ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 10:37
ސަންޖޫގެ ޕޯސްޓަރު
ސަންޖޫގެ ޕޯސްޓަރު
ޓްވިޓަރ
ބޮލީވުޑް
ސަންޖޫގެ އާމްދަނީ 300 ކްރޯޑަށް އަރަނީ
މިފިލްމަށް މިހާތަނަށް 265.48 ކްރޯޑް ރުޕީސް ލިބިފައިވޭ
"ސަންޖޫ" މި ފިލްމުން ވަނީ ގިނަ ރެކޯޑްތަކެއް މުގުރާފަ

ފިލްމް ރިލީޒް ކުރިތާ ހަފްތާއެއްގެ ތެރޭފައި 200 ކްރޯޑް ކްލަބަށް ވަދެފައިވާ ރާޖް ކުމާރު ހިރާނީގެ  ފިލްމް "ސަންޖޫ" އަށް ލިބުނު އާމްދަނީ ދިހަ ދުވަސް ތެރޭގައި މިވަނީ 250 ކްރޯޑް ރުޕީސް އަށްވުރެ މައްޗަށް އަރައިގެން ގޮސްފައެވެ.

ލީޑް ރޯލުން ރަންބީރު ކަޕޫރު ފެނިގެންދާ މި ފިލްމްގެ ޕްރޮޑިސަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިފިލްމަށް މިހާތަނަށް 265.48 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށާއި 300 ކްރޯޑްގެ ކުލަބަށް ވަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"ސަންޖޫ" މި ފިލްމުން ވަނީ ގިނަ ރެކޯޑްތަކެއް މުގުރާފައެވެ. އެގޮތުން 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ ފިލްމަކަށް ސަންޖޫ ވަނީ ވެފައެވެ.

މި ފިލްމަށް ފުރަތަމަ ދުވަހު ވަނީ 34.75 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަކަށްވެސް ވެފައިވަނީ "ސަންޖޫ" އެވެ. މިފިލްމަށް ހަފްތާ ބަންދުގައި 119.33 ކުރޯޑް ރުޕީސް ލިބިފައިވެއެވެ. މީގެ އިތުރުން މިފިލްމަކީ ރަންބީރު ކަޕޫރު ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ފިލްމެވެ.

އަދި ރަންބީރު ކުޅުނު ފިލްމް ތަކުގެ ތެރެއިން ހަފްތާ ބަންދުގައިވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައިވަނީ މިފިލްމަށެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓް ކުރި ފިލްމް ތަކުގެ ތެރެއިންވެސް ފިލްމް އެޅުވި ފުރަތަމަ ދުވަހާއި ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކީ "ސަންޖޫ" އެވެ.

މީގެ އިތުރުން "ސަންޖޫ" ވެފައިވަނީ ވަކި ވަކިން ދުވާލަކަށް ބަލާއިރު އެއްދުވަހުން އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށެވެ. ފިލްމް ރިލީޒް ކުރި ފުރަތަމަ އާދީއްތަ ދުވަހު މި ފިލްމަށް 46.71 ކްރޯޑް ރުޕީސް ލިބިފައި ވެއެވެ. ބޮލީވުޑް ފިލްމްތަކުގެ ތެރެއިން ދުވާލެއްގެ އާމްދަނީ އަށް ބަލާއިރު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މި ފިލްމަށެވެ.

ސަންޖޫ ރިލީޒް ކުރުމުގެ ކުރިން މި ރޯކްޑް އޮތީ "ބާހްބަލީ" އަށެވެ. އެފިލްމަށް ލިބިފައިވަނީ ދުވާލެއްގެ މައްޗަށް 46.50 ކްރޯޑް ރުޕީސް އެވެ.

"ސަންޖޫ" މި ފިލްމުގައި ފެނިގެން ދަނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީ ދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ.

މިފިލްމްގައި ސަންޖޭ ދަތުގެ ރޯލުން ފެނިގެންދަނީ ރަންބީރު ކަޕޫރެވެ. މީގެ އިތުރުން މަނީޝާ ކޮއިރާލާ، ޕަރޭޝް ރާވަލް، ދިޔާ މިރްޒާ، ސޯނަމް ކަޕޫރު، ވިކީ ކައުޝަލް، ޖިމް ސާރބް އަދި އަނުޝްކާ ޝަރުމާއެވެ.

 

 

 

- ކޮމެންޓް