ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ބްރެޑް ޕިޓާއި ލިއޮނާޑޯ ޑިކެޕްރިއޯ އެކީގައި އަންނަ އަހަރު ފިލްމަކުން ފެނިގެން ދާނެއެވެ.
"ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އަށް ދެ މީހުން ސޮއިކޮށްފައިވާ އިރު، ފިލްމްގެ ޝޫޓިންގ މިހާރު ވަނީ ފަށައިފައެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މަޝްހޫރު ޑައިރެކްޓަރ ކުއެންޓިން ޓެރެންޓީނޯ ލިޔެފައިވާ މި ވާހަކާގައި ފެނިގެންދާނީ 1969 ވަނަ އަހަރު ކުރިއަށް ދިޔަ "ޗާލްސް މޭންސަން މަރޑަރސް" ތެރޭގައި ހޮލީވުޑްގައި ކަންތައް ހިނގި ގޮތެވެ.
މި ފިލްމްގައި ޑިކެޕްރިއޯ ފެނިގެންދާނީ 'ރިކް ޑެލްޓަން' ކިޔާ ޓީވީ އެކްޓަރެއްގެ ރޯލުންނެވެ. އަދި ޕިޓްއަކީ ކްލިފް ބޫތު ކިޔާ ސްޓަންޓް ޑަބަލްއެކެވެ. ރިކް ޑެލްޓަންއަކީ މަޝްހޫރު ފިލްމީ ތަރި ޝެރޮން ޓޭޓްގެ އަވަށްޓެރިއެކެވެ.
ބަޔަކު ވަނީ 1969 ވަނަ އަހަރުގެ އޮގަސްޓް މަހު، ޓޭޓް ގެއަށް ވަދެ ހަމަލާދީ މަރާލާފައެވެ. އޭނާ މަރާލީ ވިހަން ދެ ހަފްތާއަށް ވެފައި ވަނިކޮށެވެ. ޓޭޓް އާއި ގާތް އެކުވެރިންތަކެއް ގޭގައި ތިއްބާ ހަމަލާދީ މަރާލާފައި ވަނީ ޗާލްސް މޭންސަން "ފެމިލީ" ބައެއް ނުވަތަ ފޮލޮވަރުންތަކެކެވެ.
ޝެރަން ޓޭޓްގެ ރޯލުން ފެނިގެންދާނީ މާގޯ ރޮބީއެވެ. މީގެ އިތުރުން ވެސް ބޮޑެތި އެކްޓަރުން މި ފިލްމުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އަލް ޕަޗީނޯ، ބަރޓް ރެނޮލްޑްސް، ޖޭމްސް މާސްޑަން، ޑެމިއަން ލުއިސް އަދި ޑަކޯޓާ ފެނިންގ ހިމެނެއެވެ.
"ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 9 ވަނަ ދުވަހެވެ. އެ ދުވަހަކީ "މޭންސަން ފެމިލީ" އިން ސުޕަރމާކެޓް އެގްޒެކެޓިވް ލެނޯ ލަބިއަންކާ އާއި އަންހެނުން ރޯޒްމެރީ މަރާލިތާ 50 އަހަރު ފުރޭ ދުވަހެވެ. އަދި 8 އޮގަސްޓް 1969 ގައި އެމީހުން ހަމަލާ ދިން ޝެރޮން ޓޭޓް ވެސް މަރުވެފައި ވަނީ އެ ދުވަހެެވެ.
މީގެ ކުރިން ޓެރެންޓީނޯ ވަނީ ޑިކެޕްރިއޯ އަދި ޕިޓްއާ އެކު ވަކިން މަސައްކަތްކޮށްފައެވެ. އެ ގޮތުން، 2009 ވަނަ އަހަރުގެ 'އިންގްލޯރިއަސް ބާސްޓަޑްސް' ގައި ޕިޓްއާ އެކު މަސައްކަތް ކޮށްފައިވާ އިރު، ޑިކެޕްރިއޯއާ އެކު މަސައްކަތް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ 'ޖޭންގޯ އަންޗެއިންޑް' އިންނެވެ. ނަމަވެސް މިއީ ޑިކެޕްރިއޯ އާއި ޕިޓް އެކީގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
ބްރެޑް އާއި ޑިކެޕްރިއޯ ފިލްމްގެ ކޮސްޓިއުމްގައި ފެންނަ ފޮޓޯއެއް ޑިކެޕްރިއޯ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފައެވެ. ބުދަ ދުވަހުގެ ހަވީރު ޝެއާކޮށްފައިވާ މި ފޮޓޯއަށް 1.8 މިލިއަނަށް ވުރެ ގިނަ ލައިކް ވަނީ ލިބިފައެވެ.