހި ކުރަމުންނެވެ. ހާއްސަކޮށް، އިނގިރޭސި ވިލާތާ އެވެ. ރައީސް މައުމޫނު އާއި ރައީސް ނަޝީދު އާއި ރައީސް ވަހީދު ވެސް ވެރިކަމުގައި ހުންނަވައި ވިލާތަށް ވަޑައިގެންނެވި އެވެ. ނަމަވެސް ރައީސް ޔާމީން ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި ވިލާތަށް ވަޑައިގެންފައިނުވެ އެވެ. އޭގެ ބަދަލުގައި ކޮމަންވެލްތުން ރާއްޖެ ވަކިވި އެވެ. އަދި މި ސަރުކާރުން ހިންގަމުން ގެންދާ ކަންކަމަށް ވިލާތުގެ އިއްތިހާދުން ފާޑުކިޔަން ފެށުމުން އެކަމުގެ ހިތްހަމަނުޖެހުން ވެސް ވަނީ ބަންޑުން ކޮށްލަމުންނެވެ.

މާލީ ބަޔާން ހާމަނުކުރެއްވުން

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އަށް އެކި ފަރާތްތަކުން ހަދިޔާގެ ގޮތުގައި ފައިސާ ދެމުންދާ ކަމަށާއި އެ ފައިސާ ބަލަހައްޓައި ދިނީ އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުން ވެސް ބައިއެޅި ކަމަށް ތުހްމަތުކުރެ އެވެ. އެމްއެމްޕީއާރުސީގެ ފައިސާއިން 1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓްގައި އަދިވެސް އެބަ ހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭއިރު، މާލީ ބަޔާން ހުށަނާޅުއްވާކަން ތިލަވުމުން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް އަލީ ވިދާޅުވެފައިވަނީ މާލީ ބަޔާން ހުށަނޭޅި އޮތީ ފޯމެޓަށް ބަދަލެއް ގެނެސްފައި އޮތުމުން ކަމަށެވެ. އެއަށް ފަހު އެތައް މަހެއް ވެގެން ދިޔައިރު ވެސް ރިޕޯޓް ހުށަހެޅުއްވިކަން ރައީސްގެ ފަރާތްޕުޅުން ވެސް އަދި އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް ހާމައެއް ނުކުރައްވަ އެވެ.

އެކުވެރިން ނުހިފެހެއްޓުނު

ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅަކީ ކޮންމެ ބޭފުޅެއްތޯ ސުވާލު ކޮށްފި ނަމަ ގިނަ ބައެއްގެ ހިޔާލަށް އަންނާނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. ދެން އަންނާނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އެވެ. އެ ލިސްޓަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް އަންނާނެ އެވެ. މި ހުރިހާ ބޭފުޅުން ކޮބައި ހެއްޔެވެ؟ އެއްވެސް ބޭފުޅަކު ރައީސް ޔާމީން އަރިހުގައި ނެތެވެ. އެންމެ ފަހުން ފެނިގެން ދިޔައީ ވެސް މިފަދަ މަންޒަރެކެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ހިޔަލީ މުހައްމަދު ރަޝީދާއި ރައީސް ޔާމީނުގެ އަރިހުގައި "ވަރަށް ގިނަ މަސައްކަތްތެކެއް ކުރެއްވި" ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވެސް އެވަނީ އެމަނިކުފާނާ ގުޅުން ކެނޑިފަ އެވެ.

އަޝްމަލީ ވިދާޅުވީ ރައީސް ޔާމީނަށް ހަތް އަހަރު ހިދުމަތް ކޮށްދެއްވުމަށް ވުރެ، އެހެން ފަރާތަކަށް ޚިދުމަތް ކޮށްދެއްވި ނަމަ އަގު މާބޮޑަށް ވަޒަން ކުރި ކަމަށެވެ. ދެން ދުވަހަކު ވެސް ރައީސް ޔާމީހަށް ޚިދުމަތްކޮށް ނުދެއްވާނެ ކަމަށް، އެންސީއައިޓީ ހިންގެވުމާ ވެސް ހަވާލުވެ ހުންނެވި އަޝްމަލީ ވިދާޅުވި އެވެ.

މިއީ އެކުވެރިންގެ ވާހަކަ އެވެ. އެމަނިކުފާނަށް އެކުވެރިން ވެސް ނުހިފެހެއްޓުނެވެ. ކޯލިޝަނެއް ވެސް ނުހިފެހެއްޓުނެވެ. ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތްކޮށް ދެއްވި، ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ގުޅުމެއް ނުބޭއްވުނެވެ. އިންތިޚާބު ގެއްލިގެން ދިޔަ މައިގަނޑު އެއްސަބަބަކީ ވެސް އެކުވެރިން ދުރުކުރުމެވެ. ބޭބެއާ އޮތް ލޭގެ ގުޅުން ދުރުކޮށްލައި، ޖަލަށް ލެއްވުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް