މަންމަގެ ފަރާތުން ލިބުނު އަނިޔާތަކާ ގުޅިގެން ވ. ރަކީދޫގައި މަރުވި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި އިހުމާލުވެފައިވާ ކަމަށްބުނެ ދައުލަތުގެފަސް މުވައްޒަފެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުންތައް އާދިއްތަ ދުވަހަށް ތާވަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު އެ ފަސް މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ވަނީ ތިން ދައުވާއެއްގެ ގޮތުގައި ތާވަލް ކޮށްފަ އެވެ.
އެގޮތުން ދައުލަތުން އެމައްސަލާގައި ދައުލަތުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކޮށްފައިވާ ގދ. ދެއްވަދޫ, ނަސްރީނުގެ މުހައްމަދު ރަޝީދުގެ މައްޗަށާއި ފ. ފީއަލީ, ގުލްއަލާގެ މުހައްމަދު ޝަހީބުގެ މައްޗަށެވެ. އެ ދެމީހުންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 10:00 އަށެވެ.
މީގެއިތުރުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލާފައިވާ ގދ. ފިޔޯރީ, ބީޗްހެވަން އަހުމަދު ޝުޒާދުގެ މައްޗަށާއި ވ. ފެލިދޫ, ނަލަހިޔާ އާމިނަތު ޝިޔާޒާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހުގެ 11:00 އަށް ތާވަލް ކޮށްފައިވާއިރު، ބ. އޭދަފުށި, މާބަގީޗާގެ ލިސާން އަބޫބަކުރުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ވަކި ދައުވާއެއްގެ ގޮތުގައި އެ ކޯޓުގައި އާދިއްތަ ދުވަހުގެ 13:00 އަށް ވަނީ ތާވަލް ކޮށްފަ އެވެ.
ދައުލަތުގެ ފަރާތުން ދައުވާ އުފުލި މުހައްމަދު ރަޝީދާއި މުހައްމަދު ޝަކީބާއި އަހުމަދު ޝުޒާދު އަދި އާމިނަތު ޝިޔާޒާ އަކީ ޖެންޑަރ މިނިސްޓްރީގައި އޭރުގެ މުވައްޒަފުންނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޝުޒާދާއި ޝިޔާޒާ އޭގެ ފަހުން ޖެންޑަރ މިނިސްޓްރީން ވަކިވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިމައްސަލާގައި ދައުލަތުން ދައުވާ ކުރާ ލިޝާން އަބޫބަކުރަކީ ފުލުހުންގެ ވަޒީފާގައިހުރި، ވ. އަތޮޅުގެ އޭރުގެ އެކްޓިންގ ކޮމާންޑަރުގެ މަގާމުގައި ހުރި ފުލުސް މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އިބްތިހާލު މަރުވެފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލުގެ މަންމަ އާފިއާ މުހައްމަދު ވަނީ އިބްތިހާލަށް އަނިޔާ ކޮށްފައިވާ ކަމަށާއި އިބްތިހާލު މާރާލާފައިވާ ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެފަ އެވެ.