Advertisement
ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 17:37
ގއ. ހިތާދޫ: ހޯރަ އަރާ މޫސުމުގައި މި ރަށަށް ގިނަ އަދަދަކަށް ހޯރަ އަރާ
ގއ. ހިތާދޫ: ހޯރަ އަރާ މޫސުމުގައި މި ރަށަށް ގިނަ އަދަދަކަށް ހޯރަ އަރާ
ރާއްޖެއެމްވީ
ތިމާވެއްޓަށް ގެއްލުން ދިނުން
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
ހިތާދޫ އަކީ ގިނަ އަދަދަކަށް ހޯރަ އަރާ ރަށެއް
ފަރަށް ނަގަލި ލައި ގަސްގަހަށް ވަނީ ގެއްލުންދީފަ
ފިޔަވަޅު އެޅިޔަސް، ލިބުނު ގެއްލުން އިޔާދައެއް ނުކުރެވޭނެ

ތިމާވެށީގެ ނާޒުކުކަމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

 

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ހިތާދޫއަކީ ޅޮސްގަހާއި ހޯރައަށް މަޝްހޫރު ރަށެކެވެ. އެ ރަށަކީ ގިނަ އަދަދަކަށް ހޯރަ އަރާ ރަށެކެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތާދޫ އަށް އާދިއްތަ ދުވަހު ސަފާރީއެއްގައި ދިޔަ ފަތުރުވެރިން ވަނީ އެ ރަށުގެ ފަރަށް ނަގިލި ލައި، ރަށުގެ ގަސް ގަހަށް ވެސް ގެއްލުންދީފަ އެވެ. އަދި މީގެ އިތުރުން އެރަށުގެ ގޮނޑުދޮށުގައި ބާބަކިއު ހަދާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

 

ހިމާޔަތްކޮށްފައިވާ ރަށްރަށަށް ހުއްދަ ނުހޯދައި އެރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ރަށްރަށުގެ ފަރަށް ނަގިލި ލައި ގަސްގަހާ ގެއްސަށް ގެއްލުން ދިނުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

 

މިކަމާ ގުޅޭ ގޮތުން ގއ. އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން އާދަމް ވިދާޅުވީ ހިތާދޫ އަށް ސަފާރީއެއްގައި ގޮސް ބަޔަކު އަރައި އުޅޭ ކަމަށް ބުނެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އަށް ހުށަހެޅުނު މައްސަލައެއް އެ އިދާރާއިން ކައުންސިލުގެ ސަމާލު ކަމަށް އާދިއްތަ ދުވަހުގެ މެންދުރު ގެނައި ކަމަށެވެ.

 

އެ މައްސަލައާ ގުޅިގެން އަތޮޅު ކައުންސިލާއި، ކޮލަމާފުށީ ކައުންސިލުގެ އިތުރުން ފުލުހުން ގުޅިގެން ހިތާދޫ އަށް ގޮސް އެ ރަށަށް އަރައި ތިބި ފަތުރުވެރިންތައް ބާލާފައިިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ހުސެއިން އާދަމް ވިދާޅުވީ ކަރުދާހުގައި އޮންނަ ގޮތުން ހިމާޔަތްކުރެވިފައިވާ ރަށްރަށް އޮންނަނީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށާއި ނަމަވެސް އެއްވެސް ބަޔަކު އެއަށް އަމަލުނުކުރާ ކަމަށެވެ. އަދި ރަށްރަށަށް އަރަމުން ކައުންސިލުގެ ހުއްދަ ވެސް ނުހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

މިކަމާ ގުޅޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް އީޕީއޭ އަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

 

އޮފިޝަލް ވިދާޅުވީ އެފަދަ ސަފާރީތައް ރާއްޖެ އަންނަނީ ކޮންމެވެސް އެޖެންޓެއް މެދުވެރިވެގެން ކަމަށާއި އާންމުކޮށް މިފަދަ ކަންކަން ހިނގަނީ އެޖެންޓުގެ ފަރުވާކުޑަކަމުން ނުވަތަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގައި ރީތި ގޮނޑުދޮށްތައް ހިމެނޭ ގިނަ އަދަދެއްގެ ރަށްތަކެއްވާއިރު، ހިމާޔަތް ކުރެވިފައިވާ ރަށްރަށާއި އެ ނޫން ރަށްރަށް ވަކިކުރަން އެޖެންޓުންނަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އޮފިޝަލް ވިދާޅުވީ ރަށަށް ދޭ ގެއްލުމާ ގުޅިގެން ފިޔަވަޅު އެޅި ނަމަވެސް، ރަށަށް ލިބެނީ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް