ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް ހިންގާފައިވާ ޝަރީއަތާއި އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޓިޑެންޝަންގެ ނިންމުން ދިވެހި ސަރުކާރުން ގަބޫލު ނުކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ އެޓާރނީ ޖެނަރަލް މުހައްމަދު އަނިލް އާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އާއްމު ކުރެއްވި ބަޔާނުގައި ވަނީ އދ. ގެ އާބިޓްރަރީ ޑިޓެންޝަނަށް ނާޒިމް ހުށަހެޅާފައިވާ މައްސަލައާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު އާއްމުކޮށްފައިވާ ލަފައަށް ދިވެހި ސަރުކާރުން އިއުތިރާޒުކުރާ ކަމަށެވެ.
ސަރުކާރުގެ އެބަޔާނުގައި ވަނީ ނާޒިމަކީ ދިވެހިރާއްޖެގައި ގެންގުޅުން މަނާ ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް، ގެންގުޅުމުގެ ކުށުގައި،މާރޗް 26، 2015ގައި، 11 އަހަރަށް ހުކުމްކޮށްފައިވާ މީހެއް ކަމަށެވެ. އަދި ނާޒިމްގެ މައްސަލަ، ޖިނާއީ އަދުލްގެ އެކިއެކި މަރުހަލާތަކުގައި ކުރިއަށް ގެންގޮސްފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އަދި އެކަން ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ވަނީ ކަށަވަރުކޮށްދީފައިކަން ފާހަގަކުރާ ކަމަށް ސަރުކާރުގެ އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ރާއްޖޭއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށްވާއިރު، މިމައްސަލައާ ގުޅޭ ގޮތުން ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކަށް ހުރިހާ ފަރާތްތަކަކުން ވެސް އިހުތިރާމް ކުރުމަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
ސަރުކާރުން ބުނީ ތަހުގީގު މަރުހަލާގަ އާއި ޝަރީއަތުގެ މަރުހަލާގައި ނާޒިމް ބަންދުގައި ބެހެއްޓިފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވާއިރު، އެމަރުހަލާތައް ކުރިއަށް ދިޔައިރު، އެއްވެސް ވަގުތެއްގައި، އަދި މިހާތަނަށް ވެސް ނާޒިމްގެ ފަރާތުން އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާ ކަމަށް ކަމާބެހޭ ކޯޓަކަށް މައްސަލަ ހުށަހަޅާފައި ނުވާކަން ފާހަގަ ކުރާ ކަމަށެވެ. އެހެންކަމުން އެ ހައްގު މިހާރު ވެސް ނާޒިމަށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ނާޒިމަށް ލިބިފައިވާ އެހައްގުގެ ބޭނުން ކުރުމަށް ބާރުއެޅުމަށް އދ.ގެ ވޯކިންގ ގްރޫޕަށް ގޮވާލާ ކަމަށް ވެސް ސަރުކާރުގެ އެބަޔާނުގައި ވެއެވެ.
މީގެ އިތުރުން، އެބަޔާނުގައި ވަނީ ނާޒިމްގެ މައްޗަށް ހިންގާފައިވަނީ އިންސާފުވެރި ޝަރީއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށާއި އެމައްސަލައިން ދިފާއުވުމަށް ނާޒިމްއަށް އެކަށީގެންވާ ވަގުތާއި ހެކިން ހުށަހެޅުމުގެ ފުރުސަތާއި އަދި ހުށަހެޅި އެކީންގެ ހެކިބަސް ނަގާފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
ވޯކިންގ ގްރޫޕްގެ ލަފާގައި، ބައެއް އަމިއްލަ ޖަމްއިޔާތަކުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާގުޅޭ ގޮތުން ޝާއިއުކޮށްފައިވާ ޚަބަރުތަކަށް ރިއާޔަތްކޮށް، އެފަދަ ޖަމްއިޔާތަކަށް "ހިޔުމަން ރައިޓްސް އެކްސްޕަރޓްސް" ގެ ނަމުން މުޚާތަބުކޮށްފައިވާ ކަމީ ދިވެހިސަރުކާރު ހިތާމަކުރާކަމެއް ކަމަށާއި އދ. ގެ ވޯކިންގ ގްރޫޕްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، މިނިވަންކަމާ އެކު އެފަރާތްތަކަށް ހުށަހެޅޭ މައްސަލަތައް ބެލޭ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށް ވެސް ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
ނާޒިމްގެ މައްސަލައިގައި އދ. ގެ ވޯކިންގ ގްރޫޕުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ނާޒިމް ދިރުއުޅުއްވި އެޕާޓްމެންޓަށް ފުލުހުން ވަން ހިސާބުން ފެށިގެން ގޮސް ސުޕްރީމް ކޯޓުން އިސްތިއުނާފު ބޭރުކޮށްލުމާ ހަމައަށް ނާޒިމަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކެއް ނިގުޅައިގަނެވިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ދެ މުއާހަދާ ކަމަށްވާ، ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ އާއި ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަންރައިޓްސް އިން ކަށަވަރުކޮށްދޭ އެތައް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށް ވޯކިން ގްރޫޕުން ނެރުނު 17 ސޮފްހާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކުގެ ބޭރުން ނާޒިމްގެ އެޕާޓްމެންޓަށް ހަތިޔާރު ވައްދައި، އަދި އެ ހަތިޔާރުން އެހެން މީހެއްގެ ޑީއެންއޭ ފެނުމުން ވެސް ނާޒިމް ބަންދުކޮށްފައި ހުރި ހުރުމުން ދޭހަކޮށްދެނީ މިއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއްކަން ކަމަށެވެ.
ނާޒިމްގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ހިންގިއިރު، މައްސަލައިގެ 26 ލިޔެކިޔުމެއް ނާޒިމަށް ދީފައިނުވާކަމާއި، ބޮޑު ދައުވާއަކުން ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދީފައިނުވާކަން އެ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.
އަދި ނާޒިމްގެ ފަރާތުން ދިފާއުގައި 50 ހެކިން ހުށަހެޅިއިރު، ދަށު ކޯޓަށް ހާޒިރުކުރީ އެންމެ ތިން ހެކިންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.