ދީޕިކާ ޕަދުކޯން އާއި އޭނާގެ ލޯބިވެރިޔާ ރަންވީރު ސިންގް މިއަހަރުގެ ފަހުކޮޅު ކައިވެނި ކުރާނެކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެދެމީހުންގެ ކައިވެނި އަންނަ ނޮވެމްބަރު މަހުގެ 10 ގައި އޮންނާނެއެވެ.
ދީޕިކާއާއި ރަންވީރު ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްވެ ކައިވެނި ކުރަން އުޅުނު ނަމަވެސް އޭނާއާއި ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލައެވެ.
ދާދިފަހުން ވާވް މެގަޒިންއަށް ދީޕިކާ ދީފައިވާ އިންޓަވިއުގައި ދީޕިކާ ބުނެފައިވަނީ ދުވަހަކުވެސް މީހަކަށް ބޭވަފާތެރި ނުވާކަމަށެވެ. އެހެން ނަމަވެސް އޭނާ މީގެ ކުރިން ރައްޓެހިވި މީހަކު ބޭވަފާތެރިވުމުން ދެރަވެ ހިތާމަ ކުރިކަމަށާއި އެކަމުން އަރައިގަންނަން ވަރަށް ދުވަސް ނެގިކަމަށް ދީޕިކާ ބުނެފައިވެއެވެ.
ދީޕިކާ ބުނީ އޭނާ އެމީހަކަށް ދެ ފުރުސަތު ދިން ކަމަށާއި އެއީ އޭނާއަށް ކުރެވުނު މޮޔަކަމެއް ކަމަށެވެ. އަދި އޭނާ ދެވަނަ ފުރުސަތު ދިނީ ހެޔޮއެދޭ އެންމެނާ ދެކޮޅަށް އެމީހަކު އާދޭސްކުރުމުން ކަމަށާއި ދެވަނަ ފަހަރަށް ބޭވަފާތެރިވީ ތަން އޭނާއަށް ހަމަލޮލަށް ފެނުނުކަމަށެވެ. ބޭވަފާތެރިވުމުން އެމީހަކަށް އޮންނަ ލޯތްބާއި އިހުތިރާމް ގެއްލިދާކަމަށް ދީޕިކާ ވަނީ ބުނެފައެވެ.
ދީޕިކާގެ މި އިންޓަވިއުގައި ވަކި މީހެއްގެ ނަމެއް ފާހަގަކޮށްފައި ނުވި ނަމަވެސް އޭނާ އެދައްކަނީ ރަންބީރުގެ ވާހަކަތައްކަމަށް އެކިފަރާތްތަކުން ބުނެއެވެ.
ރަންބީރު ކަޕޫރު ދީޕިކާއަށް ބޭވަފާތެރިވީ ފިލްމީ ތަރި ކެޓްރީނާ ކައިފްގެ ސަބަބުން ކަމަށްވެއެވެ. މިއީ ދީޕިކާ އޭނާގެ ކުރީގެ ލޯބިވެރިޔާއާއި ބެހޭގޮތުން ވާހަދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ނޫސްވެރިއަކު އޭނާގެ ލޯބިވެރިޔާ އެހެން ތަރިއަކާއި އެކު އެނދުމަތިން ފެނިއްޖެނަމަ ހަދާނީ ކިހިނެއްތޯ އެހުމުން ދީޕިކާ ބުނީ ދެވަނަ ފަހަރަށް އެމަންޒަރު ބަލަން ބޭނުންނުވާކަމަށެވެ.