ވޭތުވެދިޔަ މަހެއްހާ ދުވަހަށް ބަލާލާއިރު މަގުމަތީ އެކްސިޑެންޓުތަކުގެ އަދަދު މަދެކޭ ނުބުނެވޭނެ އެވެ. އާދައިގެ އެކްސިޑެންޓުތަކުން ފެށިގެން ސީރިއަސް ޒަހަމްތަކާއި މީހުން މަރުވެފައިވާ އެކްސިޑެންޓުތައް ހިންގާފައި އެބަ ހުއްޓެވެ.
ޖޫން މަސް ފެށިގެން ފުރަތަމަ 10 ދުވަސް ނިންމާލިއިރު، ހަމައެކަނި ހުޅުމާލޭގައިވެސް ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އެ އެކްސިޑެންޓްތަކުގައި ޒުވާނަކު މަރުވިއިރު، ބައެއް ޒުވާނުން އަދިވެސް ތިބީ ހޮސްޕިޓަލުގަ އެވެ. ލިބިފައިވާ ބޮޑެތި ޒަހަމްތަކާއިއެކު އެ ޒުވާނުންގެ ހާލު ސީރިއަސްކަމަށް ޑޮކްޓަރުން ބުނެ އެވެ.
ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، އެކަމުގައި ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ސަރުކާރަށެވެ. ނަމަވެސް ފާޑުކިޔާ ހުރިހާ ފަރާތްތަކުންވެސް އިއްތިފާޤްވާ އެއްކަމެއް އޮވެ އެވެ. އެއީ ވެހިކަލް ދުއްވާ ފަރާތުން ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ދުއްވާކަމުގައިވާނަމަ އެކްސިޑެންޓުތައް ހިނގުމަކީ ނާދިރުކަމެއް ކަމަށް އެ ފަރާތްތަކުންވެސް ގަބޫލުކުރެއެވެ.
އެކަން އެގޮތަށް އޮތްކަމުުގައިވީނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި އެކްސިޑެންޓުތައް އިތުރުވުމުގައި ސަރުކާރުގެ އިހުމާލްތައް ގިނަ އެވެ. އެގޮތުން ފުލުހުން، އެންމެ އެކަށީގެންވާ ގޮތުގައި މަގުތައް ނުބެލެހެއްޓުމަކީ އެއް މައްސަލަކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެހެނީ ހުޅުމާލެއަށް އެކަނި ބަލާކަމުގައިވާނަމަވެސް ދެތިން ސަރަހައްދެއްގައި ބެރިކޭޑްތައް ތަރުތީބް ކޮށްލުމުގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން މާ ގިނަ ފިޔަވަޅުތަކެއް އަޅާތަނެއް ނުފެނެވެ. އެ ބެރިކޭޑްތައްވެސް އިރުއޮއްސި ފިނި ބުރައް ނުކުންނަންވާއިރަށް ނައިގައި، މަގުތައް ހުޅުވާލަ އެވެ.

ރައްޔިތުުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވިގޮތުގައި ސިޔާސީ މީހުންގެެ ފަހަތުން ދުވުމަށް ފުލުހުންގެ ވަސީލަތްތައް ބޭނުންކުރުމުގެ ބަދަލުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ވަކިން ހާއްސަކޮޮށް މަގުމަތީގެ ސަލާމަތްތެރިކަމަށް ފުލުުހުން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އޭނާ ވަނީ އިދާރާތަކުގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ކުރިމަތިވާ އިހުމާލްގެ މައްސަލަތަކުގައި އަދާރާތައް ޖަވާބުދާރީ ނުކުރެވޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
. @Policemv has exhausted all of the available resources running behind politicians. Local authorities are not being held to account for gross negligence of their duty.
— Mohamed Ameeth (@MohamedAmeeth) June 9, 2018
Yes, we all have a shared responsibility & relevant Authorities should initiate steps to ensure road safety. https://t.co/BElixIeBDB
އަމީތެކޭ އެއްފަދައިން، އެކްސިޑެންޓުތައް އިތުރުވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްވެސް ވަނީ ކަންބބޮޑުވުުން ފާޅުކުރައްވާފަ އެވެ. ފައިސަލްވެސް ދެކިވަޑައިގަންނަވާ ގޮތުގައި އެކްސިޑެންޓުތައް ހުއްޓުވުމަށް ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަންޖެހެ އެވެ.
ފައިސަލް ވވިދާޅުވީ މަގުމަތީގައި ހިނގަމުންްދާ ނުރައްކާތެރި އެކްސިޑެންޓުތަކާއިމެދު ފުންކޮށް ވިިސްނާ ސަމާލުވުން އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުންވެސް ހާއްސަ ފިޔަވަޅުތަކެއް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭކަމަށާއި، މަގުތައް ޑިޒައިން ކުރެވޭއިރު، އެކްސިޑެންޓުތައް މަދުކުރެވޭނެ ވިސްނުންތައް ގެނންގުޅެންޖެހޭކަމަށް ފައިސަލް ވިދާޅުވި އެވެ.
Magumatheega hingamundha nurakkatheri accident thaka medhu funkoh visna samaalu vun ithuru kuranjehey adhi @PoliceMv in eba jehey khassa fiyavalhu thakeh Rayyithunge rakkatherikamah alhan. Adhi maguthah design kurevey iru accident thah madhu kureveyne visun gengulhen jehey.
— Faisal Naseem (@FaisalNasym) June 9, 2018
އެކްސިޑެންޓުތައް ހުއްޓުވުމަށް ފުލުހުންގެ ޒިންމާ ބޮޑުކަމާއެކު، މަގުތައް ބަލަހައްޓާ ސަރުކާރުގެ އިދާރާތަކުގެ ޒިންމާވެސް ބޮޑު އެވެ. އެހެނީ ވެރިރަށް މާލެއާއި، ހުޅުމާލޭގެ މަގުތަކުގައި ހުންނަ މަގުމަތީ ނިޝާންތައް ފެންނަން ހުންނަނީ ކިތައް މަގުގައިތޯ އެވެ. ބައެއް ބޯޑުތަކުގެ ކުލަ ވެއްޓި، އެއްކޮށް ހަލާކުވެފައި ހުންނައިރު، ރަނގަޅަށް އިންނަ ބޯޑެއް ކަމުގައިވާނަމަ އިންނަނީ ކޮންމެވެސް ގޮތަކުން ނިވާވެފައެވެ. ދުއްވާ ފަރާތަށް އެއިން ބޯޑެއް ނުފެންނާނެ ގޮތަށެވެ.
ހަމަޔަށް ފެންނަން އިންނާނީ މަދު ބޯޑެކެވެ.
މަގުމަތީގައި ހުންނަ މަގު ހުރަހެއް، ސްޕީޑް ބްރޭކަރެއް ފެންނާކަށް ނުހުރެ އެވެ. ހުޅުމާލޭގައިނަމަ ރޭގަނޑުގެ ވަގުތުގައި ސްޕީޑް ބްރޭކަރެއް ފެންނަނީ ވަރަށް ގަދަޔަށް އަވިދޭ ދުވަހެއްގަ އެވެ. ނުވަތަ ސްޕީޑް ބްރޭކަރުގެ މައްޗަށް އެރުމުންނެވެ. އެހެން ނޫންކަމުގައިވާނަމަ ކުލަވެއްޓި ހަލަކުވެފައި ހުންނަ ސްޕީޑް ބްރެކަރުތައް ހުންނަނީ ދުއްވާ މީހާއަށް ފެންނަގޮތަކަށް ނޫނެެވެ.

ސްޕީޑް ބްރޭކަރުތަކުގެ އިިތުރުން މަގު ހުރަސްތަކުގެ ހާލަކީވެސް ހަމައެއީ އެވެ. އެއިން ކުރެހުމެއްގެ ކުލައެއް އަައު ކޮށްލުމަކީ ކަމާއިބެހޭ އިދާރާތަކަށް ކޮށްލެވޭ ވަރުގެ ކަަމަކަށް އޮންނަނީ ނުވެފަ އެވެ. އޭގެއިތުރުން ކޮންސްޓްރަކްސަން ސައިޓުތަކުންނާއި، ބޮޑެތި ވެހިކަލްތަކުން ފައިބާ ހިލަތަށްވެސް އޮންނަނީ މަގުމަތީގައެވެ. ކަމާއިބެހޭ އިދާރާތަކަށް އެކަމަށް ހައްލެއް ހޯދައިނުދެވޭއިރު، ހިލަތަށް މަގުތަކުގައި އޮންނަތާ އެތަށް ދުވަހެއްވާއިރުވެސް ސާފުކޮށްލެވޭކަމަކަށް ނުވެ އެވެ.
މިއިން ކޮންމެކަމަކީވެސް އެެކްސިޑެންޓުތައް މަދުކުރުމަށް ކޮންމެހެން ހައްލުކުރަންޖެހޭ ކަންތައްތަކެވެ. އިދާރާތަކުގެ އިހުމާލްތައް އެކަމުގައިވާކަންކަމެވެ.
އެކްސިޑެންޓްތަކާއި ގުޅިގެން ފާޑުކިޔާ ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަނީ މި ދެންނެވި ކަންކަން އެގޮތަށް ހުރުމާއި ގުޅިގެންނެވެެ. ރޯޑްވާދިނަސް އާއި، އެކި ނަންނަމުގައި ރައްޔިތުން ސަރުކާރަށް ފައިސާ ދައްކަނީ މަގުތަށް ރަނގަޅަށް މަރާމާތުކޮށް ބެލެހެއްޓުމަކަށް ކަމަށްވަތީ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާ ނަގައިގެން ތިބެމެ، އެކަންކަން ހައްލުުނުކޮށްދޭތީ އެވެ.
އޭގެއިތުރުން ފާޑުކިޔާފަރާތްތަކުން ގަބޫލލުކުރާގޮތުގައި "އެއްލަކިން ލައިސެންސް"ގެ ނަމުގައި ސަރުކާރުން ސިޔާސީ މަންފާއެއް ހޯދުމަށް ކުރިއަށްގެންދިޔަ ލައިސެންސް ޕްރޮގްރާމަކީވެސް މަގުތައް އިތުރަށް ނުރައްކަލުގެ ތެރެޔަށް ވައްޓުވާލިކަމެކެވެ.
ލައިސެންސް ދޫކުރުމަށް މީގެކުރިން އޮންްނަނީ ހަރަކުށި އުސޫލުތަކެއް ނަމަވެސް، ސަރުކަރުން ކުރިއަށްގެންދިޔަ "އެއްލަކިން ލައިސެންސް" ޕްރޮގްރާމްގައި ހަމައެކަނި ބަލާފައިވަނީ ސައިކަލު ކޮންޓްރޯލްކޮށްލެވޭތޯ އެކަނި އެވެ. ކިތަންމެ ނުފަރިތަ ނަމަވެސް، ރައީސް އޮފީސް ވަށައި ބުރެއްޖެހުމުން ލައިސެންސް ވަނީ ދޫކޮށްފަ އެވެ. ގަވައިދުން ސިޤްނަލްދޭތޯއެއް ޕާކްކުރެވޭތޯ އެއް ނުވަތަ އެހެންކަމަކަށް ބެލުމެއް ނޯވެއެވެ.

އެކްސިޑެންޓުތައް މަދު މުޖުތަމައުއަކަށް ވާސިލްވުުމަށް ހުރިހާ ފަރާތްތަކުންވެސް އެ ފަރާތްތަކުގެ ޒިންމާ އަދާކުރަންޖެހެ އެވެ. ވެހިކަލް ދުއްވާ މީހާއިން ފެށިގެން ދައުލަތުގެ އިދާރާތަކުގެ ވެރިންވެސް އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހެ އެވެ. އެހެން ނޫންކަމުގައިވާނަމަ ކުރިއަށް އޮތް މުސްތަޤުލުގައިވެސް އެކްސިޑެންޓުތައް އިތުރުވެ، އިތުރު ޒުވާނުންތަކެއް އަޅުގަނޑުމެންގެ މި މުޖުތަމައުއިން ގެއްލިގެން ދިއުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.