އެމްޑީޕީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނިކުތީ ވަރަށް ފުރިހަމަ ތަސައްވުރަކާއެކު ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމުގެ ދަށުން ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނަށް ގާތުން ހިދްމަތް ކުރުން ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ މާލޭ ސިޓީއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހާއްސަކޮށް އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި, ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ކެންޑިޑޭޓުންގެ އިންތިހާބާބެހޭ ކޯޑިނޭޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ އެމްޑީޕީން މާލެ ސިޓީ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ރައްޔިތުންގެ ހިޔާލާއެކު ތަރައްގީ ކުރަން ކަމަށާއި އެމްޑީޕީ ސަރުކާރު ބަދަލުކުރީ މި އުސޫލުން ރައްޔިތުންގެ ހިޔާލު ހޯދައިގެން އެތައް މަޝްރޫއުތަކެއް ހިންގަމުން ދަނިކޮށް ކަމަށެވެ. އެއަށް ފަހު މުޅި ލާމަރުކަޒީ ނިޒާމު ވެސް ނައްތާލަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތަސައްވުރުގައި މާލެ ސިޓީއަކީ ލާމަރުކަޒީ ގޮތުން ހިންގާ ސިޓީއެއް. ރައްޔިތުން ހޮވާ ވެރިންތަކެއް ތިއްބަވައިގެން ސިޓީން އަމިއްލައަށް ހޯދާ އާމްދަނީއާވެސްއެކު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި ފިކުރާއި އަދި އެބޭފުޅުން ކަނބަލުންގެ ބޭނުންތަކާއި އެއްގޮތަށް އެމީހުންގެ މަޝްވަރާގެ މަތިން ސަރުކާރާ ގުޅިގެން ހިންގާ ސިޓީއެއް. އެސިޓީއަކީ އެސިޓީގައި ދިރިއުޅޭ ރައްޔިތުން އަމިއްލަ ބޯހިޔާވަހިކަމުގައި ދިރިއުޅޭ ސިޓީއެއް. އަދި ހަލާލު މަސައްކަތުން ލިބޭ އާމްދަނީން އާއިލާ ބަލަހައްޓާ ސިޓީއެއް. އެސިޓީގައި ކަންކަން ރޭވިފައި ހުންނާނީ އެސިޓީގައި ދިރިއުޅޭ މީހުންނަށް އިޖުތިމާއީ ގޮތުންނާއި ސިއްހީ ގޮތުންނާއި އިގްތިޞާދީ ގޮތުންނާއި އަދި ނަފްސާނީ ގޮތުންވެސް ރަނގަޅުވާނެ ގޮތަށް. ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންވެސް ތިބިކަން ދަނެގެން އެފަރާތްތަކަށްވެސް ފަސޭހަކަމާއެކުވެސް ކަންކަންކުރެވޭ ގޮތަށް، ހިދްމަތްތައް ވެސް ލިބޭ ގޮތަށް އެސިޓީގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ. އެސިޓީގައި ހުންނާނީ ވެށި ސާފުކޮށް، ތިމާވެއްޓާ ރައްޓެހި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ އިންތިޒާމުތައް ކުރެވިފަ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އެމަގަށް މާލޭ ސިޓީ ކައުންސިލް މަސައްކަތް ކުރަމުންދަނިކޮށް "ބަޣާވާތަކުން" އެމްޑީޕީގެ ވެރިކަން ވައްޓާލި ކަމަށެވެ.
މުސްތަފާ ވިދާޅުވީ މިއަދު އެމްޑީޕީން އަނެއްކާވެސް މަސައްކަތް ކުރަމުން މިދަނީ ލާމަރުކަޒީ ނިޒާމު ހޯދަން ކަމަށާއި އެމްޑީޕީގެ މައިގަނޑު މަސައްކަތަކީ ވެސް ރައްޔިތުން ބާރުވެރި ކުރުވުމާއި ރާއްޖެ ތަރައްގީ ކުރުން ކަމަށެވެ. ރައްޔިތުންނަށް ހަމަޖެހޭ އުފާވެރި ދިރުއުޅުމެއް އުޅެވޭނެ ގޮތަށް، ނިޒާމެއް ރާއްޖޭގައި ގާއިމު ކުރުން ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.