އިންޑިއާގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި 'ޖޯނަސް ބްރަދަރސް' ބޭންޑްގެ ނިކް ޖޯނަސްގެ ކައިވެނި ސެޕްޓެމްބަރު މަހުގައި ކުރަން އުޅޭކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
އެދެމީހުންގެ ކައިވެންޏާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ޕްރިޔަންކާއާއި ނިކް ކައިވެނި ކުރާނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
އެދުވަހަކީ ނިކްގެ 26 ވަނަ އުފަންދުވަހެވެ.
އުމުރުން 35 އަހަރުގެ ޕްރިޔަންކާއާއި ނިކް، 25، ރަށްޓެހިވެގެން އުޅޭ ވާހަކަ އެންމެ ފުރަތަމަ ފެތުރިފައިވަނީ 2017 ވަނަ އަހަރުގެ މެޓް ގާލާއަށް ފަހުއެވެ. ޕްރިޔަންކާ އާއި ނިކް ޖޯނަސް އެންގޭޖްކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ސައިޓްތައް ކަމަށްވާ "ޕީޕަލް" އަދި "އީ ރިޕޯޓް" ގައި ވެސް ވަނީ ބުނެފައެވެ.
ގުޅުމާ ބެހޭ ގޮތުން ދެ މީހުން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް ގުޅުން ސިއްރު ކުރަން މަސައްކަތް ނުކުރާކަމަށް ދެ މީހުން އެކުގައި ފެނިފައިވާ ފަރާތްތަކުން ފާހަގަ ކުރެއެވެ. ޕްރިޔަންކާ ދާދި ފަހުން ވަނީ ނިކް ގޮވައިގެން އިންޑިއާ އަށް ދަތުރެއް ވެސް ކޮށްފަ އެވެ.