ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އިންތިޒާމް ކުރައްވައިގެން ބާއްވާ މައުރަޒަކަށް ބައިލައްކަ ރުފިޔާދޭން ފެނަކައިން ނިންމައިފި އެވެ.
ފެބްރުއަރީ މަހުގެ 23 އިން 27 އަށް ބާއްވާ "ހީވާގި ކަނބަލުން" މައުރަޒަށް ބައިލައްކަ ރުފިޔާ ދޭން ނިންމައި، ފެނަކައިގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ވަނީ ފިނޭންސް އެންޑް އެކައުންޓްސް ޑިވިޝަނަށް މެމޯއެއް ފޮނުވާފަ އެވެ.
ފެނަކައިގެ ރީޖަނަލް އެގްޒެކެޓިވް މުހައްމަދު އަރީފް ސޮއިކުރައްވާ ޖެނުއަރީ 18 ވަނަ ދުވަހު ފޮނުވި އެ މެމޯގައި ބުނެފައިވާ ގޮތުން މެޑަމް ފާތުން އިންތިޒާމް ކުރައްވައިގެން ބާއްވާ މައުރަޒަށް ބައިލައްކަ ރުފިޔާ ދިނުމަށް ނިންމީ އެކުންފުނީގެ އެގްޒެކެޓިވް ކޮމެޓީންނެވެ. އަދި އެ ފައިސާ ހަމަޖައްސައިދިނުމަށް މެމޯގައި އެދިފައިވެ އެވެ.
އެ މެމޯއާއެކު ފެނަކަ އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުން ފޮނުވި ސިޓީއެއް އެޓޭޗް ކޮށްފައިވެ އެވެ.
މެޑަމް ފާތުން އިންތިޒާމް ކުރައްވާ ހަރަކާތަކަށް ފެނަކައިން ފައިސާ ދޭން ނިންމާފައިވާއިރު، މެޑަމް ފާތުންގެ "ސަދަގާތު ފައުންޑޭޝަނުން" ޑިސެމްބަރު މަހު ބޭއްވި ހިތާނީ ކޭމްޕުގެ ބިލްތަކަށް އާސަންދަ އިން ފައިސާ ދެއްކި ކަމަށް ދަނީ ތުހުމަތު ކުރެވެމުންނެވެ.
ސައުދީ އަރަބިއްޔާ އިން މިދިޔަ ރޯދަ މަހު ދިވެހިންނަށް ހަދިޔާކުރި ކަދުރުތަކުގެ ތެރެއިން ބައެއްގައި މެޑަމްގެ ފައުންޑޭޝަނުގެ ހެޔޮ އެދުންތަކާއިއެކު ޖަހައިގެން ބެހި މައްސަލައިގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އޭސީސީން ވަނީ ނިންމާފަ އެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ ވަގުފް ފަންޑަށް ބޭރުގެ ޖަމިއްޔާއަކުން ދިން ފައިސާގެ ބައެއް، މެޑަމްގެ ފައުންޑޭޝަނަށް ދިން ކަމަށް ބުނާ މައްސަލައިގައި ވެސް ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް އޭސީސީން ވަނީ ނިންމާފަ އެވެ.
މެޑަމް ފާތުން އިސްވެ ހުންނަވައިގެން ހިންގަވާ ހަރަކާތްތަކުގައި ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ނަމަވެސް ރައީސް އޮފީހުން ދަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރަމުންނެވެ.