Advertisement
ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 17:00
މޫނު ބުރުގާ އަޅާފައިވާ އަންހެނެއް
މޫނު ބުރުގާ އަޅާފައިވާ އަންހެނެއް
ގޫގުލް
އެޑިއުކޭޝަން
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
ސަރުކާރުގެ އެއްވެސް ސްކޫލެއްގައި މޫނު ބުރާއެޅި ޓީޗަރަކު އަދި މުވައްޒަފަކުވެސް ނޫޅޭނެ
ސަރުޚާރު ސްކޫލްތަކުގެ ދަރިވަރުން ވެސް ސްކޫލަށް އަންނައިރު މޫނު ބުރުގާ އެޅުން މަނާ

ސަރުކާރުގެ އެއްވެސް ސްކޫލެއްގެ ވަޒީފާ އަދާކުރާ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެ ކަމަށާއި އެއީ ސިވިލް ސާރވިސްގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

 

ހޯމަ ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސަރުކާރު ސްކޫލްތަކުގެ ޓީޗަރުން ހެނދުން އެޅުމުގައި އަމަލު ކުރަމުން ދަނީ ދިވެހި ސިވިލް ސާރވިސް ގަވާއިދުގެ ދަށުން ކަމަށެވެ.

 

އެގަވާއިދުގެ ދަށުން ސިވިލް ސާރވިސް މުވައްޒަފުން މޫނު ބުރުގާ އެޅުމަކީ މަނާ ކަމެކެވެ.  

 

އއ. މަތިވެރި ސްކޫލްގެ ޕްރައިމަރީ ޓީޗަރެއް ކަމަށްވާ އާއިޝަތު ޝުޒީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވާތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ "ކާކުކަން އެނގޭގޮތަށް" ސިވިލް ސާރވިސް ގަވައީދާ އެއްގޮތަށް ހެނދުން އެޅައިގެން ނޫން ގޮތަކަށް ސްކޫލަށް ހާޒިރުވެގެން ނުވާނެ ކަމަށް އަންގާފަ އެވެ.

 

އެމައްސަލައާ ގުޅިގެން ޝަފީއު ވިދާޅުވީ ސަރުކާރު ސްކޫލްތަކުގެ ޓީޗަރުންނަކީ ސިވިލް ސާރވިސް މުވައްޒަފުން ކަމަށްވާއިރު ސިވިލް ސާރވިސްގެ ގަވާއިދަށް އަމަލު ކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ސްކޫލެއްގައި މޫނު ބުރުގާ އަޅައިގެން އުޅޭ ޓީޗަރުން ނޫޅޭނެ ކަމަށާއި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ވެސް އަމަލު ކުރަމުންދާ އެއް އުސޫލެއްގެ ދަށުން ކަމަށް ޝަފީއު ވިދާޅުވި އެވެ.

 

ޝަފީއު ވިދާޅުވީ މަތިވެރި ސްކޫލްގެ ޓީޗަރު މޫނު ބުރުގާ އަޅައިގެން ސްކޫލަށް އަންނަ ކަމަށް ބުނާ މައްސަލައަކީ މިފަދަ ގޮތަކަށް ފެންމަތިވި ފުރަތަމަ މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ ޓީޗަރުންގެ އިތުރުން ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންވެސް ސްކޫލަށް ހާޒިރުވާނީ ސްކޫލްގެ ވަކި ޔުނީފޯމެއްގައި ކަމަށާއި ސަރުކާރުގެ ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމްގެ ގޮތުގައި މޫނު ބުރުގާ ނުހިމެނޭނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

 

މީގެ ކުރިން، މައުހަދުގެ ދަރިވަރެއް މޫނު ބުރުގާ އަޅައިގެން ކިޔަވަން ދާތީ އެމައްސަލަ ފެންމަތިވެފަ އެވެ. އެމައްސަލަ ނިންމާފައިވަނީ ކޯޓުންނެވެ.

 

އެމައްސަލައާ ގުޅިގެން ސަރުކާރުން ނިންމާފައިވަނީ ސަރުކާރު ސްކޫލްތަކަށް ކިޔަވަންދާ ދަރިވަރުން ދާނީ އެ ސްކޫލެއްގެ ސްކޫލް ޔުނީފޯމްގަ ކަމަށެވެ. ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމްގައި މޫނު ބުރުގާ ނުހިމެނެ އެވެ.

 

ޝަފީއު ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގެ މުވައްޒަފުންނަކީ ސިވިލް ސާރވިސް މުވައްޒަފުން ކަމަށްވާތީ، އެމުވައްޒަފުންނާމެދުވެސް އަމަލު ކުރަމުންދަނީ ސިވިލް ސާރވިސް ގަވާއިދުގެ ދަށުންނެވެ.

 

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގައި "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް” ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ “ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގައެވެ."

 

މަތިވެރި ސްކޫލްގެ ޓީޗަރު ޝުޒީއަށް ދީފައިވާ އެ އިންޒާރާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާހަގަ ކުރައްވަމުން ޝުޒީ ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިފަދަ ކަންކަން ހިނގައިގެން ނުވާނެ ކަމަށެވެ. އިންޒާރު ދިން ނަމަވެސް، މޫނު ބުރުގާ އަޅައިގެން ނޫން ގޮތަކަށް ސްކޫލަށް ވަޑައިނުގަންނަވާނެ ކަމަށާއި ސްކޫލުން ވަކިކުރި ނަމަވެސް އެންމެ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޒީއަކީ މަތިވެރި ސްކޫލްގެ ގްރޭޑް އެކަކަށް، ހިސާބު، އިނގިރޭސި، ސޯޝަލް ސްޓަޑީޒް، ސައިންސް އަދި ހެލްތް އެންޑް ޕީއީ ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ.

 

މޫނު ބުރާ އެޅުން މަނާ ކުރުމާއި ގުޅިގެން ބައެއް ދީނީ އިލްމްވެރިން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް