ހެލްތު މިނިސްޓްރީން އަލިމަސް ކާނިވާ ސަރަހައްދުގައި ހުރި 12،00 އަކަފޫޓްގެ ގުދަނެއް ދިގު މުއްދަތަކަށް ކުއްޔަށް ހިފައި އެތަނަށް ކުލި ދައްކާފައިވަނީ ކޮރަޕްޝަންގެ ތެރެއިން ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފި އެވެ.
އަމިއްލަ މީހަކު އޭސީސީއަށް ހުށަހެޅި އެމައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީން އާއްމުކޮށްފައިވާ ރިޕޯޓްގައި ވަނީ އެ ގުދަށް ކުއްޔަށް ހިފާފައިވަނީ 10 މާރޗް 2008 އިން 2009 އަހަރުގެ ނިޔަލަށް ކަމަށާއި ނަމަވެސް އެގުދަނުގައި ހުރި ތަކެތި ބަހައްޓާނެ ތަނެއް ނެތުމުން 11 މަސް ދުވަސް ވަންދެން އެ ގުދަނުގައި އެތަކެތި ބަހައްޓާފައިވާ ކަމަށް ތަހުގީގަށް އެނގޭ ކަމަށެވެ.
އޭސީސީން ބުނީ އެ ގުދަން ކުއްޔަށް ހިފާފައިވަނީ ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއިން ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި މެޑިކަލް ސާރވިސް އުވާލާ އެތަނުން ކުރަމުން އައި މަސައްކަތް ހެލްތް މިނިސްޓްރީއަށް ބަދަލުކޮށްފައިވުމުން، ގުދަން ކުއްޔަށް ހިފި މުއްދަތު ހަމަވެފައިވާތީ އާއި އިތުރު މަސްތަކެއް ވަންދެން އެގުދަން ބޭނުން ކޮށްފައިވާތީ ހެލްތް މިނިސްޓްރީން އެ ގުދަނުގެ ވެރިފަރާތަށް އެތަނުގެ ކުލި ދެއްކޭނީ އެއްބަސް ވުމެއް ހެދުމުން ކަމަށް އެންގުމުން، އެ އެއްބަވުމާ އެއްގޮތަށް ފައިސާ ދައްކާފައިވަނީ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގްޞަދުގައިކަން އެނގޭނެ އެއްވެސް ހެއްކެއް ނުވަތަ ގާރީނާއެއް ތަހުގީގަށް ފެންނަން ނެތް ކަމަށެވެ.
އޭސީސީން ބުނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހު ވެސް، ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ތަކެތި އެ ގުދަނުގައި ބަހައްޓާފައިވާކަން، މިކަމާ ގުޅިގެން 2010 ވަނަ އަހަރުގެ ފެބުރުވަރީ 22 ގައި ވެފައިވާ އެއްބަސްވުމުންނާއި، އެ ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.
އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ފަދަ ކޮރަޕްޝަނުގެ އަމަލެއް ހިނގާފައިވާކަން ފާހަގަކުރެވިފައި ނުވާތީ މިމައްސަލައަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 25 ވަނަމާއްދާގެ (ހ) ގެ 1 ގައި ވާ ގޮތުގެ މަތިން ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅާ ކަމަށް އޭސީސީން އާއްމުކޮށްފައިވާ އެ ރިޕޯޓްގައި ވެއެވެ.