Advertisement
ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 19:41
ފިޔާޒު ކޯޓަށް ވަންނަނީ: ފިޔާޒު ވަނީ ދައުވާ އަށް އިންކާރުކޮށްފަ
ފިޔާޒު ކޯޓަށް ވަންނަނީ: ފިޔާޒު ވަނީ ދައުވާ އަށް އިންކާރުކޮށްފަ
މުހައްމަދު ޝަރުހާން
ނޫސްވެރިންގެ ޝަރީއަތް
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
ދިފާއީ ހަތް ހެކިންގެ ތެރެއިން ހެކި ބަސް ނަގަނީ ތިން ހެކިންގެ
އަޑުއެހުން ބޭއްވީ ޝަރީއަތް މެދުކެނޑިފައި އޮންނަތާ ހަތް މަސް ފަހުން
ފިޔާޒުގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ފެބްރުއަރީ 2 ގައި

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މުސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާ ނިންމައިފި އެވެ.

ފިޔާޒުގެ މައްޗަށް ކުރަނީ ފުލުހެއްގެ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ. އެއީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ފިޔާޒުގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީ ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވާއަކީ އަސްލެއް ނެތް ދައުވާއެއް ކަމަށް ފިޔާޒު ބުނެ އެވެ. 

އެ މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާކޮށް، ކޮންމެ މީހަކު 28،800 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފިޔާޒުގެ މައްޗަށް ފުރަތަމަ އުފުލީ ފުލުހެއްގެ ގައިގައި ޖެހިކަމުގެ ދައުވާ އެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންގޮސް އަލުން ދައުވާކުރީ ފުލުހެއްގެ ގައިގައި އަތްލިކަމުގެ ދައުވާއެވެ.

އެ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ތިން ހެކިވެރިންގެ ހެކިބަސް ނަގައި ވަނީ ނިންމައިފަ އެވެ. ފިޔާޒުގެ ޝަރީއަތް އަލުން މިފެށީ ޝަރީއަތް މެދުކެނޑިފައި އޮންނަތާ ހަތް މަސް ފަހުންނެވެ. އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ.

ފިޔާޒު ޖެހި ކަމަށް ބިުނާ ފުލުސް މީހާ، މުހައްމަދު ޝާހީން

ފިޔާޒުއާ ދެކޮޅަށް ހެކި ބަސް ދިނީ ތިން ފުލުހުންނެވެ. އެ ތިން ފުލުހުންނަކީ ވިސާމާއި ލީވާނާ ދެކޮޅަށް ވެސް ހެކި ބަސް ދިން ތިން ފުލުހުންނެވެ.

ހެކި ބަސް ދެމުން މުހައްމަދު ޝާހީނު ބުނީ އޭނާގެ މޭމަތީގައި ފިޔާޒު ޖެހިކަމަށާއި އަދި ޖެހުމުން ވަރަށް ބޮޑަށް މެޔަސް ތަދުވި ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ނުދައްކާ ކަމަށް އޭނާ ބުންނެވެ. މީގެ އިތުރުން ޝާހީނު ބުނީ، ސްޓޭޑިއަމް ސަރަހައްދުން ފިޔާޒު ދުރުކުރުމަށް ހިނގާފައި ދިޔައީ ފިޔާޒުއާއެއްކޮށް ކަމަށެވެ.

ފިޔާޒުއާއެއްކޮށް ހިނގާފައި ދިޔަ ކަމަށް ޝާހީނު ބުނި އިރު، ދެން ހެކި ބަސް ދިން ހުސެއިން އަބްދުﷲ އާއި އަލީ ސަރާއު ބުނީ ޝާހީނު ދިޔައީ ވަކިން ކަމަށެވެ. އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުރަތަމަ ކުރި އަމުރަށް ކިޔަމަންވި ކަމަށް ވެސް ސަރާއުއާއި ހުސެއިން އަބްދުﷲ ބުންޏެވެ. އަދި އެ ސަރަހައްދު ދޫކޮށް ދިއުމަށް ފިޔާޒު ހިނގާފައި ދިޔަ ކަމަށް ވެސް އެ ދެމީހުން ބުންޏެވެ. 

ފިޔާޒު އާއި ލީވާނާއި ވިސާމަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން އެމްޕީއެލް ސްޓާފް ކުއާޓާސް ތެރެއަށް ވަދެ އެތަނުގެ ގޭޓު ލަައްޕައިގެން ބާގަނޑަކުން ބޭރު ބަލަން ތިބި ކަމަށް، ހުސެއިން އަބްދުﷲ ބުންޏެވެ. އަދި އެ ތަނުން ނުކުމެއް، ސަރަހައްދު ދޫކޮށް ދިއުމަށް ބުނުމުން އެ ތިން މީހުން ވެސް ދިޔަ ކަމަށް ހުސައިން އަބްދުﷲ ބުންޏެވެ. 

ސަރާއު ބުނީ އެ ސަރަހައްދުގައި ހިނގި ހުރިހާ ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް ޝާހީނުގެ މޭމަތީގައި ފިޔާޒު ޖެހި ތަން ފެނުނު ކަމަށެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި އޮންނާނީ ފިޔާޒުގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ހަތް ހެކީން ތެރެއިން ތިން ހެކިންގެ ހެކި ބަސް ނެގުމެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ބާކީ ތިބި ހެކިންގެ ހެކި ބަސް ނެގުމާ މެދު ގޮތެއް ނިންމާނީ އެ އަޑުއެހުމުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް