ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 14:49
ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ
ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ
ގޫގުލް
ބޮލީވުޑް
ޕްރިޔަންކާ 'ބާރަތު' ދޫކޮށްލުމަކީ އަންޕޮރޮފެޝަނަލް ކަމެއް!
 
ޕްރިޔަންކާގެ ޝޫޓިންތައް ކުރިން ފެށުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރުގައި
 
އެންގޭޖްމަންޓާ ގުޅިގެން ފިލްމް ދޫކޮށްލި ވާހަކަ ބުނެފައިވޭ

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާ ޝޫޓް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ބާރަތު" ދޫކޮށްލުމުން ފިލްމްގެ ޕްރޮޑިއުސަރުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ފިލްމްގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ޕްރިޔަންކާއަށް ހެޔޮއެދުން ފާޅުކޮށް ޓްވީޓްކުރި ނަމަވެސް "ބާރަތު" ގެ މުޅި ޓީމުން ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ އެންގޭޖްމަންޓް ފާހަގަ ކުރަން ބޭނުމެއް ނުވެއެވެ.

ޒަފަރު ކޮށްފައިވާ ޓްވީޓުއްގައި ވަނީ ޕްރިޔަންކާ މި ފިލްމް ނުކުޅެ، ދޫކޮށްލާފައި ވަނީ "ވަރަށް ވަރަށް ޚާއްސަ ސަބަބަކާ ހުރެ" ކަމަށާއި ޕްރިޔަންކާ އެވާހަކަ ބުނެފައި ވަނީ އެންމެ ފަހު ވަގުތު ކަމަށެވެ. އަދި އެންމެން ވެސް ޕްރިޔަންކާއަށްޓަކައި ވަރަށް އުފާވާ ކަމަށް ޒަފަރު ވަނީ ބުނެފައެވެ. 'ބާރަތު'ގެ ޓީމުން ޕްރިޔަންކާ އަށް އުފާވެރި ދިރިއުޅުމަކަށް އެދޭ ކަމަށް ވެސް ޒަފަރުގެ ޓްވީޓްގައި ވެއެވެ.

ޕްރިޔަންކާގެ މި ކުއްލި ނިންމުމާ މެދު ހިތްހަމަނުޖެހި ފިލްމްގެ ޕްރޮޑިއުސަރ އަތުލް އަގްނިހޯތްރީގެ "ރީލް ލައިފް ޕްރޮޑަކްޝަންސް" ގެ ސީއީއޯ ނިކިލް ނަމިތު ބުނެފައި ވަނީ ޕްރިޔަންކާގެ މި ނިންމުމަކީ އަންޕްރޮފެޝަނަލް ނިންމުމެއް ކަމަށެވެ.

"މިޑް ޑޭ" އަށް ނިކިލް ބުނެފައި ވަނީ މީގެ ދެ ދުވަސް ކުރިން ޕްރިޔަންކާ އޭނާގެ އެންގޭޖްމަންޓާ ގުޅިގެން ފިލްމް ދޫކޮށްލި ވާހަކަ ބުނެފައިވާ ކަމަށެވެ. ކުއްލިއަކަށް އެގޮތަށް ނިންމުމަކީ އަންޕްރޮފެޝަނަލް ކަމެއް ކަމަށް ނިކިލް ވަނީ ބުނެފައެވެ.

އެހެން އިންޓަވިއުއެއްގައި ނިކިލް ބުނެފައި ވަނީ ޕްރިންކާ މި ފިލްމް ދޫކޮށްލީ ފިލްމުގައި އަދާކުރަންޖެހޭ ރޯލް ކުޑަކަމުން ކަމަށް އަޑުފެތުރިފައިވާތީ އެކަން ސާފުކޮށްދީފައިވާ ކަމަށެވެ. އަދި މީހާތަނަށް ޕްރިޔަންކާގެ ސްކްރީން ޓެސްޓެއް އަދި ލުކް ޓެސްޓެއް ވެސް ހަދާފައި ނުވާ ކަމަށާއި އެކަންކަން ކުރުމަށް ރާވާފައި އޮތީ އަންނަ އޮގަސްޓް މަހުގައި ކަމަށެވެ.

ފިލްމުގެ ޝޫޓިންތައް ފަށާފައި ވެސް ނުވާ ކަމަށާއި ޝެޑިއުލް ކޮށްފައިވާ ގޮތުން ޝޫޓިންތައް ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގައި ކަމަށް ނިކިލް ބުންޏެވެ. ޕްރިޔަންކާ ފިލްމް ދޫކޮށްލާފައި ވަނީ ޔަގީނުން ވެސް އޭނާގެ އަމިއްލަ ސަބަބަކާ ހުރެ ކަމަށާއި ފިލްމް ދޫކޮށްލީ ކީއްވެގެންކަން އެންމެ ރަނަގަޅަށް އެނގޭނީ ޕްރިޔަންކާ އަށް ކަމަށް ނިކިލް ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު އަލީ އައްބާސް ޒަފަރު ކޮށްފައިވާ އެހެން ޓްވީޓެއްގައި ވަނީ "ބާރަތު" ގެ ޝޫޓިންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި ފިލްމުގެ ބަތަލާއެއްގެ ރޯލް ކުޅޭނެ ތަރިއެއްގެ ނަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

 ސަލްމާން ޚާންއާ އެކު "ބާރަތު" ގެ ލީޑް ރޯލުން ފެނިގެންދާނެ ބަތަލުންގެ ތެރޭގައި ކެޓްރީނާ ކައިފް އަދި ޖެކްލީން ފެނާންޑޭޒްގެ ނަން ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ޝެޑިއުލް ކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 29 ގައެވެ. މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ސުނިލް ގްރޯވާ، އަދި ދިޝާ ޕަޓާނީ ހިމެނެއެވެ. މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ޒަފަރު ވަނީ ފުރަތަމަ ފެނިލުން ދައްކާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް