ޚާއްސަ އެހީ އަށް ބޭނުންވާ 157 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޒީފާގެ ފުރުސަތު ހަމަޖައްސަވާއިފި އެވެ.
މިކަން ފާހަގަކުރުމަށް ހޯމަ ދުވަހު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ބައިވެރިވެފަ އެވެ.
ސަރުކާރުން ގެންގުޅޭ އެންމެންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުނނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށާ އެފަރާތްތައް ބާރުވެރި ކުރުމަށާ އެފަދަ ބޭފުޅުންނަކީ މުޖުތަމައަށް ބޭނުން ހިފޭ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ހަރުދަނާ މީހުންނަށް ހެދުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެގޮތުން ސަރުކާރުގެ ހިއްސާ އޮންނަ 18 ކުންފުންޏަކުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަނީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފަ އެވެ.
ހޯމަ ދުވަހު ވަޒީފާ ހަމަޖެހިގެންދިއަ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ކުންފުނިތަކުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޣާއިމްކޮށްފައިވާ ބައެއް މަރުކަޒުތަކުގައި ވަޒީފާ އަދާކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އުނގެނުމުގައިވެސް އެއްވެސް ކުއްޖެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ތައުލީމު ހާސިލް ކުރެވޭނެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.