ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން މުވައްޒަފުން ވެއްދުމުގައި ޢަމަލުކޮށްފައިވަނީ އެކަން ކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ ވާހަކަ ދެކެވުނު ކަމުގައި ވިޔަސް އެއީ ޙަޤީގަތެއް ނޫން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.
އޭސީސީން މިހެން ބުނީ 2010 ވަނަ އަހަރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން މުވައްޒަފުން ވަޒީފާއަށް ވެއްދުމުގައި ޢަމަލުކޮށްފައިވަނީ އެކަން ކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ބެލުމަށް ފަހުގައެވެ.
އޭސީސީން ބުނީ އެސިސްޓެންޓް ރިސޯސަސް އޮފިސަރގެ މަޤާމަށް މީހަކު ހަމަޖެއްސުމަށް ސިވިލް ސާރވިސް ކޮމިޝަނަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ފޯމްގައި ޕޮއިންޓްދީފައިވަނީ ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް، ވަޒީފާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މަޢުލޫމާތު ފޯމް ބަދަލުކޮށް ބައެއް ކެންޑިޑޭޓުންނަށް ޕޮއިންޓް ލިބެންޖެހޭ އަދަދަށްވުރެ މަދުންދީގެން ކަމަށާއި، އެހެންކަމުން މަޤާމްތަކަށް މީހުން ހޮވާ ވަޒީފާ ދީފައިވަނީ އެވަޒީފާއަށް އެންމެ އެކަށީގެންވާ ފަރާތަށް ނޫންކަމަށް ބުނެ އެކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ
އެމައްސަލަ ތަޙުޤީޤު ކުރުމުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2010ވަނަ އަހަރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން އެ އޮފީހުގެ ޕްލޭނިންގް އެންޑް ކޯޑިނޭޝަން ސެކްޝަނަށް އެސިސްޓަންޓް ރިސޯސަސް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން، ވަޒީފާއަށް އެންމެ އެކަށީގެންވާ މީހާ ހޮވުމަށް ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ މަޢުލޫމާތޫ ފޯމް ފުރިހަމަ ކުރުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަހަޅާފައިވާ ފޯމުގެ ތަޢުލީމީ ސްކޯގެ ބަޔަށް މާކްސް ދިނުމުގައި މައްސަލަތަކެއް ހުރިކަމަށް އޭސީސީން ބުނެ އެވެ. ނަމަވެސް އެއީ ގަސްތުގައި ވަކި މީހަކަށް ވަޒީފާ ދިނުމަށް ކޮށްފައިވާ ކަމަކަށް ބެލެވެން ނެތް ކަމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެވަޒީފާ އަށް ހޮވުނު ފަރާތަކީ ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާގެ އަސާސީ ޝަރުޠު ހަމަވާ ފަރާތެއްކަމުގައި ބެލެވިފައިވާ ކަމަށާއި އޭނާ ވަޒީފާއަށް ހޮވުމުގައި އޭނާގެ ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ހުނަރާއި ތަޖުރިބާއަށް ބަލާފައިވުމުގެ އިތުރުން އެމައްސަލައިގައި، ވަކި މީހަކަށް ވަޒީފާ ދިނުމަށް ނުވަތަ ވަކި މީހަކަށް ވަޒީފާ ނުދިނުމަށް މަސައްކަތް ކޮށްފައިވާކަން އެކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިނުވާކަމަށް ވަނީ ބުނެފައެވެ.
އޭސީސީން ބުނީ އެ މަޤާމަށް މީހަކު ހަމަޖެއްސުމުގައި ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިފައިނެތުމުން، އެމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމީކަމަށެވެ.