ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 14:01
ރައީސް މައުމޫން މިނިވަން ކުރުމުން، ސަޕޯޓަރުންނާއެކު މ. އެންދެރިމާގެ ސަރަހައްދުގައި
ރައީސް މައުމޫން މިނިވަން ކުރުމުން، ސަޕޯޓަރުންނާއެކު މ. އެންދެރިމާގެ ސަރަހައްދުގައި
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
ރައީސް މައުމޫން މިނިވަންވުން، ބަދަހި ސަރުކާރެއްގެ ފެށުން!؟
ޕީޕީއެމްގެ ސަޕޯޓަރުން ނުކުމެ، މައުމޫނަށް އޮތް ތާއިދު ދައްކައިދިން
މަރުހަބާ ދަންނަވަން ޔާމީންގެ އަރިސް ބޭފުޅުން ވަޑައިގެންނެވި
ލީޑަރުން މިނިވަން ކުރަން ފެށީ އިބޫ ވެރިކަމާ ހަވާލުވުމުގެ 48 ދުވަސް ކުރިން

ރައީސް މައުމޫން މިނިވަންކޮށްފައި ވަނީ 237 ދުވަސް ފަހުންނެވެ. ހަތް މަހާއި 25 ދުވަސް ފަހުންނެވެ. އެމަނިކުފާނު ޖަލުގައި ހޭދަ ކުރެއްވި 33 ހަފްތާއަކީ ހިތްދަތި ދުވަސްތަކެކެވެ. ދައުލަތުގެ ރައްކާތެރިކަން އެންމެ ބޮޑަށް ލިބެންޖެހޭ އުމުރުގައި ހިތްދަތިކަން ދަހައްމަލް ކުރަން މަޖުބޫރު ކުރުވީ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނެވެ. ވެރިކަމުގެ އާރާއި ބާރުގައި ބޭބޭފުޅަށް ޖެއްސި ހާލު އެންމެންގެ ކުރިމަތީގައި ތަމްސީލުވެ ނިމިއްޖެއެވެ. އެއީ މާޒީއެވެ. ތާރީހަށް އެ ވާހަކަ ދޫކޮށްލާށެވެ.

ތުއްތޮންބެގެ ހިޔަނީގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު، ހެވައާއި ނުބައި އޮޅި، ތުރާލެއް ކަމަށް ހިތައި، ރައީސް މައުމޫނަށް ޖެއްސި ހާލު، ތާރީހުގައި އިބުރަތަކަށް ފުދޭނެއެވެ. އިދިކޮޅު ކޮންމެ ލީޑަރަކަށް ވެސް ޖެއްސީ އެ ހާލެވެ. ސަރުކާރަށް ފާޑުކިޔައި، ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރި ކޮންމެ މީހަކު ފައްތަނީ ގޮޅިއަށެވެ. ހުރަގެއަށެވެ. ބޭބެއަށް ނުބެހެއްޓި ރަހުމެއް، އެހެން މީހަކަށް ނުބަހައްޓާނެ އޭ ބުނަނީ އެ ސަބަބާ ހުރެއެވެ.

ރައީސް މައުމޫން މިނިވަން ކުރުމާ އެކު ސަޕޯޓަރުންނަށް ވަނީ އީދެއް އައިސްފައެވެ. ސަބަބަކީ އިބޫ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އެއް މަހާއި 18 ދުވަސް ކުރިން ލީޑަރުން މިނިވަންވާން ފެއްޓުމުންނެވެ. ރައީސް މައުމޫނާއި ގާސިމް އިބްރާހިމް މިނިވަންވެފައި ވަނީ އިބޫ އިންތިހާބު ކާމިޔާބު ކުރެއްވިތާ ހަތް ވަނައަށް ވީ ދުވަހުއެވެ. ގިނަ ސަޕޯޓަރުން މި ވަގުތު ކެތް މަދުވެފައި ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ދުވަހަކަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްގެން ގެންދިޔަފަހުން، ފުރަތަމަ ފަހަރަށް އެނބުރި އެންދެރިމާގެއަށް ގެނައި ވަގުތު ތަފާތު މަންޒަރުތަކެއް ފެނިގެންދިޔައެވެ. ޕީޕީއެމްގައި ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން މައުމޫނަށް މަރުހަބާ ދެންނެވުމަށް އެންދެރިމާގެއަށް ވަޑައިގެން ތިއްބެވިއެވެ. ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައީސް މައުމޫންގެ ސިޔާސީ ހަރަކާތުގެ ޓީޝާޓު ތުރުކުރައްވައިގެން ތިއްބެވިއެވެ.

ރައީސް މައުމޫން މިނިވަން ކުރުމުން، އާދީއްތަ ދުވަހުގެ އިރާކޮޅު އެ ގެއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ބޭބޭފުޅު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު ވެސް ހިމެނެއެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާއި އާއިލާ ބޭފުޅުން ރައީސް މައުމޫނަށް މަރުހަބާ ދަންނަވަން ވަޑައިގަތުމަކީ އެމަނިކުފާނަށް އެނބުރި ޕީޕީއެމްގެ ބާރުތައް ލިބޭނެ ކަމުގެ އިޝާރާތެކެވެ. ގްރާސްރޫޓް އެންދެރިމާގޭގައި ރުކުރުވާލާފައިވާ ގޮތުން ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫންނަށް ދެއްވަން އާންމު މެމްބަރުން އެ ވަނީ ކެތްމަދުވެފައެވެ.

ދެން އޮތީ އިދިކޮޅު ހުރިހާ ލީޑަރުން މިނިވަންވެ އެކުއެކީގައި ފެންނާނެ ދުވަހެކެވެ. އެ މަންޒަރު އާދީއްތަ ދުވަހު ރައީސް މައުމޫން މިނިވަން ކުރުމާ އެކު މާލެ މަގުމަތިން ތަމްސީލުވެގެންދިޔައެވެ. ރައީސް ނަޝީދު މިނިވަންކުރުމާ އެކު ވެސް އެއަށް ވުރެ މާ ބޮޑު، އުފާފާޅުކުރުންތަކެއް ފެނިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެއާއެކު ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތަކާ އެކު އާ ސަރުކާރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނުދެކޭ ފަދަ ވަރުގަދަ ސަރުކާރަކަށެވެ.

ސަބަބަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ހުންނެވި އެންމެ ތަރުޖިބާކާރު، އެންމެ ދޮށީ ލީޑަރު ހުންނެވީ އާ ސަރުކާރާއެކުގައެވެ. އަޒުމް ވަރުގަދަ، ހިތްވަރުގަދަ ލީޑަރު، ރައީސް ނަޝީދު ހުންނެވީ ކޯލިޝަންގެ މުގުލުގައެވެ. ތައުލީމީ ޖީލެއް ބިނާކޮށް، މަދަދުވެެރިންނަށް އެހީ ދެއްވުމުގައި ނަމޫނާ ދެއްކެވި ގާސިމް އިބްރާހިމް ކޯލިޝަންގައި ހުންނެވުމުން ލީޑަރުންގެ ބަދަހިކަން އިތުރަށް ބޮޑުވެގެންދެއެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަން ސޯލިހު މަގުން ގެންދިއުމަށް އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ ހުންނެވީ ކަމަރު ބަނދެގެންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ނުފެންނަ ވަރުގެ ބަދަހި ކޯލިޝަނެކެވެ.

ގިނިކަންޏާ ހުންނެވީ ރައީސް ޔާމީންނެވެ. ނޮވެމްބަރު 17 އާއެކު އެމަނިކުފާނު މަންޒަރުން ގެއްލިގެންދާނެ ކަމަށް ބެލެވެ އެވެ. ފޮހެވިގެން ނުދާނީ އެމަނިކުފާނުގެ ސަރުކާރުން ދިން އަނިޔާތަކެވެ. ހިތުން އެ ވާހަކަތައް ފިލައި ދިޔަސް، ލަކުނުތައް ފެންނަން ހުންނާނެއެވެ. ހަށިގަނޑުގައި އެ ވޭން އަޅާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 އޮކްޓޯބަރ 2018 | ހޯމަ 10:57
ކާފަ
އިރުކޮޅެއްނުވެ ބަޤާވާތްކުރާނެ ތުއްތުންބެ