އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯވ، "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" ދިގު ބްރޭކަކަށް ފަހު އަންނަ މަހު ފަށާނެއެވެ.
އޮގަސްޓް 5ގައި ފަށާ ސީޒަނަކީ 2007 ވަނަ އަހަރު ފަށާފައިވާ މި ޝޯވގެ 15ވަނަ ސީޒަނެވެ.
"ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް"އިން ފެނިގެން ދަނީ އެމެރިކާގެ އެންމެ ވަަރުގަދަ އެއް އާއިލާގެ އާންމު ދިރިއުޅުމެވެ. އެ ގޮތުން ފެޝަން އައިކަން އަދި ބިޒްނަސް މޯގަލް ކިމް ކާޑޭޝިއަން ވެސްޓް، އޭނާގެ ދައްތަ ކޯޓްނީ އަދި ކޮއްކޮމެން ކްލޯއީއާއި ރޮބް ޝޯވ އިން ފެނިގެންދެއެވެ. މީގެ އިތުރުން، މި މީހުންގެ އެއް ބަނޑު ކޮއްކޮމެން ކެންޑަލްއާއި ކައިލީ ޖެނަރ އާއި އެންމެންގެ މަންމަ ކްރިސް ޖެނަރވެސް ފެނިގެންދެއެވެ. އަދި އެންމެންގެ އާއިލާތަކާއި އެކުވެރިންތައް ވެސް ޝޯވ އިން ފެނެއެވެ. މި އާއިލާގެ އެންމެންނަކީ ވެސް މިހާރު "ޕޮޕް ކަލްޗަރ"ގައި ފާހަގަކޮށްލެވޭ ބައެކެވެ.
އެއް ސީޒަންގައި ކްރިސްއާއި ލޯބިވެރިޔާ ކޯރީ ގޭމްބްލް ރާއްޖެ އައިސް އުޅޭ މަންޒަރު ވެސް ފެނެއެވެ.
ސީޒަން 15ގެ ފުރަތަމަ ޓްރެއިލަރ ރިލީޒް ކޮށްފައިވާ އިރު، ވަރަށް "ޑްރާމާ" ގިނަކަން ފާހަގަ ވެއެވެ. ކިމްއާއި ދައްތަ ޒުވާބުކޮށް، ކޯޓްނީ މިހާރު ކާޑޭޝިއަންއަކަށް ވާން ބޭނުން ނުވާކަމް ކިމް ތުހުމަތު ކުރާތަން ފެނެއެވެ.
މީގެ އިތުރުން، ކޮންމެވެސް ފިރިހެނަކަށް އިޝާރާތްކޮށް އެއީ އަދިވެސް އެ އާއިލާގެ މީހެއް ކަމަށް މަންމަ ކްރިސް ބުނުމުން، އެމީހުންގެ ބައްޕައަކީ އަދިވެސް އާއިލާ މެމްބަރެއްތޯ ކެންޑަލް އަހާ އަޑު އިވެއެވެ. "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" ކުރިއަށް ދަނިކޮށް، ކެންޑަލްއާއި ކައިލީގެ ބައްޕަ ބްރޫސް ޖެނަރގެ ގިނަ ބަދަލުތަކެއް އައިސް އޭނާއާއި ކްރިސްއާ ވަނީ ގިނަ މައްސަލަތަކެއް ޖެހިފައެވެ. ޖެހުނު މައްސަލަތައް ބޮޑުވީ ދެ މީހުން ވަރިވި ފަހުން އެ މީހުންގެ ބައްޕަ ރިލީޒް ކުރި ފޮތެއްގައި ކްރިސްއަށް ގިނަ ތުހުމަތުތަކެއް ކުރުމުގެ ސަބަބުންނެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި ދެ މީހުން މިހާރު ވާހަކަވެސް ނުދައްކައެވެ.
ނަމަވެސް ޓްރެއިލަރ ހަމަ އެކަނި ފެންނަނީ ހިތާމަވެރި މަންޒަރުތަކެއް ނޫނެވެ. ދާދި ފަހުން އަލަށް މަައިންނަށްވި ކްލޯއީ ކައިލީ ބަލިވެއިން އިރާއި ވިހެއްމަށް ފަހު ދަރިންނާ އެކު ފެނެއެވެ.
"ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް"އަށް ގިނަ އެވޯޑްތައް ލިބިފައިވެއެވެ