Advertisement
ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 23:46
ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމަށް އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމަށް އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ސައިކަލް ޓެކްސީ
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
ކުރިއަށް އޮތް ތަނުގައި ސައިކަލްތަކުގައި މީޓަރު ބޯޓް ހަރުކުރާނެ

ޖުމްލަ 20 ސައިކަލާއެކު ސައިކަލް ޓެކްސީގެ ހިދުމަތް އާދީއްތަ ދުވަހު މާލޭގައި ފަށައިފިއެވެ.

ސްކޫޓެކްސީ ކުންފުނިން ދޭން ފެށި ސައިކަލް ޓެކްސީގެ ހިދުމަތް ރަސްމީކޮށް ފައްޓައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައިކަލް ޓެކްސީގެ ދަތުރެއްގެ އަގަކީ 10 ރުފިޔާ އެވެ. 

ސްކޫޓްކްސީން ކުންފުނީގެ ފަރާތުން މުހައްމަދު ބައްސާމް އާދަމް ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން ދެ ހަފްތާގައި ކުރިއަށްދާނީ ޓެސްޓް ދަތުރުތަކެއް ކަމަށެވެ. ޓެސްޓް ދަތުރުތަކުގައި އަންހެން 15 ޑްރައިވަރުންނާއި ފިރިހެން 15 ޑްރައިވަރުން ކުންފުނީގައި ހަރަކާތްތެރިވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. ޓެސްޓް ދަތުރުތަކަށް ފަހު ސައިކަލް ޓެކްސީ ހިދުމަތުގެ ފޯން ނަންބަރު 8080 ތާއާރަފްކޮށް، ރަސްމީ ދަތުރުތައް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ސައިކަލް ޓެކްސީގެ ހިދުމަތް ފަށާއިރު، ދަތުރެއްގެ އަގު 10 ރުފިޔާއިން ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ސައިކަލްތަކުގައި މީޓަރު ހަރުކޮށް، ދަތުރުގެ ދުރުމިނަށް އަގު ނަގަން ފަށާނެ ކަމަށެވެ. އޭގެ އިތުރުން ހިދުމަތް ފަސޭހަކުރުމަށްޓަކައި މޯބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކުރަން ވަނީ ނިންމައިފަ އެވެ. 

ސައިކަލް ޓެކްސީގެ ހިދުމަތްދޭއިރު ޑްރައިވަރު ބޭނުންކުރަން ހާއްސަ ޖެކެޓެއް ވަނީ ތާރަފްކޮށްފައެވެ. އެ ޖެކެޓް ލައިގެން ހުންނަ އިރު، ފަހަތުގައި އިންނަ މީހާ ހިފަހައްޓާނެ ތަނެއް ޖެކެޓްގައި ހުރެ އެވެ. މި ޖެކެޓް ލައިގެން ހުންނައިރު، ފަހަތަށް އަރާ މީހާ، ޑްރައިވަރު ގައިގައި ނުޖެހޭނެ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ. 

ސައިކަލް ޓެކްސީ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމާއެކު ޒުވާނުންނަން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ސައިކަލް ޓެކްސީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ސައިކަލް ޓެކްސީގެ ނަންބަރު ބޯޑްތައް ރީދޫ ކުލައިގައި ހުންނަ އިރު، ޑްރައިވަރުގެ ޖެކެޓްގެ ކުލައަކީ އޮރެންޖެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް