އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ އަބްދުﷲ ބާގިރު އަހުމަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބާގިރު ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މުޙައްމަދު ބާގިރު (46އ) ހޯދަމުން ދަނީ ބެންކް އޮފް މޯލްޑިވްސް އިން ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުނުވާތީ ބަންދުގައި ބަހައްޓައިގެން 2017 ފެބްރުއަރީ 2 ވަނަ ދުވަހު ކޯޓަށް ހާޒިރުކުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާއި ގުޅިގެންނެވެ.
ބެންކް އޮފް މޯލްޑިވްސް އިން ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ބާގިރު ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވާއިރު އޭނާ އުމްރާއަށް މީހުން ގެނެސްދޭނެ ކަމަށް އެތައް ބައެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި ތިން އަހަރު ދުވަހަށް ޖަލަށް ލުރުމަށް ވެސް ސިވިލް ކޯޓުން ވަނީ މީގެ ކުރިން ހުކުމް ކޮށްފައެވެ.
އެ މައްސަލާގައި ދައުލަތުން ބާގިރުގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ 1434 ވަނަ އަހަރުގެ ރަމްޝާން މަހު އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ އޭނާގެ 90 ޕަސެންޓް ހިއްސާ އޮންނަ އެސްބީޓީ ހައްޖު އުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 13 މީހެއްގެ އަތުން 490500ރ (ހަތަރު ލައްކަ ނުދިހަ ހާސް ފަސްސަތޭކަ ރުފިޔާ) ނެގުމަށް ފަހު އެފަރާތްތަކަށް އަމްރާގެ އަޅުކަން އަދާކުރުމަށް ދެވޭނެ ގޮތް ހަމަޖައްސައިނުދީ އަދި އެ ފައިސާ އަނބުރާ ހަވާލުނުކޮށް ފައިސާ އަށް ހިޔާނާތްތްެރިވެފައިވާ ކަމަށެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އުމްރާ އަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާ އަށް ހިނަތާނެރިވެފައިވާ ކަމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އެހެން ކަމުން އަބްދުﷲ ބާގިރު އަހުމަދު ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އަމުރު ކުރާ ކަަމަށެވެ.
މީގެއިތުރުން ވެސް އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ ބައެއްގެ އަތުން މިލިޔަނެއްހާ ރުފިޔާ އަބްދުﷲ ބާގިރު ނަގާ ހިޔާނާތްތްެރިވި ކަމުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލިއެވެ. ނަމަވެސް އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.