ދުނިޔޭގެ ކަސްރަތު ދާއިރާގެ ފުންނާބު އުސް އައިލީ ޝަރީފް ބައިވެރިވާ ޒުމްބާ މާސްޓަރ ކްލާހެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ގްލޯފިޓްގެ ފަރާތުން ބުނެފިއެވެ.
ގްލޯފިޓުން ބުނީ ޒުމްބާ މާސްޓަރ ކްލާހަކީ ހަމައެކަނި އަންހެން ބޭފުޅުންނަން ބައިވެރިވެވޭ ކްލާހެއް ކަމަށެވެ. މި ކްލާސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 4 ވާ ހޮނިހިރު ދުވަހުގެ ރޭ ބިލަބޮންގ އިންޓަރނޭޝަނަލް ސްކޫލްގެ ހޯލްގައެވެ
ގްލޯފިޓްއާއެކުގައި ގިނަ ފިޓްނަސް ސެންޓަރ ތަކުން ބައިވެރިވާ ދެ ގަޑިއިރުގެ ކަސްރަތު އިވެންޓުގައި ހިމެނެނީ ޒުމްބާ ފިޓްނަސް ކްލާހަކާއި ސްޓްރޯންގ ބައި ޒުމްބާ ކްލާހެކެވެ.
ޒުމްބާ ފިޓްނަސްއަކީ މިހާރު ދުނިޔޭގައި އެންމެ މަޤްބޫލް އެއް ފިޓްނަސް ބްރޭންޑެވެ. މިހާރު 180 ޤައުމުގައި ކުރިއަށްދާ ފިޓްނަސް ޕްރޮގްރާމް ވަނީ ދިވެހިރާއްޖޭގައި ވެސް ވަރަށް މަޤްބޫލްކަމެއް ހޯދާފައެވެ.
އާއިލީ ޝަރީފަކީ ސްވިޒަރލެންޑަށް އުފަން އަދި މިހާރު ފިޓްނަސް ދާއިރާގައި ދުނިޔޭގެ އެންމެ މަޝްހޫރުވަމުން އަންނަ ޒުމްބާ ފިޓްނަސް ޕްރޮގްރާމެއް ކަމަށްވާ ސްޓްރޯންގ ބައި ޒުމްބާ އުފެއްދުމުގައާއި އިތުރަށް ކުރިއެރުވުމަށް އެންމެ އިސްކޮށް މަސައްކަތްކުރައްވާ އެއް ޓްރެއެނާއެވެ.
މީގެ އިތުރުން އައިލީ އައި ޝޮރިން ރިޔޫ ކަރާޓޭ ވޯރލްޑް ޗެމްޕިއަންޝިޕް ކުމިޓެ ޓޯނަމަންޓުގެ ރަނަރަޕްކަންވެސް ހޯދާފައިވާ ބޭފުޅެކެވެ.