ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުންތަކާ ބެހުމުގެ ޖާގަ ބައިނަލްއަޤުވާމީ އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށާއި، އދ.ގެ ވޯކިން ގުރޫޕުން ނިންމާ ކޮންމެ ނިންމުމަކަށް އަމަލުނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއާ ކައުންސިލަރުންތަކެއް ގުޅުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ދިވެހިރާއްޖެއަށް ވެސް ބައިނަލްއަޤުވާމީ ޤައުމުތަކާ ވަކިވެގަނެގެން މަސައްކަތް ނުކުރެވެނެ ކަމަށެވެ. ދުނިޔެއަކީ ގުޅިލާމެހިފައިވާ ތަނެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އދ. ފަދަ ޖަމިއްޔާތަކުގެ އުސޫލުތަކަށް ތާއީދުކުރާކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން އދ.ގެ ވޯކިން ގްރޫޕުގެ ކޮންމެ ނިންމަކަށް އަމަލުނުކުރާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އދ.ގެ ވޯކިން ގުރޫޕުން ދީނާއި ހިލާފު ނިންމުމެއް ނިންމައިފިކަމުގައިވާނަމަ އެ ނިންމުމަކަށް ދިވެހި ސަރުކާރުން އަމަލުނުކުރައްވާނެ ކަމަށެވެ.
"މިނިވަންކަމާ އެކު ހުރިހާ ދީނަކަށް އުޅުމުގެ ޖާގަ އެބަލިބޭ އދ ގެ ޗާޓަރުން. މި ދިވެހިރާއްޖޭގައި ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑުމެން އިސްލާމީ ހިދާޔަތުގައި ތިބޭ އިރު، ހުރިހާ ދީނަކަށް އުޅުމުގެ ޖާގައެއް ނުދޭނެ. އެހެން ނަމަވެސް އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާފަ ވޯކިން ގްރޫޕަކުން ނިންމަފާނެ ކަންނޭންގެ ދިވެހި ރާއްޖޭގައި އިންސާނީ ހައްގެއް ނެތް ކަމަށް. ދެން އެވީ އަޅުގަނޑުމެން އަތްތިލަބަޑި ތަޅަންތޯ. ނޫން އެއަކަށް އަޅުގަނޑުމެން އަތްތިލަ ބަޑިއެއް ނުޖަހާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން އިޝާރަތްކުރައްވާފައިވަނީ، އދ.ގެ ވޯކިން ގުރޫޕް އޮން އާބިޓަރީ ޑިޓެންޝަންއިން އިން ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބެލުމަށްފަހު ދެ ބޭފުޅުން މިނިވަންކުރުމަށް، ދިވެހި ސަރުކާރަށް ގޮވާލައްވާފައިވާ ގޮވާލެއްވުމަށެވެ. އދ.ގެ ވޯކިން ގުރޫޕުގެ އެ ގޮވާލުމުގައި ދީނާއި ހިލާފު އެއްވެސް ކަމަކަށް ގޮވާލާފައެއް ނުވެއެވެ. އޭގެބަދަލުގައި އދ.ގެ ވޯކިން ގުރޫޕުގެ ނިންމުގައި ބުނެފަިއވަނީ އެ ދެ ބޭފުޅުންނަށްވެސް އިންސާފު ލިބިފައިނުވާތި، އެ ބޭފުޅުންނަށް އިންސާފު ފޯރުކޕޮށްދިނުމަށެވެ. އިންސާފާއި، އަދުލުވެރި ޝަރީއަތުގެ މަޖިލީހަކީ އިސްލާމް ދީނުގައިވެސް އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ އެއްކަންތަކެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުމާ ބެހުމުގެ ޖާގައެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ކަމެއް ނިންމުމުން ދިވެހި ހުރިހާ ރައްޔިތުން އެއަށް ކިޔަމަންތެރިވެ ބޯލަނބާ އެއަށް އަމަލު ކުރުން ލާޒިމް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މީހުން ހައްޔަރުކުރަން ބޭނުންވާ ސަރުކާރެއް ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި މީހުން ހައްޔަރުކުރަންޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެފަދަކަމެއް ކުރާނީ ޝަރުއީ މަރުހަލާތަކުގެ ތެރެއިންކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ކަންކަން ކުރާނީ ގާނޫނާއި ޝަރުއީ ކޯޓްތަކުން ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވާއިރު، ޕީޕީއެމްގެ އަޣްލަބިއްޔަތު އޮތް މަޖިލީހުން ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުތަކަށް ބަދަލުތައް ގެންނަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ބައެއް ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި ޝަރުއީ ނިޒާމު ބޭނުންކޮށްގެން، ނުހައްގުން މީހުން ފްރޭމްކޮށް، ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ޝަރީއަތް ހިންގައި އަދަބު ދީފައިވާ ކަމަށް ވެސް ބުނެ އެވެ. މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި މީހުން ހައްޔަރުކުރަންޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެ މަނިކުފާނާ ވާދަވެރި އިދިކޮޅު ލީޑަރުންތައް ވަނީ ނުހައްގުން ޖަލަށް ލައިފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.